އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ރާއްޖެއާ ބެހޭ ގޮތުން އެންމެ ފުރަތަމަ ކްރިޑިޓް ރޭޓިންއެއް އެކުލަވާލި، ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފި އެވެ.
ގައުމުތަކުގެ ދަރަނީގެ ހާލަތު ބެލުމަށް ފަހު، މޫޑީސް އިން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި ރިޕޯޓްގައި ބުނެފައި ވަނީ، އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ތެރެއިން ދަރަނި އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދު ނޫނީ ހައި ކޮސްޓް އޮފް ޑެބްޓް އެންމެ ބޮޑުވާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މި ސަރަހައްދުން ދެން ހިމެނޭ ގައުމުތަކަކީ، ޕާކިސްތާން، ސްރީލަންކާ އަދި މޮންގޯލިއާ އެވެ.
މޫޑީސް އިން ބުނީ، އިގްތިސާދަށް އަންނަ ޝޮކެއްގެ ސަބަބުން ނޫނީ، އިންޓަރެސްޓް ރޭޓްތަކަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުން، ލޯނުތަކުގެ އިންޓަރެސްޓް ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަންކުރާ މިންގަނޑު، އިންޓަރެސްޓް ޓް ރެވެނިއު ރޭޝިޔޯ ރާއްޖޭގައި 3.0 އަކަށް މަތިވެދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ލޯނު އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދަކީ ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ވެސް މޫޑީސް އިން ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.
މީގެ އިތުރަށް ބުނެފައި ވަނީ، ރާއްޖެއިން ވެސް ކޮންމެވެސް މިންވަރަކަށް ކުރު މުއްދަތުގެ ދަރަނިތަކަށް ބަރޯސާވުމުގެ ސަބަބުން، ދަަރަނި އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދުގެ ބުރަ އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދަށް އަންނަ ބަދަލެއްގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ސިޔާސަތަށް ބުރަ ބޮޑުވުމުގެ ފުރުސަތު އޮތްކަން ވެސް މޫޑީސް އިން ފާހަގަ ކުރެ އެވެ.
ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ދަށަށް ދާނެ ކަމަށް މޫޑީސްއިން ލަފާކުރި ގިނަ ގައުމުތަކަކީ ޗައިނާއިން ގިނަ އަދަދަކަށް ލޯނު ދީފައިވާ ގައުމުތަކެވެ. ރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާންގެ ބޭރުގެ ދަރަނީގެ ބޮޑު ބަޔެއް އޮތީ ޗައިނާއަށެވެ. މޫޑީސް އިން ފާހަގަ ކުރި ގޮތުގައި ރާއްޖެއިން ނަގާފައިވާ ބޭރުގެ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓަކީ، އާންމު މާކެޓަށް ވުރެ ލުއި ގޮތުގައި ލިބިފައިވާ ކޮންސެޝަނަލް ލޯނުތަކެވެ.
މޫޑީސް އިން ރާއްޖޭގެ ކްރިޑިޓް ރޭޓިންއެއް އެންމެ ފުރަތަމަ ހެދީ 2016 ވަނަ އަހަރު އެވެ. އެގޮތުން މޫޑީސް އިން ރާއްޖެއަށް ދީފައި ވަނީ، "ބީ-2" ރޭޓިން އެވެ. ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް އިގްތިސާދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް އިތުރުކުރުމުގެ މުހިންމުކަން މޫޑީސްއިން އޭރުވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި ވެސް މޫޑީސް އިން ރާއްޖެއަށް ދިނީ "ބީ-2 ރޭޓިން އެވެ.