ކުޅިވަރު

އެއް މަންޒަރެއް، ހާލަތު ދިރާސާ ކުރަންޖެހޭ

އޭއެފްސީ ކަޕުގައި މި ދެ އަހަރުވެސް ރާއްޖެއިން ވާދަކުރި ޓީމުތަކަށް ކުރިމަތިވީ ހިތްދަތި ނަތީޖާ އެކެވެ. ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލި ފައި ވަނީ ގުރޫޕްގެ އެންމެ ފަހު މެޗުން ނެވެ. ރާއްޖޭގެ ޓީމުތަކަށް ހުރަސް އަޅަން އޮންނަނީ އިންޑިއާގެ ކުލަބުތަކެވެ.

އިއްޔަ ނިއު ރޭޑިއަންޓް ބަލިވެ މުބާރާތުން ކަޓައި ބެންގަލޫރު އެފްސީ ފައިނަލު ސްޓޭޖަށް ދަތުރު ކުރުމުން، އިންޑިއާގެ ފުޓްބޯޅައާ ގުޅުން ހުރި ފަރާތްތަކުން ވަރަށް ބޮޑަށް އުފާފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައި ވެއެވެ. ބެންގަލޫރު ފައިނަލު ސްޓޭޖަށް ދެވުނީ، އައިޒޯލްގެ އެހީތެރި ކަމާއެކު އެވެ. މުޅި އިންޑިއާގެ ފުޓްބޯޅައިން އައިޒޯލް އެފްސީ ކުރި މަސައްކަތައް ތައުރީފް އޮއްސާލި އެވެ. ބެންގަލޫރު އެފްސީގެ ވެބްސައިޓްގައި ޕަބްލިޝް ކޮށްފައިވާ އާޓިކަލްގައި ވަނީ އައިޒޯލްގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

އިންޑިއާގެ ފުޓްބޯޅައިން މިފަހަރުވެސް މަންޒަރު ތަކުރާރުކޮށްފި އެވެ. ރާއްޖޭގެ ކުލަބުތަކަށް މި ދިމާވީ އެއްކަހަލަ ގޮތެކެވެ. މިދިޔަ އަހަރު ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުތުމުގެ ކުރިން، ރައްޖޭގެ މާޒިޔާ ސްޕޯޓްސް ދެ ވަނަ ބުރަށް ދެވޭނެ ކަމަށް ދިވެހިން އުންމީދު ކުރި އެވެ.

ފައިނަލް ސްޓޭޖަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީވެސް މާޒިޔާ އަށެވެ. ފައިނަލު ސްޓޭޖަށް ދާން މާޒިޔާއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. މާލޭގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް، މާޒިޔާއިން ދެއްކި ކުޅުމުން އެއީ މާޒިޔާއަށް ކުރެވޭނެ ކަމެއް ކަމަށް ދިވެހި ގަބޫލު ކުރި އެވެ. ނަމަވެސް ބަންގަލޫރު އެފްސީ އަތުން ބަލިވެ މާޒިޔާ އާއި ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވީ ހިތްދަތި ގޮތެކެވެ.

މި އަހަރުވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ދިޔައިރު، އަނެއް ބުރަށް ދިއުމަށް އެންމެ ބޮޑު ފުރުސަތެއް އޮތީ ނިއު އަށެވެ. މާލޭގައި އައިޒޯލްއިން ލީޑް ނަގާފައި ވަނިކޮށް ނިއު އިން ފަހަތުން އަރައި ތިން ލަނޑު ކާމިޔާބު ކޮށް 3-1 ން އައިޒޯލްގެ މައްޗަށް ކުރި ހޯދި އެވެ. މާލޭގައި ދެއްކި ކުޅުމާއެކު، އިންޑިއާގައިވެސް ނިއު އަށް އައިޒޯލް ބަލި ކުރެވޭނެ ކަމަށް ހުރިހާ ދިވެހި ޔަގީނާގާތަށް ޕްރިޑިކްޓް ކުރި އެވެ. ނަމަވެސް މިފަހަރުވެސް ރާއްޖޭގެ ފުޓްބޯޅައަށް ދިމާވީ ހިތްދަތި ގޮތެކެވެ.

މައްސަލަ ދިރާސާ ކުރަން ޖެހޭ

ދިވެހި ކުލަބުތައް ސަރަހައްދީ ލެވަލްގައި ހޯދާ ނަތީޖާތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބުރަދަން ވެސް މިނެ ކިރަން އޮތް ހިސާބުތަކެވެ. މީ ގައުމެއްގެ ހައްސިއްޔަތުން ދިވެހި ފުޓްބޯޅަ އާއިލާއިން ވިސްނަން ޖެހޭ ކަމެކެވެ.

އިނގިރޭސި ކުަލަބުތަކަށް، ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބު ނުލިބޭ ސަބަބާ ބެހޭގޮތުން އިނގިރޭސި ފުޓްބޯޅައިގެ ފަރާތްތަކުން މަޝްވަރާތައް ކުރި އެވެ. އެމަޝްވަރާތަކުގައި އިނގިރޭސި ފުޓްބޯޅައިގެ ހިއްސާ އޮތެވެ. އިންގިރޭސި ގައުމީ ޓީމުގެ ޓެކްނިކަލް ސްޓާފުން އެއް ބައްދަލުވުންތަކަށް ހާޒިރުވި އެވެ.

އޭއެފްސީ ކަޕުގެ ފައިނަލު ސްޓޭޖާ ވަރަށް ގާތަށް ދިވެހި ކުލަބުތަކަށް ދެވެއެވެ. ނަމަވެސް ސޮއްސާލަނީ އެންމެ ފަހު މަރުހަލާއިންނެވެ. އެފްއޭއެމް އާއި ދިވެހި ފުޓްބޯޅައިގެ އެކި ފަރާތްތަކުން މިކަމާ ވާހަކަ ދައްކަން އެއް މޭޒެއްގެ ދަށުގައި އިށީނުން އެއީ މުހިންމު ކަމެކެވެ. ރާއްޖޭގެ ފުޓްބޯޅައަށްޓަކައެވެ. ދިމާވާ މައްސަލައަށް ހައްލެއް ހޯދޭނެ ނަތީޖާއެއް އެ ބައްދަލުވުންތަކުން ނެރެވިދާނެ އެވެ.

"މިކަމުގައި ހުރެދާނެ ގިނަ ސަބަބުތަކެއް، ދެ އަހަރުވެސް މި ދިމާވީ އެއްކަހަލަ ގޮތެއް، އެހެންވީމަ ދިވެހި ފުޓްބޯޅައިގެ އެކި ފަރާތްތަކުން އިށީންދެ އެކި އޭންގަލްތަކަށް އަމާޒުކޮށް ވާހަކަ ދައްކަން އިށީންދެ ފިއްޔާ ރަނގަޅު އައުޓްކަމްސްތަކެއް ނެރެވިދާނެ،" ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ.