އޭއެފްސީ

ރާއްޖެއަށް ލިބެމުންއައި އޭއެފްސީ ކަޕުގެ ޖާގަ ނޭޕާލަށް!

އޭއެފްސީގެ ފޯމެޓަށް 2016 ގައި ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ ލީގް ޗެމްޕިއަން ޓީމަށް ސީދާ ލިބެމުން އައި ޖާގަ އަންނަ އަހަރު ނޭޕާލްގެ ލީގް ޗެމްޕިއަން ޓީމަށް ލިބިއްޖެ އެވެ.

މީގެ 33 އަހަރު ކުރިން ރާއްޖޭގެ ކުލަބުތައް އޭއެފްސީގެ ކުލަބު މުބާރާތްތަކުގައި ވާދަ ކުރަން ފެށިފަހުން މިއީ ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ކުލަބު ތަކަށް ފުރުސަތު ގެއްލުނީ، އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސަށް އެދި ރާއްޖެއިން ހުށަހަޅާފައި ނުވުމުންނެވެ.

އެފްއޭއެމުން ރާއްޖެއަށް ޖާގަ ގެއްލުނީ ކުލަބު ލައިސެންސަށް އެދި ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް ފުރިހަމައަށް ހުށަހަޅާފައި ނުވުމުން ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ހުށަހަޅާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ މަހު 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ. މިދިޔަ ހޯމަދުވަހު އޭއެފްސީން ފޮނުވި އެ ސިޓީގައިވާ ގޮތުގެ މަތިން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުވެސް ވަނީ ނިމިގެން ގޮސްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެފްއޭއެމުން ބުނެފައި ވަނީ ރާއްޖޭގެ ކުލަބުތަކަށް އަދިވެސް ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕުގެ ގުރުލުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ.

އޭޝިއާގެ ސައުތު ޒޯން ހިމެނޭ، ގުރޫޕް އީ ގައި ހިމެނެނީ، އިންޑިއާގެ ރަސްމީ ލީގް "އައި ލީގް" ގެ ޗެމްޕިއަން މިނޭވަރު ޕަންޖާބް އެފްސީ، ބަންގުލަދޭޝްގެ ލީގް ޗެމްޕިއަން، ނޭޕާލްގެ ލީގް ޗެމްޕިއަން އަދި ޕްލޭއޮފުން ކުރި ހޯދާ ޓީމެވެ.

މިއަހަރު ރާއްޖެއިން އޭއެފްސީ ކަޕުގެ ސީދާ ޖަގަ ލިބުނީ ނިއު ރޭޑިއަންޓަށެވެ. ޕްލޭއޮފްގައި ވާދަ ކުރީ، ޓީސީ އެވެ. ޕްލޭއޮފްގެ ކުރިން ކުޅުނު ޕްރިލިމިނަރީ ބުރުގައި ޓީސީން ބަންގުލަދޭޝްގެ ސައިފް ސުޕޯޓްސް ކުލަބު ބަލިކޮށް ޕްލޭއޮފްގެ ޖާގަ ހޯދި އެވެ. ނަމަވެސް ޕލޭއޮފްގައި އެ ޓީމަށް ހުރަސް އެޅީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ އެވެ.