ހަބަރު

ކޯލިޝަން ރޫޅާ ނުލާ، ގައުމުގެ މަސްލަހަތު އިސް ކުރަންޖެހޭ: މައުމޫން

Jan 19, 2019
12

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ އެމްއާރްއެމް އިން އުފައްދާފައިވާ ކޯލިޝަން ރޫޅާ ނުލައި ގައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމްޑީޕީއާ ވަކިވެ ޖުމްހޫރީ ޕާޓީއިން އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ޕާޓި އިން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމަށެވެ. އެހެންކަމުން ޕާޓީގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރަން ގޮވާލައްވާ ކަމަށެވެ.

ކޯލިޝަން ރޫޅާ ނުލައި ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަަރު ލީޑަރުންގެ މައްސޫލިއްޔަތު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށާއި އެހެން ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ގައުމުގެ ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރުމަށް ވެސް މައުމޫން ގޮވާލެއްވި އެވެ.

ކޯލިޝަން ޕާޓީތަކުން ސަރުކާރާ ހަވާލުވުމުގެ ކުރިން ވެސް އަދި ވެރިކަމަށް އައުމަށް ފަހުގައި ވެސް އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެކަންތައް ބޮޑުވެ، ދެ ޕާޓީ ރޫޅޭ ހިސާބަށް ދިޔައީ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ޕާޓީތަކަށް އެއްބަސް ނުވެވުމުންނެވެ. އަދި އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމުމުންނެވެ.

ޖޭޕީގެ މެންބަރެއް ކަމަށްވާ އަބްދުލްލަތީފް މުހައްމަދު ވަނީ ނަޝީދަށް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އޭގެ ސަބަބުން ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕަށް ބުރޫއަރާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.