ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 100 ދުވަސްވެފައިވާ އިރު، އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި ނަމަވސް އަޒުމަކަށް ބަދަލެއް ނާންނަ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ގާނޫން އަސާސީއާ ހިލާފަށް އެއްވެސް އަސްލެއް ނެތް ގޮތަށް ރައީސް މައުމޫންގެ މައްޗައް ޓެރަރިޒަމްގެ ދައުވާ އުފުލާ ހައްޔަރުކޮށްފައި ހުންނަތާ އިއްޔެއަށް 100 ދުވަސްވެފައިވާ ކަމަށެވެ. އަދި މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެފައިވާ ކަމަށާއި ތަކުރާރުކޮށް ފަރުވާ ދޭން ޖެހިފައިވާ އިރު އެކަށީގެންވާ ފަރުވާ އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ބަންދަށް ލުއިއެއް ދެއްވާ ގެއަށް ބަދަލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ދިޔަ ނަމަވެސް އެއްވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް ޕާޓީތަކުން ބުންޏެވެ. އެހެންކަމުން މި ރޯދަ މަހުގެ ދުވަސްތައް ވެސް އެމަނިކުފާނު ހޭދަ ކުރަން ޖެހިފައި ވަނީ ޖަލުގައި ކަމަށާއި އެއީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި މި ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަން އަދާ ކުރެއްވުމަށް އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރަން ގޮވާލަންގުޅިފައިވާ އިދިކޮޅު ޕާޓީތައް
ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތާއި އެމަނިކުފާނުގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް އިސްލާހީ މަސައްކަތްތައް ކުރައްވެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ރައީސް މައުމޫން ދެއްވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.