ފިނިޕޭޖް

"ވަން ޑިރެކްޝަން"އަށް ސީރީޒެއް އުފައްދަނީ

ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ ޒުވާން މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން" ގެ މައްޗަށް ތައްޔާރުކުރާ ސިޓްކޮމް ސީރީޒްއެއް ގެނެސްދޭން ނިންމައިފި އެވެ. މި ސީރީޒްއަށް ކިޔާ ނަމަކީ "ހެޕީ ޓުގެދާ" އެވެ.

މި ސީރީޒް އެގްޒެކެޓީވް ޕްރޮޑިއުސްކުރަނީ އެ ބޭންޑުގައި އުޅުނު މެމްބަރު ހެރީ ސްޓައިލްސް އެވެ. ވަން ޑިރެކްޝަން އުފެދިގެން އައި ދުވަސްތަކުގައި ހިނގި ކަންކަން ދައްކުވައިދޭ މި ސީރީޒް ގެނެސްދޭނީ ސީބީއެސް ނެޓްވޯކުންނެވެ. މި ސީރީޒްގެ މައިގަނޑު ފޯކަސް އޮންނާނީ ވަން ޑިރެކްޝަނާއެކު ހެރީގެ ދިރިއުޅުމަށް އައި ބަދަލުތަކެވެ.

ހެރީ ފުރަތަމަ މި ބޭންޑާއި ގުޅުނުއިރު އޭނާ ދިރިއުޅެމުން އައީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޓީވީ ޕްރޮޑިއުސަރު ބެން ވިންސްޓަންގެ ގޭގަ އެވެ. ލަންޑަންގައި ހުރި އެގޭގައި ބެންގެ އަންހެނުންވެސް ދިރިއުޅުނެވެ. މި ސީރީޒްގައި އެ ދެމީހުންގެ ކެރެކްޓާވެސް ފެނިގެންދާނެ އެވެ.

އެ ދެމަފިރިންގެ ރޯލުން ފެނިގެންދާނީ ޑޭމަން ވަޔަންސް ޖޫނިއާ އަދި އެމްބާ ސްޓީވެން ވެސްޓް އެވެ. ހެރީގެ ރޯލު ކުޅޭނީ ފެލިކްސް މެލާޑް އެވެ. ފެލިކްސް މަޝްހޫރުވެފައި ވަނީ އޮސްޓްރޭލިއާގެ ޓީވީ ސީރީޒް "ނެއިބާސް" އިންނެވެ.

ވަން ޑިރެކްޝަންއަކީ 2013 ވަނަ އަހަރާއި 2016 އަހަރާއި ދެމެދު ގިނަ ބައެއްގެ ލޯބި ލިބުނު ބޭންޑެކެވެ. ބޭންޑުގެ މަގުބޫލުކަން ދަށްވެ ބޭންޑް ހުއްޓުމަކަށް އައީ 2015 ގައި މި ބޭންޑުގެ މެމްބަރު ޒޭން މާލިކް ބޭންޑުން ވަކިވި ހިސާބުންނެވެ.