ވިޔަފާރި

ރޯދަ ހަދިޔާއަށް އެންމެން ބޭނުންވީ މަސް ދަޅު!

ރޯދަ މަސް ފެށޭއިރަށް އޮފީސް ތަކުން މުވައްޒަފުންނަށް "ރޯދަ ހަދިޔާ" ދެ އެވެ. ކުރިން އާއްމު ގޮތެއްގައި ދެނީ ކަދުރެވެ. ނޫނީ ފިޔާ ބަސްތާ އެކެވެ. އެކަމަކު މިކަން ވެސް މިހާރު މިއޮތީ ބަދަލުވެފަ އެވެ. މިހާރު ރޯދަ ހަދި ޔާއަށް އެންމެ ގިނަ އިން ދެނީ މަސް ދަޅު ކޭސް ކަމަށްވެ އެވެ. މި އަހަރުގެ ރޯދަ ހަދިޔާ އަށް އެންމެން ބޭނުމީ މަސް ދަޅު ކޭހެކެވެ.

މި މަސްދަޅުގެ ކުޅިވަރު އެންމެ ރަނގަޅަށް ފެނުނީ މިދިއަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހުގެ ސަރުކާރުގެ އޮފީސްތައް ހުންނަ މައި އިމާރާތް ވެލާނާގޭގެ ލިފްޓްތައް އެރުމުން ފެނުނީ އާއްމުކޮށް ފެންނަ މަންޒަރާ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން ވެލާނާގެ ލިފްޓުން މުޅިން ވެސް ދިމާވާނީ ބޮޑެތި ފައިލް ބޮނޑި ހިފައިގެން އެއް އޮފީހުން އަނެއް އޮފީހަށް ދާ މީހުންނެވެ. ނޫނީ ކޮންމެވެސް ހިދުމަތެއް ހޯދަން ދާ ބައެކެވެ. އެކަމަކު އެ ދުވަހު ދެ ބުރަށް ވެލާނާގެ ލިފްޓަށް އެރިއިރުވެސް ފެނުނީ މަސް ދަޅު ކޭސް އުފުލާތަނެވެ. އެހެންވެ، އެއް ފަހަރު މަސް ދަޅު ކޭސް ކޮޑު ޖަހައިގެން ލިފްޓުގައި ހުރި މީހާގެ ކައިރީ އަހައިލީމެވެ.

"ހާދަ މަސް ދަޅެކޭ؟ .. ބަހާ އެއްޗެއް ތަ؟" އެކަކަށް އަހައިލެވުނެވެވެ. މަސް ދަޅު ކޭސް ކޮނޑު އަޅައިގެން ހުރި މީހާ ބުނީ އެއީ ރޯދަ ހަދިޔާ ކަމަށެވެ. ފުލްބެގީގައި ޓައީވެސް އަޅައިގެން ހުރި އެ ޒުވާނާ އޮފީހުން ދިން މަސް ދަޅު ކޭސް ކޮނޑު އަޅައިގެނެވެ.

އޭގެ، ދެ ގަޑިއިރެއް ފަހުން އަނެއްކާ ވެސް ވެލާނާގެ އަށް ވަންނަން ޖެހިއްޖެ އެވެ. އޭރު ދޭއް ޖަހައިފި އެވެ. މި ފަހަރު ދިމާވީ އަންހެން މުވައްޒަފަކާ އެވެ. ހަމަ ލިފްޓު ތެރެއިންނެވެ. އޭނާވެސް ހުރީ މަސް ދަޅު ކޭސް އުރާލައިގެންނެވެ. ހީވަނީ ކުޑަ ދަރިއެއް ކިހިލި ޖަހާލައިގެން ހުރި ހެންނެވެ. ހަމަ ޔަގީނުން ވެސް 48 ދަޅުގެ މަސް ކޭހެއް ލުޔެއް ނުވާނެ އެވެ. އެކަމަކު، މިއީ ވެސް ރޯދަ ހަދިޔާ އެވެ. އެހެންވެ ގެއަށް އެ ގެންދަން ޖެހޭނެ އެވެ.

ރާއްޖޭގައި މަސް ދަޅު ބަންދު ކުރަނީ ހަމައެކަނި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެވެ. އެހެން ކުންފުނިތަކުން މިފްކޯގެ ފެކްޓްރީގައި ބަންދުކޮށްގެން ނެރެނީ އެވެ. ނޫނީ ތައިލެންޑުގައި ބަންދުކޮށްގެން ރާއްޖެ އެތެރެ ކުރަނީ އެވެ. ރޯދަ ހަދިޔާއަށް "ބެހި" މަސް ދަޅުގެ ތެރޭގައި ގިނައިން ހިމެނެނީ މިފްކޯ މަސް ދަޅާއި އެންޒީ ބްރޭންޑުގެ ދަޅެވެ.

ކޮންމެއަކަސް ރޯދަ މަސް ވެސް ފެށުނީ އެވެ. އެއް ރޯދަ، ރޯދަ މަހާ އަލްވަލާއު ކީއިރު އަދި ވެސް ކުންފުނިތަކުގެ މުވައްޒަފުން ނަށް މަސް ކުންފުނި ތަކުން މަސް ދަޅު ކޭސްތައް ގެންގޮސް އަވަދި ވީކަމަށް ނުވެ އެވެ. މިހާރު ވެސް ކޫޕަންކޮޅުތައް ހިފައިގެން މަސް ފިހާރަތަކުގެ ކިޔޫގައި މީހުން ތިބޭނެ އެވެ. ސަބަބަކީ މި ރޯދަ މަހު ރޯދަ ހަދިޔާ އަށް އެންމެން ވެސް ބޭނުންވީ މަސް ދަަޅަށްވުމެވެ.