ރޯދަ މަހާ ރޯއްޖާ

ފަނި މީރު ހަތަރެއް: މިއަދު ބާޒާރަށް ނުދަންތަ؟

ރޯދަ މަހުގެ ރޯދަ ވީއްލާ ގަޑީގައި މީރުކޮށް ފަނި ބުއިމަކީ ދިވެހިންގެ ވަރަށް ޒަމާންވީ އާދައެކެވެ. އެންމެ އިހުޒަމާނުން ފެށިގެން ވެސް ދިވެހިންގެ ކަށީގައި ހިފާފައި ހުންނަނީ އެއް ކަމަކީ ފާޑު ފާޑުގެ ފަނި ގިރައިގެން ބުއިމެވެ.

ހާއްސަކޮށް ކަރާ ފަނި ބުއިމަކީ ވަރަށް މަޝްހޫރު ކަމެކެވެ. އެކަމަކު ރޯދަ މަހާއެކު މިހާރު ބާޒާރުގައި ފަނި ގިރައިލަން ގެއަށް ގެންދަން ރަނގަޅު އެތައް ބާވަތެއް ލިބެން އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ ބާވަތްތަކަކީ ރާއްޖޭގައި އެހާ ގިނައިން ހައްދާ އެއްޗިއްސެއް ނޫނެވެ.

1 - ޕެޝަން ފުރުޓް

ޕެޝަން ފުރުޓް ނުވަތަ ޖުމްހޫރީ މޭވާއަކީ ދިވެހިންގެ މެދުގައި މަގުބޫލު މޭވާ އެކެވެ. ރާއްޖޭގެ ގޭގޭ ގޯތީގައި ވެސް ހައްދާ މި ބާވަތުގެ މި މޭވާ މާލެ ލޯކަލް މާރުކޭޓުގައި މިހާރު ލިބެން އެބަހުއްޓެވެ. ޕެޝަން ފުރުޓް ކިލޯއެއް ވިއްކަނީ 60ރ. އަށެވެ. އަދި މިއީ ސިއްހީ ގޮތުން ބަލާއިރު ރަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ޕެޝަން ފުރުޓުން ލިބޭ ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ބޭކާރު މާއްދާތައް ހަށިގަނޑުން ނެރެ ސާފުކޮށްލަން އެންމެ ރަނގަޅު އެއް މޭވާ އެވެ. ވިޓަމިން "އޭ" އަދި "ސީ" އިން މުއްސަނދިވެފައިވާ މި މޭވާ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ދުބާއީ އާއި އިންޑިޔާއިންނެވެ.

2 - ފަޅޯ

ފަޅޮލަކީ އާއްމުކޮށް ފަނި ގިރާ އެއްޗަކަށް ނުވިނަމަވެސް، މިއީ ފަނި ވަރަށް މީރު އެއްޗެކެވެ. އަދި މިއީ ރޮލާ ކާލަން ވެސް އެންމެ މީރު އެއް މޭވާ އެވެ. ބާޒާރުގައި ފަޅޯ ކިލޯއެއް ވިއްކަނީ 40ރ. އަށެވެ. ދިވެހި ދަނޑުވެރިން ކުރިން އެންމެ ގިނައިން ހެއްދި މި ބާވަތް ރާއްޖޭގައި މިހާރު ހައްދަނީ މަދުންނެވެ. މިއީ ސިއްހީ ގޮތުން ވަރަށް ފައިދާހުރި މޭވާ އެވެ. ފަޅޮލުން ސިއްހީ ގޮތުން ލިބިދޭ އެންމެ ބޮޑު އެއް ފައިދާއަކީ ފަޅޯ ކެއުމުން ހަޖަމް ކުރުމުގެ ނިޒާމަށް ގެނެސްދޭ ލުއި ކަމެވެ.

3 - ފޭރު

ފޭރު ފަނިތައްޓެއް ބޮއިލުމަކީ ހަށިގަނޑަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދެ އެވެ. ފޭރަކީވެސް ކުރިން ރާއްޖޭގައި ގިނަ އަދަދަކަށް ހެއްދި އެއްޗެކެވެ. އެކަމަކު މިހާރު މި ބާވަތްތައް ހައްދަނީ ވަރަށް މަދުންނެވެ. ބާޒާރުގައި ފޭރު ކިލޯއެއް ވިއްކަނީ 65ރ. އަށެވެ. ސިއްހީ ގޮތުން ބަލާއިރު މިއީ ގިނަ އަދަދެއްގެ ނިއުޓްރިޝަން ލިބިދޭ މޭވާއެކެވެ. ފޭރުން އެންމެ މަތީ ދަރަޖަކަށް ލިބިދެނީ ވިޓަމިން ސީ އެވެ.

4- ކަރާ

ރޯދަ މަސް ކަރާއާ ނުލައި ނުވާނެ އެވެ. ރޯދަ ވީއްލާ ގަޑިއަށް ކޮންމެހެން ވެސް ކަރާ ފަނި ހުންނަން ޖެހޭނެ އެވެ. އެހެންވެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު އެއް ބާވަތަކީ ވެސް ހަމަ ކަރަލެވެ. ކަރާ ކިލޯއެއް މިހާރު ވިއްކަނީ 35ރ. އާއި 40ރ.އާ ދެމެދުގެ އަގުތަކެއްގަ އެވެ. ސިއްހީ ގޮތުން ބަލާއިރު ކަރާއަކީ ހަށިގަނޑުގައި ޕްރޮޓީން ލެވަލް ދައްކޮށް، ހަށިގަނޑުގައި ފެން އިތުރުކޮށްދޭ އެންމެ އެކަށީގެންވާ މޭވާއަކީ ކަރާ އެވެ.