މީހުން

ނުޒުހަތުގެ އަޑު: އައްސަވަމުން ތިޔަ ގެންދަވަނީ ދިރާގުގެ އަޑު!

ލޯބިވެރިޔާ، އަދި ބައެއް ފަހަރަށް ފިރިމީހާއަށް ގުޅާލުމުން ފޯނެއް ނުނަގާނެ އެވެ. އެކަމަކު ދިރާގުގެ އަޑުން ޖަވާބު ދެއެވެ. ހިނގާނީ މަދު ސިކުންތުކޮޅެކެވެ؛ އެ އަންހެނަކު އަނގަ ތަޅައިގަންނާނެ އެވެ. ވީ ގޮތް، ނުވަތަ ވާންވީ ގޮތެއް ކިޔައިދޭން އުޅޭނެ އެވެ. އެކަމާ ރުޅިގަދަ ވެގެން ފޯނު ހޫރާލާ މީހުން ތިބޭ ކަމަށް ވެސް ވެއެވެ. އަދި ބައެއް ފަހަރަށް އެ އަޑުގެ ޖާދުގައި ލެނބޭ މީހުން އުޅޭ ކަމަށް ވެސް ވެއެވެ. "ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދެ" އޭ ބުނާނެ އެވެ. އޭނާ މާފަށްވެސް އެދެ އެވެ. އެދި ފަހުން ގުޅާލަން ވެސް ބުނާނެ އެވެ. މިކަމާ ހެދި ބައެއް ފަހަރަށް އަންނަ ރުޅިއާއި ވާ ފޫއްސަކާއި ވާ ލޯތްބެއް ގޮސް އަޅައިގެންފައި ވެއްޓޭ ހިތްގައިމު ރީތި، އަޑުގެ ވެރިޔަކީ މިއެވެ. މިއީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އާއި ހާމިދު އަބްދުލް ޣަފޫރުގެ ކޮއްކޮ އެވެ. އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމްގެ ދައްތަ، ނުޒުހަތު ޝަމީމެވެ. ނުޒުހަތުގެ ރީތި އަޑު ކުރިން އޮތީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގަ އެވެ. އެނާގެ ރީތި އަޑުން "އައްސަވަމުން ތިޔަ ގެންދަވަނީ ދިވެހިރާއްޖޭގެ އަޑޭ" ގޮވާލާފައި ވަނީ ކިތައް ހާސް ފަހަރު ކަމެއްވެސް ނޭނގެ އެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީގައި ހިތްގައިމު އަދި ދަމައިގަންނަ އަޑަކަށްވި ނުޒުހަތުގެ އަޑު މިހާރުވެފައި މިވަނީ ދިރާގުގެ އަޑަށެވެ. ކޮންމެ ދުވަހަކު އެތަކެއް ސަތޭކަ ފަހަރު ތި އަހާ ދިރާގުގެ އަޑަކީ ނުޒުހަތުގެ ރީތި އަޑެވެ.

ނުޒުހަތުގެ އަޑަކީ ދިވެހިންނާ އެންމެ ރައްޓެހި އެންމެ ފަރިތަ އަޑޭ ވެސް ބުނެވިދާނެ އެވެ. އަދި އޭނާގެ މޫނަކީ ވެސް ދިވެހިންނަށް އާ މޫނެއް ވެސް ނޫނެވެ. މަގުމަތިން ދިޔައަސް ޓީވީއަށް އަރައި އިނަސް އަބަދުވެސް ހިނިތުވެފައި އިންނަ މޫނެކެވެ. އަދި އަބަދުވެސް ވަރަށް ސާދާކޮށް ހެދުން އަޅަ އެވެ. އާއިލާގެ އެހެން ހުރިހާ ބޭފުޅުންނާ ހިލާފަށް ނުޒުހަތަކީ މިޒާޖުގައި ވަރަށް މަޑުމައިތިރި ގޮތެއް ހުންނަ ފެންނަ ކޮންމެ މީހަކަށް ވެސް އެހީވާ ވަރަށް ގާތް މީހެކޭ ހީވާނެ ދިވެހިންގެ ވަރަށް ހާއްސަ ނަމެކެވެ.

ނަވާރަސަތޭކެ ނުވަދިހަ ހަތަރު ވަނަ އަހަރު ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރަން ފަށައި އޭނާ ގިނަ ޕްރޮގްރާމްތަކެއް އުފައްދައި ހުށަހަޅައި ދިނެވެ. އަދި 1990 އިގެ އަހަރު ތަކުގައި އަޑުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނައި "އެބައުޅޭ އެބައުޅޭ" ވާހަކަ ސީރީޒްގެ ކެރެކްޓާތައްވެސް ކުޅުނެވެ. ސިޔާސީ ބޮޑެތި ޝޯތައް ވެސް އޭނާ ހޯސްޓް ކުރި އެވެ. އަޑުގައި 14 ވަރަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު ވަކިވި ނަމަވެސް ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހަޅައިދެއްވި އެވެ. އަދި މިހާރުވެސް ފްރީލާންސްކޮށް ހަބަރު ލިޔުމާއި ރޭޑިއޯ ޕްރޮގްރާމް ލިޔުމުގެ މަސައްކަތް ކުރެ އެވެ. -- ނުޒުހަތުގެ ބައްޕަ އަކީ ވެސް ކުރީގެ ލިޔުންތެރިއެކެވެ.

ދިރާގަށް ނުޒުހަތުގެ އަޑު ހަދިޔާ ކުރީ މީގެ ނުވަ ވަރަކަށް އަހަރު ކުރިންނެވެ. އޭރު ދިރާގުގެ ކޯލްތަކަށް އަޑު އަޅާފައި ހުންނަނީ އައްޑިހައިގެ އަހަރުތަކާއި ނުވަދިހާގައި ޓީވީ އެމުން ވިދާލި ކުރީގެ މަޝްހޫރު އަދި ރީތި ޕްރެޒެންޓަރު ފާތިމަތު ރިޒާ އެވެ. -- އޭނާ މިހާރު ވަނީ އަވަހާރަވެފައެވެ.

"ދިރާގުން ބޮޑަށް ބޭނުންވީ މީހުންނަށް ނޭނގޭ މީހެއްގެ އަޑު. ދެން އަޅުގަނޑަށް އެ ފުރުސަތު ހުށަހެޅީމަ ހިތަށް އެރި ތިޔަ އުޅުއްވަނީ އަޅުގަނޑު ލައްވައި ދޮގު ހަދުވަން ހެއްޔޭ؟ އެއީ ކުރިން ވެސް ހުރޭ އެހެން އަޑު އަޅާފަ. ފޯނެއް ކޮށްލާފަ އެ އަޑު އައިމަ ދޮގު ހަދަނީއޭ ކިޔައި ބައެއް މީހުން ރުޅި ގަދަވާނެ! އެހެންވީމަ ބައެއް މީހުން ވަރަށް ރުޅި އަންނަ އަޑަކަށް ފޯނަށް އަޅާފަ ހުންނަ އެ އަޑު ވަނީ،" ނުޒުހަތު ބުންޏެވެ.

ނަމަވެސް ވަކި އުމުރެއްނެތި އެންމެންނަށް އަޑުއިވި، އެންމެންގެ ރުހުމާއި ނުރުހުން ލިބޭ އަޑަކަށް ވުމުގެ ފުރުސަތަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ވެސް ނޫނެވެ. ދިރާގުން ދިއްކޮށްލި އަތުގައި ހިފައި މުޅި ދިވެހި ޖައްވުގައި ބުރުއަޅަން ނުޒުހަތު ބޭނުންވީ އެހެންވެ އެވެ.

"ފުރަތަމަ އެ އަޑު އިވެން ފެށުމުން ދަންނަ ރައްޓެހިން ގުޅާފަ އަހާނެ ނުޒުހަތުގެ އަޑު ހެއްޔޭ ވެސް. އެހެން ރައްޓެއްސަކު ބުނެފާނެ މީހަކު ވަރަށް ރުޅި އައިސްގެން ނުޒުހަތަށް ވަރަށް ސަލާމޭ ބުންޏޭ ވެސް. ދެން ބައެއް ފަހަރު ރައްޓެހިންނާ ދިމާވެސް ކޮށްލަން. މީހަކު ގުޅާއިރަށް ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދެއޭ ބުނާއިރަށް އެމީހަކު ފޯނު ކަނޑާލައިވެސް ފާނެ،" އުމުރުން މިހާރު 39 އަހަރުވެފައިވާ ނޫސްވެރިޔާ ބުންޏެވެ.

މީހުން އަންނަ ރުޅީގެ ވާހަކަ އެއްފަރާތުގައި އިހަށް ބާއްވާށެވެ. އަމިއްލަ މީހާ މީހަކަށް ގުޅައިގެން އަމިއްލަ އަޑުން ފަހުން ގުޅޭށޭ ބުނެ ނަސޭހަތްތެރިވުމުން އިހުސާސް ވާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ހަމަ އެހެން މީހުން ވެސް އެވާ ފޫހި ތިމާގެ އަމިއްލަ އަޑު ދެކެ ވެދާނެ ހެއްޔެވެ.

ހަމަ ވެދާނެ އެވެ. ފޫއްސަށް ނޫނީ ރުޅިއަކަށް ނުވެދާނެ އެވެ. އެކަމަކު އަމިއްލަ މީހާގެ އަޑު އަބަދު އަހަން ފަސޭހަ ނުވެދާނެ އެވެ. ފުރަތަމަ ދުވަސްކޮޅު އަމިއްލަ އަޑު އިވުމުން އުނދަގޫ ވިޔަސް އެ އަޑަށް ނުޒުހަތުވެސް މިހާރު ހޭނިއްޖެ އެވެ.

އެހެންވީމަ އެންމެ ފޫހިވާ "ޗާލު" އަޑުގެ ވެރިޔާގެ މައުލޫމާތު މިއޮތީ އެވެ. ދެންވެސް ކުރިން ފޯނަށް އެ ބާލާ ރުޅި މަޑު ކޮށްލާށެވެ. ނުޒުހަތަކީ ހަމަ އެކަނި ރީތި އަޑެއް ނޫނެވެ. ފިސާރި ރީތި އަންހެނެއްވެސް މެއެވެ.