ކުޅިވަރު

ކަންކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން: ނިއު ކޯޗް

އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި، ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް، އައިޒޯލް އަތުން 2-1 ން ބަލިވި، ނިއު ރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

އައިޒޯލް އަތުން ނިއު ބަލިވުމުން ގިނަ ބަޔަކަށް އެކަން ގަބޫލު ކުރަން ދަތިވި އެވެ. އެއީ މާލޭގައި ކުޅުނު މެޗުގައި، އައިޒޯލްއިން ލީޑް ނަގާފައި ވަނިކޮށް، ފަހަތުން އަރައި ނިއު އިން ތިން ލަނޑު ކާމިޔާބުކޮށް މެޗުން މޮޅުވުމުންނެވެ.

ނަމަވެސް އިއްޔަގެ މެޗުގައި، ނިއު އަށް މާލޭގައި އައިޒޯލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމެއް ތަކުރާރު ނުކުރެވުނެވެ. ނިއުއަށް ހަމަލާ އުފައްދަން ފުރުސަތު ތަނަވަސް ކުރެވުނީވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އައިޒޯލްގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި، އައިވަރީ ކޯސްޓްގެ ލިއޯންސެ ޑޮޑޯޒް ޒިކަހީ ކާމިޔާބު ކުރީ ލެނޑެކެވެ. އައިޒޯލްއަށް ދިން އެ ޕެނަލްޓީއާ މެދު ސުވާލު އުފެދިގެން ދިޔަ އެވެ.

ބުރުޒޮން ބުނީ ޕެނަލްޓީ ދިން ގޮތާމެދު އެއްޗެއް ބުނަން އެނގޭނީ މެޗުގެ ވީޑިއޯ އެނަލިސް ކުރުމަށް ފަހު ކަމަށެވެ.

"އެ ޕެނަލްޓީއާ ބެހޭގޮތުން ރަނގަޅަށް އެއްޗެއް ބުނެވޭނީ ވީޑިއޯ ފްޓޭޖް ބަލައި އެނަލިސް ކުރުމަށް ފަހު،" ސްޕެއިންގެ ކޯޗް ބުންޏެވެ. "އަހަންނަށް ފެނުނު ގޮތުގައި އެ މޫވް އަހަންނަށް ފެނުނީ އޮފްސައިޑް ޕޮޒިޝަނެއްގެ ގޮތުގައި."

"އަހަންނަށް ފެނުނު ބައެއް އެހެން ނިންމުންތައްވެސް އަހަރެމެންނާ ދެކޮޅަށް ނިމިގެން ދިޔަ، މިއީ ފުޓްބޯޅަ މިހެން ދިމާވެސްވާނެ އެހެންވެ އަހަރެން ކުރާނެ ޝަކުވާއެއް ނެތް."

އޭނާ ބުނީ މެޗުގައި ނިއުގެ ކުޅުންތެރިން ކުޅުނު ފިލޯސަފީ އާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މި ގުރޫޕުން ފައިނަލު ސްޓޭޖަށް ދަތުރު ކުރީ، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ބަލި ކުރި ބެންގަލޫރު އެފްސީ އެވެ.