ވާހަކަ

ވަކި

Mar 14, 2024
2

އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިގެން ހުއްޓަސް އޭރު ވެސް އަހަންނަށް އެ ހުރިހާ ކަމެއް އެނގެ އެވެ. ނޫފައިގެންފައި ހުންނަ ތަންތަން އަހަރެން ދެކެމެވެ. ދީފައި ހުންނަ އަނިޔާތަކުގެ ވާހަކަ އޭނާ އަހަންނަށް ކިޔައިދެ އެވެ. އެ އަނިޔާތައް އޭނާ އަށް ދޭ މަންޒަރު ތަކުރާރުކޮށް އަހަންނަށް ފެނެ އެވެ. އެކަމަކު ވެސް އަހަރެން ހުރީ މަންޒަރު ނުފެންނަ ކަމަށް ހެދިގެންނެވެ. ވޭނުގައި އޮވެ އެހީ އަށް އެދުނު ދަރިފުޅަށް ބީރު ކަންފަތެއް ދީގެންނެވެ. އެންމެ ރަނގަޅެވެ. އަހަރެން މިއީ ކުލުނެއް ނެތް ރަހުމްކުޑަ މަންމައެކެވެ. އެކަމަކު އަހަންނަށް ވުރެ، އަހަރެންގެ ފިރިމީހާ މާ ގޯހެވެ. އަހަރެން ކިޔައިދޭން މި އުޅެނީ އެ ވާހަކަ އެވެ. 

ހަޔާތުގެ އަނދިރިކަން އަހަރެން ދެކެފީމު އެވެ. އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ އިންތިހާ ނިކަން ގާތުން ދެކެފީމު އެވެ. އެ ލާއިންސާނީ އަމަލުތަކުގައި އަހަންނަށް ވެސް ބައިވެރިވެވިއްޖެ އެވެ. ކިޔުންތެރިން އަހަންނަށް މައާފްކުރާނެ ކަމަށް ހީކުރަމެވެ.

*** *** *

ދޮރު ހުޅުވާލާފައި އަސްމާ އެތެރެއަށް ވަނީ ނިކަން ވެސް ވަގުވަގަށެވެ. ލޮލަށް ނިދި ނައިސްގެން ނަސީމު އާއި އަހަރެން ތިބީ ސިޓިންރޫމުގަ އެވެ. ފެތުރިފައި އޮތް އަނދިރިކަމުގެ ތެރޭގައި އަސްމާގެ އިންތިޒާރުގަ އެވެ. އޭނާ ގެއަށް އަންނާނެ އިރަކަށް ކެތްމަދުވެފަ އެވެ. ދޮރު ހުޅުވާލާފައި އޭނާ ގެއަށް ވަންއިރު މެންދަމުން އަނބުރާ އެއްގަޑި ބައި ވަނީ އެވެ. މީހަކު ހޭލަފާނެ ކަމަށް ސަމާލުވެގެން އޭނާ ދޮރު ލައްޕައި އޭގައި ތަޅުލައި ނިމުނުއިރު އެ އަންހެން ކުއްޖާގެ ބޮލުގައި އޮތް ފަން އިސްތަށިގަނޑު ނަސީމުގެ ވަރުގަދަ ދެ އަތަށް އޮޅާލައިފި އެވެ. ނަސީމު އޭނާއާ ދިމާލަށް ދިޔައީ ޝިކާރައަށް ހޮރުން ފުންމައިގެންދިޔަ ވެނެއް ފަދައިންނެވެ.

"އައްދިޔޯއި. ނޫން،" ނަސީމުގެ ހަމަލާއާ އެކު އަސްމާގެ ވޭނުގެ އަޑު ނުކުތެވެ. އަހަރެން ހުރީ މަންޒަރު ބަލަން ދުރުގަ އެވެ.

އަސްމާ އެއައީ މިރޭ ވެސް، އޭނާ ހިތާވެގެން އުޅޭ ފިރިހެން ކުއްޖާއާ އެކު ބޭރަށް ގޮސްފަ އެވެ. އެކަން އޭނާ އަށް މަނާކުރީމަ ބޭރަށް ދިޔައީ ވަގަށެވެ. މާއްދާއަކުން ރަނގަޅަށް ފާސްނުވަނީ އެހެންވެގެންނެވެ. ނަމަވެސް އޭނާ އަހަންނާ ޝަކުވާކުރާނީ ބައްޕަ އަނިޔާކުރާ ވާހަކައިންނެވެ. އަދަބު އޭނާ އަށް ލިބެން ޖެހެ އެވެ. އަދަބު ނުލިބި އެ ވައްތަރުގެ އަންހެން ކުއްޖަކު މައިތިރިއެއް ނުވާނެ އެވެ. އަހަރެން ހުރީ ނަސީމަށް އެ މިނިވަންކަން ދީގެންނެވެ.

"ބަލަ ކަލޭ ކައިރީ ކިތައް ފަ-ހަ-ރު-ތަ ބުނަން ޖެހެނީ ތި ވައްތަރަށް ބޭރަށް ނުދާށޭ،" ފަނަރަ އަހަރުގެ އަންހެން ދަރިފުޅުގެ އަނގަމަތީގައި ނަސީމު އެތި ފަހަރެއް އަޅުވައިލި އެވެ. އެ ހަމަލާއާ އެކު އަސްމާ އޭނާގެ ކަކޫ މައްޗަށް ވެއްޓުނެވެ. ދެން ނިކަން ބާރަށް ރޮއިގަތީ އެވެ.

އެ އަޑު އިތުރަށް ގަދަވެގެން ދިޔައީ އޭނާގެ އިސްތަށިގަނޑުގައި ހިފައި ނަސީމު ދަމައިގަތުމުންނެވެ. ބިންމަތީގައި ދަމައިކޫއްތާފައި ގޮސް އޭނާ ވެއްދީ ކޮޓަރިއަކަށެވެ. އެއީ ނަސީމުގެ ކޮޓަރިއެވެ. އަހަރެން އެ ދިމާލަށް ދިޔައީ ތަންކޮޅެއް ފަހަތުގައި ހުރެގެންނެވެ. ކޮޓަރީގެ އެތެރެއަކަށް އަހަރެން ނުވަންނަމެވެ. މުޅިން ނުލެއްޕި ހުރި ދޮރުގެ ބޭރުގައި އަހަރެން މަޑުކޮށްލީ އެވެ. އޭރު ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރެއިން ނަސީމު އާއި އަސްމާ ފެނެ އެވެ.

ކޮޓަރިއަށް ވަދެގެން ދިޔަގޮތަށް ގޮސް ނަސީމު، އަސްމާ ހޫރާލީ އެނދު މައްޗަށެވެ. އަދި އޭނާގެ ދެ ފައިގައި ހިފައި ބަންޑުން ޖަހާލި އެވެ. އެއަށް ފަހު އަސްމާ ލައިގެން ހުރި ހަރުވާޅުގައި ހިފައި ދަމައި އިރާލި އެވެ. އެ ހިސާބުން އަހަރެން ދޮރު ލެއްޕީމެވެ. އޭރު އެހީ އަށް އެދި އަސްމާ އަހަންނަށް ގޮވަމުން ދިޔަ އަޑު ކެނޑިކެނޑިގެން އިވެމުންދެ އެވެ. އަހަރެންގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން އެ އަޑު މުޅިން ކެނޑިއްޖެ އެވެ.

*** *** *

ނަސީމުއާ އަހަރެން އެންމެ ފުރަތަމަ ދިމާވީ ދަތުރެއްގައި ގޮސް އުޅެނިކޮށެވެ. މާދޫފިނޮޅުންނެވެ. އެއީ އަހަރެން އޭރު ވަޒީފާ އަދާކުރަމުން ދިޔަ އޮފީހުގެ ކުދިންތަކަކާ އެކު ދިޔަ ދަތުރެކެވެ. އެކި މީހުންގެ އެކުވެރިން ވެސް އެ ދަތުރުގައި ބައިވެރިވި އެވެ. ނަސީމު އަކީ އޭގެ ތެރެއިން މީހެކެވެ. އެ ފިނޮޅުން އުފެދުނު ގުޅުން އަހަރެމެން ދެ މީހުން ފައްކާކުރަން ފެށީ ރެސްޓޯރެންޓްތަކުގެ އެކަހެރި މޭޒުތަކުގަ އެވެ. އެކުގައި މާލެ ވަށައިގެން ޖެހި ސައިކަލް ބުރުތަކާ އެކު އަހަރެމެން ދެ މީހުންގެ ލޯބީގެ ވަށް ބުރު ފުރިހަމަވެ އެންމެފަހުން ކައިވެނީގެ ގޮށް ވެސް ޖެހީ އެވެ. ކައިވެނިކުރީ ރައްޓެހިވިތާ އަހަރު ވެސް ނުވަނީސް އެވެ. އޭރު އަހަންނަށް 21 އަހަރެވެ. ނަސީމަށް 26 އަހަރެވެ. އަހަރެންގެ އަލަތު ކައިވެންޏެވެ. އޭނާގެ ތިން ވަނަ އެވެ.

ނަސީމު ބަދަލުވެގެން އައީ އަހަރެން ހީކުރި ކަހަލަ ފިރިއަކަށް ނޫނެވެ. އޭނާގެ އަސްލު ސިފަ އަހަންނަށް ފެނުނީ އޭނާއާ އިނދެގެން އެއް ކޮޓަރިއަކަށް ވަނުމުންނެވެ. ނަސީމަކީ އާދައިގެ ފިރިހެނުންނާ ތަފާތު މީހެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ އޭނާ އަކީ ޖިންސީ އެދުންވެރިކަމުގައި އަބަދުވެސް ފެންބޮވައިގެންފައި ހުންނަ މީހެކެވެ. އަނެއްކޮޅުން ވަރަށް އަނިޔާވެރި އެވެ. ކުދިކުދި ކަންތަކުގައި ޒުވާބުކޮށް ގަޔަށް އަތްލައި އަނިޔާކުރުމަކީ އޭނާގެ އާދައެކެވެ. އެއީ އޭނާ އަށް އުފަލެކެވެ.

ލޯބިން އުޅޭއިރު ވެސް އޭނާ ކުރަނީ އެހެން މީހުން ކޮށް އުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އެ ވާހަކަތައް މީހުންނާ ހިއްސާކުރަން ވެސް އަހަރެން ލަދުގަނެ އެވެ. އޭނާގެ މިފަދަ ގިނަ ސިފަތައް އަހަންނަށް އެނގުނީ ކައިވެންޏަށް އަހަރުވީ ފަހުންނެވެ. އޭރު އަލަތު ދަރިއަށް އަހަރެން ބަނޑުބޮޑެވެ. ލިބުނު ދަރިފުޅު އަންހެން ދަރިއަކަށްވުން އެއީ ބަދުނަސީބެކޭ ވެސް ހިތަށް އެރި އެވެ. ނަމަވެސް ނަސީމު ދެކެ އެންމެ ފުރަތަމަ ވެވުނު ލޯބީގެ ބާރާއެކު އެހެން ހުރިހާ ކަމެއް މަތިން އަހަރެން ހަނދާން ނެތުނީ އެވެ. ހުރިހާ ކަމެއްގައި ވެސް ލޯބިވާ ފިރިމީހާ އަށް އިސްކަން ދެވުނީ އެވެ. އެންމެފަހުން މި ލޯބީގައި އަހަރެން ކަނުވެ، ރަހުމްކުޑަ މަޔަކަށް ބަދަލުވެގެން ދިޔައީ އެވެ. ނަސީމު ވިސްނައިދިން ގޮތް އެންމެ ރަނގަޅުވެ ހުރިހާ ކަމެއް ވަރިހަމަ ވެސް ވީ އެވެ.

ދަރިފުޅަށް އިހްމާލުވެވުނީތީ މިއަދު އަހަރެން ހިތާމަކުރަމެވެ. ނަމަވެސް އެކަން އެ އޮތީ ވެ ނިމިފަ އެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އަސްމާ އަށް ވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފަ އެވެ. ނަސީމުގެ ވަކިން ސަލާމަތްވެ އަލުން ލޯބިވެރިޔެއްގެ އަތު ތެރެއަށް އަސްމާ އަށް ވަދެވުނީ އެތައް އަހަރެއްގެ މަސައްކަތުންނެވެ. އޭނާގެ ދިރިއުޅުމުގެ ސަފުހާތައް ކިޔާފައި އޭނާގެ ފުރަތަމަ ލޯބިވެރިޔާ ފިލީ އެވެ. ނަމަވެސް ދެ ވަނަ އަށް އޭނާގެ ހަޔާތަށް އައި ކުއްޖާ ދިޔައީ އަހަރެމެން ކިބައިން އޭނާ ސަލާމަތްކޮށްގެންނެވެ. ކައިވެނިކޮށްގެން އޭނާއާ އެކު އަސްމާ ދިޔައިރު 21 އަހަރެވެ. އެ ފިރިހެން ކުއްޖާއާ އިނީ ވެސް ނަސީމުގެ ނުރުހުމުގަ އެވެ. ނަސީމު ސަލާމަތްވީ އަސްމާއާ ހެދި އެވެ. ކަމާ ބެހޭ މީހުންނަށް އޭނާގެ މައްސަލަ ހުށަނޭޅުނީ ވެސް އަސްމާއާ ހެދި އެވެ. އޭރު ވެސް ބައްޕައަށް ދިން ގަދަރާއި ލޯބި އަސްމާގެ ހިތުގެ އެންމެ ފުން މިނުގައި ފޮރުވާފައި އޮތީމަ އެވެ. އެ ވަރުގެ ހިތްވަރު ގަދަ އަންހެން ދަރިއަކު އަހަރެން ނުދެކެމެވެ.

ނަމަވެސް އޭނާގެ ބައްޕަ ދިން އަނިޔާތަކުން އޭނާ އަށް ދުވަހަކު ވެސް އަރައެއް ނުގަނެވޭނެ އެވެ. އޭނާގެ ކައިވެންޏަށް ހަތަރު އަހަރުވީއިރު ދަރިއެއް ނުލިބިގެން އުޅެނީ ވެސް ނަސީމުގެ ވަކިތަކުން ލިބުނު ޒަހަމްތައް އަދިވެސް ރަނގަޅު ނުވާތީ އެވެ. ދަރިން ލިބޭނެ ކަމުގެ އުއްމީދު ޑޮކްޓަރުން އޮތީ ދީފަ އެވެ. ކައިވެނީގެ ކުރިން ދެ ތިން ފަހަރަކު ވެސް އަސްމާ ބަނޑުބޮޑުވި އެވެ. އެ ދަރިންތައް ވައްޓާލީ ނަސީމުގެ ބެލުމުގެ ދަށުގަ އެވެ. ޓްރިވެންޑްރަމަށް ކުރި ދަތުރުތަކުގަ އެވެ. ޑޮކްޓަރުން ބުނަނީ އަސްމާ އަށް މިހާރު ދަރިއަކު ނުލިބިގެން އުޅެނީ އޭރު އޭނާ އަށް ދީފައި ހުރި އަނިޔާތަކާ ހެދި ކަމަށެވެ. މިވަރުގެ ބޮޑު އިހްމާލެއް މަޔަކާއި ބަފައަކަށް އެމީހުންގެ ދަރިއަކަށް ވެވޭނެ ހެއްޔެވެ؟

އަހަރެން މިހާރު ދިރިއުޅެމުން މި ދަނީ އެކަންޏެވެ. ނަސީމެއް ނެތެވެ. ކައިވެނިކޮށްގެން ދިޔަ ގޮތަށް އަހަރެންގެ މޫނު ދެކިލަން އަސްމާ އެނބުރި އައިސްފައެއް ނުވެ އެވެ. އަދި އޭނާގެ ހާލު ނުބެލުމަށާއި އޭނާ ހޯދަން މަސައްކަތް ނުކުރުމަށް ދިން އިންޒާރަކީ ކަމާ ބެހޭ ފަރާތްތަކުން ނަސީމު އާއި އަހަރެން ސަލާމަތްކުރުމަށް އެއްބަސްވި ހުށަހެޅުމެވެ. އެކަމަކު ވެސް އަސްމާގެ ދިރިއުޅުން އެނބުރެމުން ދާ ގޮތް އަހަރެން މިއަދު ވެސް ސިއްރުން ބަލަމެވެ. އަހަންނަށް އެނގޭ އެއް ކަމަކީ ޑޮކްޓަރުންނަށް ދެއްކުމަށް އޭނާ އާންމުކޮށް ރާއްޖެއިން ބޭރަށް ދާ ކަމެވެ. ހައްތަހާ ވެސް ނަސީމުގެ އަނިޔާވެރިކަމެވެ.

އަހަރެން ނަސީމު ގާތުން ވަރިވީ އަސްމާ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިޔަތާ އަހަރު ފަހުންނެވެ. އެ ވަޅުގަނޑުގައި އިތުރަށް ކެތްނުކުރެވުނީ އެވެ. ނުވަތަ އެ ހިސާބުން އަހަންނަށް ހޭލެވުނީ އެވެ. ސްޓްރޯކެއް ޖެހުނު ގޮތަށް ނަސީމު އޮތީ ބަލި އެނދުގަ އެވެ. ވާތު ފަޅިން އެއްކޮށް ވާގިނެތިފަ އެވެ. އޭނާ ބަލަނީ އޭނާގެ ފުރަތަމަ ކައިވެންނަށް ލިބުނު ދަރިއެކެވެ. އެއީ ފިރިހެން ދަރިއެކެވެ. އަބަދުވެސް ނަސީމާ އެންމެ ގުޅުން ބޮޑު ދަރި އެވެ. އަދި އޭނާގެ ހަމައެކަނި ފިރިހެން ދަރި ވެސްމެ އެވެ. ނަސީމާ ބެހޭ ގޮތުން މީހުން ދައްކާ ވާހަކަ އޭނާ ގަބޫލެއް ވެސް ނުކުރެ އެވެ. އަހަންނާ ވެސް މި ފިރިހެން ކުއްޖާ ވާހަކަ ނުދައްކަނީ ނަސީމުގެ އަގު ވައްޓާލި ކަމަށް ބުނެ އެވެ. އެހެން ކަމުން ނަސީމު ބަލާލަން އޭނާ ގާތަށް ޒިޔާރަތެއް ވެސް ކޮށްލެވޭކަށް ނޯވެ އެވެ.

ނަސީމުގެ ދެ ވަނަ ކައިވެނިން ލިބުނު އަންހެން ދަރި އާއި އަސްމާގެ ގުޅުން ބޮޑެވެ. މި އަންހެން ކުއްޖާގެ އާއިލާ ވެސް ނަސީމު ދެކެ ވަރަށް ރުޅި އާދެ އެވެ. އަހަންނަށް ހުރިހާ ކަމެއް އެނގެ އެވެ. ނޭނގޭ ކަމަށް ހެދިގެން އަހަރެން ހުންނަނީ އެވެ. މިއީ އަހަރެންގެ ވާހަކަ އެވެ. އެންމެންގެ ވާހަކަ އެވެ.