ހަބަރު

ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެއަށް ތިންވަނަ

May 17, 2018
3

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ އެއްވަނަ ކުވައިތްގެ އަބްދުލްﷲ އަލް ހައްޔާތް ހޯދައްވައިފި އެވެ. "އަލްނޫރުލް މުބީން"ގެ ނަމުގައި ބޭއްވި މި މުބާރާތަކީ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމަކަށް ބޭއްވި މުބާރާތެކެވެ.

މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މި ރޯދަ މަހުގެ ފުރަތަމަ އިހްޔާ ފޯރަމްގަ އެވެ. އެއްވަނައަށް ދިޔަ ބޭފުޅާއަށް ރައީސްގެ އިނާމާއި ތަށި ހަވާލުކޮށް ދެއްވީ ރައީސް ޔާމީނެވެ. ހާއްސަ މެހެމާނެއްގައި ގޮތުގައި މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް މި ހަފުލާގައި ބައިވެރިވަޑައިގަތެވެ.

މުބާރާތުގައި ރާއްޖެއިން ވެސް ބައިވެރިވިއިރު ރާއްޖެ ތަމްސީލް ކުރައްވާފައިވަނީ މ. ވޭވަށު ފެހިފާރުދާގެ އަޝްރަގް ނާޒިރެވެ. އޭނާ މުބާރާތުގައި ވާދަކުރީ އޮޑިޝަނެއް ބޭއްވުމަށްފަހު އެ އޮޑިޝަނުން އެއްވަނަ ހޯދައިގެންނެވެ. އޭނާ ވަނީ މުބާރާތުގައި ތިންވަނަ ހޯދައްވާފަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒާއި ޕީއެސްއެމްއިން ގުޅިގެން ބޭއްވި މި މުބާރާތުގެ އެއްވަނަ ހޯއްދެވި އަބްދުލްﷲ އަލް ހައްޔާތަށް ވަނީ 30،000 ޑޮލަރު އިނާމް ގޮތުގައި ވަނީ ދެއްވަން ނިންމާފައިވެ އެވެ. އެ ފައިސާއަކީ ދިވެހި ދައުލަތުން ދޭ ފައިސާ އެވެ. މުބާރާތުގެ ދެވަނަ ހޯއްދެވީ ތުރުކީގެ ހަމީދު އަވްސާރު ކަރްޗާ އެވެ. އެ ބޭފުޅާއަށް 15،000 ޑޮލަރު ދެއްވަން ނިންމާފައިވެ އެވެ. މުބާރާތުގެ ތިންވަނަ ހޯއްދެވި ރާއްޖޭގެ އަޝްރަގް ނާޒިރަށް ވަނީ 5،000 ޑޮލަރު ދެއްވަން ވަނީ ނިންމާފަ އެވެ.

ނުވަ ގައުމުން ބައިވެރިވި މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ސޫދާން، ސައުދީ އަރަބިއްޔާ، ތުރުކީ، މެލޭޝިއާ، ތުރުކީ، ކުވައިތް، މިސްރު، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. މި މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިއަށްވުރެ ގިނަ ގައުމުތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާނެ ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފަ އެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާފައިވަނީ ވެސް އެކި ގައުމުތަކުގެ އިލްމްވެރި ބޭފުޅުންނެވެ. އެގޮތުން ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަކީ ސޫދާންގެ ޑރ. އަބްދުލް މުނީރު މުހައްމަދު އަހުމަދު އަލް ރާބީ، ޕާކިސްތާނުގެ ޑރ. މުހައްމަދު ޔޫނުސް، މެލޭޝިއާގެ ޑރ. ވާން ހިލްމީ ވާން އަބްދުﷲ، ޔަމަންގެ ޑރ. އަބްދުލްހަމީދު ނާސިރު ސޯލިހް އަލް ގައުސީ އަދި ރާއްޖޭގެ އަލްގާރީ އަހްމަދު ތައުފީގު އަބްދުއްރަހްމާނެވެ.