ބޮލީވުޑް

އެންމެ ކުރީގައި: "ސްވާގް ސޭ ސުވާގަތް"

ސްވާގް ސޭ ސުވާގަތް

މިހާރު ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކްޓަރުންގެ ލިސްޓުގެ ކުރީގައި އޮންނާނީ ސަލްމާ ހާނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަށް ސަޕޯޓުކުރާ ފޭނުން ގިނަ ވުމެވެ. ސަލްމާން ސްކްރީން ކުރިމަތީ ކޮންމެ ގޮތެއް ހަދާލިއަސް މަރުދޭ ފޭނުން އެބަ ތިއްބެވެ.

ސަލްމާންގެ އެންމެ ފަހުން ނިކުތް ފިލްމު "ޓައިގާ ޒިންދާ ހޭ" އަކީވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމެެވެ. ބޮޑު އާމްދަނީއެއް ހޯދި މި ފިލްމުގެ އިތުރަށް ފިލްމުގައި ސަލްމާންއާއެކު ކެޓްރީނާ ފެނިގެންދާ ލަވަ "ސްވާގް ސޭ ސުވާގަތް" އަކީވެސް މަޝްހޫރުވި ލަވައެކެވެ.

ޔޫޓިއުބުގައި މިހާރު އެންމެ ގިނަ ވިއުސް ހޯދައިގެން ހިންދީ ލަވައަކަށް އެންމެ ކުރީގައި އޮތީ މި ލަވަ އެވެ. ސަލްމާން އާއި ކެޓްރީނާގެ ފަރި ނެށުންތައް ފެންނަ މި ލަވަ އެ މަގާމު ދިފާއުކުރީ ރަންވީރް ސިންހް އަދި ވާނީ ކަޕޫރް ފެނިގެންދާ ލަވަ "ނަޝޭ އިސް ޗަދް ގައީ" ފަހަތަށް ޖައްސާލުމަށްފަހު އެވެ. މި ލަވައަށް މިހާރު 425 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

މި ލަވައިގައި ފުރަތަމަ ފަހަރަށް ސަލްމާން ރެޕް ކުރާތަން ފެނިގެން ގޮސްފައިވެ އެވެ. ލަވަ ކިޔާފައި ވަނީ ވިޝާލް ޑަޑްލާނީ އަދި ނޭހާ ބާސިން އެވެ.

ސަލްމާން މިހާރު އެންމެ އަވަދިނެތި އުޅެނީ އަންނަ ޖޫން މަހު 15 ގައި ރިލީޒްކުރާ އޭނާގެ ފިލްމު "ރޭސް 3" ގެ މަސައްކަތުގަ އެވެ. ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރާ އެ ފިލްމުގައި އަނިލް ކާޕޫރް، ޖެކޮލިން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒާ ޝާހް، ސާގިބް ސަލީމް އަދި ފްރެޑީ ދަރުވާލާ ފެނިގެންދާނެ އެވެ. މި ފިލްމު ޓްރެއިލާވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ޝާހް ރުކް ހާންގެ ފިލްމު "ޒީރޯ" އިންނެވެ. އާނަންދް އެލް ރާއީ ޑައިރެކްޓުކުރާ އެ ފިލްމުގައި އަނުޝާކް ޝަރްމާ ވެސް ފެނިގެންދާނެ އެވެ.