ވިޔަފާރި

ރާއްޖޭގެ ރިޒާވް މިހާރު ހުރި ވަރަށް ދެމެހެއްޓޭނެ: ފިޗް

May 17, 2018
1

ދައުލަތުގެ ދަރަނި މިހާރު ހުރި ވަރަށް ދެމެހެއްޓޭނެ ކަމަށް، ރާއްޖެ ދެވަނަ ފަހަރަށް ރޭޓްކޮށް، ހޮންކޮންގްގެ ފިޗް ރޭޓިންގްސް އިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ އިން ނެރުނު ރާއްޖޭގެ ދެވަނަ ރޭޓިންގައި ރާއްޖެ މި ފަހަރު ވެސް ދީފައިވަނީ "ބީ ޕްލަސް" ރޭޓިންގައި އެވެ. މީގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ ދުވެލި ރަނގަޅުވުމާއި ޓޫރިޒަމް ދާއިރާ ރަނގަޅުވެ ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމެވެ.

އެ ކުންފުނިން ބުނީ މި ސަބަބު ތަކައްޓަކައި ދައުލަތުގެ ދަރަނި އަދި ރިޒާވްތައް މިހާރު ހުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ފިޗްގެ ރޭޓިންއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ "ބީޕްލަސް" ގައި ރޭޓިން ދެމެހެއްޓުމަކީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް ލިބުނު ކާމިޔާބީއެއް ކަމަށާ، މިއިން އެނގެނީ ސަރުކާރުގެ ސިޔާސަތު ތަކަކީ ވިޔަފާރިއަށް މަގުފަހި، އިގްތިސާދީ ފުރުސަތު ތަކަށް ހުރި ދޮރުތައް ހުޅުވައިދޭ ސިޔާސަތެއް ކަމަށެވެ.

ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި އިގްތިސާދަށް އަންނަ ޝޮކެއްގެ ސަބަބުން ނޫނީ، އިންޓަރެސްޓް ރޭޓްތަކަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުން، ލޯނުތަކުގެ އިންޓަރެސްޓް ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަންކުރާ މިންގަނޑު، އިންޓަރެސްޓް ޓް ރެވެނިއު ރޭޝިޔޯ ރާއްޖޭގައި 3.0 އަކަށް މަތިވެދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ލޯނު އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދަކީ ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ވެސް މޫޑީސް އިން ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.