ދުނިޔެ

މިޔަންމާ އިން ފުރަތަމަ ފަހަރަށް ރެފިއުޖީންނަށް އެހީވެއްޖެ

May 23, 2015

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރެފިއުޖީންގެ ބަޔަކު، މިޔަންމާ އިން އިއްޔެ ފުރަތަމަ ފަހަރަށް ސަލާމަތްކޮށްފި އެވެ.

މިޔަންމާގެ އިންފޮމޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ބުނި ގޮތުގައި އިއްޔެ ހެނދުނު ހިންގި އެ އޮޕަރޭޝަންގައި ސަލާމަތްކޮށްފައި ވަނީ ދެ ބޯޓެއްގައި ތިބި 200 އެއްހާ "ބެންގާލީ" މީހުންނެވެ. "ބެންގާލީ" އަކީ ބަންގްލަދޭޝް ދޫކޮށް ވަގަށް ނުކުންނަ ރެފިއުޖީންނަށް ނިސްބަތްކޮށް މިޔަންމާ އިން ކިޔާ ގޮތެވެ.

އެ މީހުން ތިބީ، މިޔަންމާ އިން ބުނި ގޮތުގައި، އެ ގައުމުގެ ރަކީނު އަވަށާ ދިމާލުން، ބަންގްލަދޭޝްގެ ކަނޑުގެ ސަރަަހައްދުގަ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި މިހާރު ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލައިގައި ބޮޑަށް ހިމެނެނީ މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ކަމަށް ވިޔަސް، މިޔަންމާ އިން މިހާތަނަށް ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ދީފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމަށް ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ހާލުގައި ޖެހިފައި ތިބި ރެފިއުޖީންގެ ބަޔަކު މިޔަންމާ އިން ފުރަތަމަ ފަހަރަށް ސަލާމަތްކޮށްފައި މި ވަނީ، އެތައް ދުވަހެއްގެ ދެބަސްވުންތަކަށް ފަހު، ރެފިއުޖީންނަށް ވަގުތީ ގޮތުން ހިމާޔަތް ދިނުމަށް މެލޭޝިއާ އާއި އިންޑޮނީޝިއާ އިން އެއްބަސްވިތާ ދެ ދުވަސް ފަހުންނެވެ.

އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ބަންގްލަދޭޝްގެ ރެފިއުޖީންނަށް އަޅާލުމުގެ މައްސަލައިގައި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެ ކަމުގެ ޒިންމާ ނަގާނެ ގައުމަކާ މެދު ދެބަސްވުމުގެ އިތުރަށް، މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އިން ވަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލާފަ އެވެ. އެ މީހުންނަށް އެހީވާން ތައްޔާރަށް އޮތްކަން މީގެ ކުރިން ހާމަކޮށްފައި ވަނީ ހަމައެކަނި ފިލިޕީންސުންނެވެ.

އެއާ އެކު، ހަވާލުވެގެން އަންނަ އެޖެންޓުން ރެފިއުޖީން ދޫކޮށްލުމުގެ ސަބަބުން، އެތައް ދުވަހެއް ވަންދެން އެ މީހުން ތިބެންޖެހެނީ ކަނޑުމަތީގަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 3،000 މީހުން މިދިޔަ ހަފުތާގައި އެކަނި ވެސް އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތިން ސަލާމަތްކޮށްފައި ވާއިރު، ކާއެއްޗެހި ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރު ވެސް ވެފަ އެވެ.

މިއަންމާގައި ތިބި ރޮހިންޔާ މުސްލިމުންގެ އަދަދު 800،000 އަށް އަރާއިރު، މިއީ ރަށްވެހިކަމެއް ނެތި މި ގޮތަށް ބާކީވެފައި ތިބޭތާ އެތައް ޒަމާނެއްވީ، ނާޒުކު ދަރިކޮޅެވެ. މި ދަރިކޮޅުގެ މީހުންނަށް މިއަންމާ ސަރުކާރާއި ބުދު ދީނުގެ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ވަނީ ހުރިހާ ދިމާލަކުން ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ކައިވެނިކުރުމުން ފެށިގެން ވަޒީފާ އަދާކޮށް، ތައުލީމު އުނގެނުމުގެ ހައްގުން އެ މީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

ބަންގަލްދޭޝް އަށް ނިސްބަތްވާ ރެފިއުޖީންގެ ތެރޭގައި ގިނައިން ހިމެނެނީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގައުމު ދޫކޮށްދާ މީހުންނެވެ.