ހަބަރު

ރޯދަ މަހަށް މައުމޫން ގެއަށް ބަދަލުކޮށްދޭން ނަސްރީނާ އެދިވަޑައިގެންފި

May 17, 2018
3

ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް ކްރިމިނަލް ކޯޓާއި ޕީޖީގައި އެދިވަޑައިގެންފި އެވެ.

ނަސްރީނާ އިބްރާހިމް ޕީޖީ އައިޝަތު ބިޝާމް އަށާއި ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް އާރިފްއަށް ވަކިވަކިން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މައުމޫން އަކީ މިހާރު އުމުރުފުޅުން 80 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެއް ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނު ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ސަބަބުން އެމަނިކުފާނަށް އެ ބަލީގެ އުނދަގޫތައް ކުރިމަތިވެ އަނބުރާގަނެގެން ވެއްޓުމާއި ޒަރޫރީ ބޭނުންތައް އެކަނި ނުކުރެވޭނެ ފަދަ ހާލަތަކަށް މައުމޫންގެ ހާލުކޮޅު ގޮސްފައިވާކަން ނަސްރީނާގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެފަދަ ހާލަތެއް މައުމޫންއަށް ކުރިމަތިވެފައިވާ އިރު، މި ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނު އާއިލާއާ ދުރުގައި ޖަލުގައި ބެހެއްޓުމަކީ މައުމޫންގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ނަސްރީނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނަށް އާއިލާގެ އެހީތެރިކަން ނުހަނު ބޭނުންވާނެ ކަން ވެސް ނަސްރީނާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

"މިހެން ހުރުމާއެކު ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު އަންނައިރު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ތަޙައްމަލު ކުރެއްވޭވަރަށްވުރެ ގިނަ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނޭ ކަމެއް ކަމުގައިވާނެކަން އަޅުގަނޑަށް އިހުސާސްކުރެވެއެވެ. ރޯދަފުޅު ހިއްޕެވުމާއި ރޯދަމަހަށް ހާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން އެމަނިކުފާނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ،" ނަސްރީނާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. "މިފެށޭ ބަރަކާތްތެރި ރަމަޟާން މަހު އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރެވޭނެގޮތެއް ހައްދަވައިދެއްވުން އެދި ދެންނެވީމެވެ."