ހަބަރު

ހިޔާނާތެއް ނުވަން މަސައްކަތްކުރީ ވެމްކޯގެ ފައިދާއަށް: ފުއާދު

May 19, 2018
10

ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި ހުރިހާ ނިންމުމެއް ނިންމާފައިވާނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ފައިދާވާ ގޮތަށް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފުއާދު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވީ ވެމްކޯއަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ އޭނާގެ މައްޗައް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތީ އެވެ. އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފުއާދު އޭސީސީއަށް ފޮނުވި ރިޕޯޓެއްގައި ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި ނުކުތާތަކުގެ މައްޗައް އަލިއަޅުވާލައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފަ އެވެ. އަދި އެ ރިޕޯޓުގައި ފުއާދު ވަނީ ބައެއް އެހެން މައްސަލަތަކެއް ވެސް އޭސީސީގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ލޭންޑިން ކްރާފްޓް ސަޕްލައިކޮށްފައި ވަނީ ޕްރޮކިއުމަންޓް ޕޮލިސީއަ ހިލާފުވެ، އެއްވެސް ޑިޕާޓްމަންޓެއްގެ އެދުމުގެ މަތިން ނޫން ކަމަށާއި އެ ހޯދައިފައި ވަނީ ކުންފުންޏަށް ބޭނުން ހުރި އެއްޗެއް ކަމަށް ނިންމައިގެން ނޫން ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއަށް އަލިއަޅުވާލަމުން ފުއާދު ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހަތް ދުވަހު ކުނި އުކާލަން ޖެހޭ އިރު އޭރު ހުރި ލޭންޑިން ކްރާފްޓުތަކުން މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވެމްކޯގެ ބޯޑަށް ފާހަގަ ކުރެވުމުން 2017 ވަނަ އަހަރުގެ ބަޖެޓު ވެމްކޯގެ ބޯޑުން ފާސް ކުރުމުގެ މަރުހަލާގައި އެ ކުންފުންޏަށް ލޭންޑިން ކްރާފްޓެއް ހޯދަން މަޝްވަރާ ކުރި ކަމަށެވެ.

އޭރު ވެމްކޯގެ ހާލަތު ހުރި ގޮތުން ދެ މަހާއި 15 ދުވަހުން ލޭންޑިން ކްރާފްޓެއް ލިބިއްޖެ ނަމަ ކުލީގެ ގޮތުގައި މަހަކު 1.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އިންޑިޔާގެ އަމިއްލަ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ލޭންޑިން ކްރާފްޓް އެ މުއްދަތަށް ލިބިއްޖެ ނަމަ މަހު ކުލީގެ ގޮތުގައި 15.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލްގައި 13.1 މިލިއަން ރުފިޔާއަށް ލޭންޑިން ކްރާފްޓް ސަޕްލައިކޮށްދޭން ހުށަހަޅާފައިވުމުން އެ ޕްރޮޕޯސަލްއާ އެއްގޮތަށް ލޭންޑިން ކްރާފްޓް ސަޕްލައިކޮށްދީފި ނަމަ އެ އަގު 11 މަސްދުވަހުން ސަލާމަތް ކުރެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެއީ ވެމްކޯގެ ހިންގައި ގަވައިދުގެ ދަށުން ބޯޑަށް ލިބިދީފައިވާ ބާރުގެ ތެރެއިން ނިންމާފައިވާ ފައިނޭންޝިއަލް ސަސްޓެއިނަބިލިޓީ ޕޮލިސީގެ ނިންމުމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެއީ ބޯޑުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހިންގާފައިވާ މުއާމަލާތެއް ކަމަށައި އެއީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ އަމަލެއް ނޫން ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ ވެމްކޯގެ ފައިދާއަށް ވިސްނުން ބަހައްޓައިގެން ކަމަށްވެސް ފުއާދު ވިދާޅުވެފައިވެ އެވެ.

ލޭންޑިން ކްރާފްޓް ހޯދާފައި ވަނީ ކުންފުންޏަށް ބޭނުން އެއްޗެއްކަމަށް ނިންމައިގެން ނޫން ކަމަށް ފާހަގަ ކުރެވިފައި އޮތް އޮތުމަކީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް ދަންނަވަމެ،
ފުއާދު

ފުއާދުގެ މައްސަލާގައި އޭސީސީ އިން ތަހުގީގު ކުރިޔަށް ގެންދިޔަ ގޮތާ ބެހޭ ގޮތުން ވެސް އޭނާ ބައެއް ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ލޭންޑިން ކްރާފްޓްގެ މައްސަލައާ ގުޅިގެން އޭސީސީ އިން އެދިގެން ހަތް މަސް ދުވަހަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހެކި ނައްތާލަން މަސައްކަތް ކުރުމާއި ބޭރަށް ފިލައިގެން ދާން އުޅޭ ކަމަށް ބުނެ ކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް އޭނާ ބޭރަށް ފިލައިގެން ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ އިރު އޭސީސީއަށް އެފަދަ މައުލޫމާތެއް ލިބުނީ ކިހިނެތްތޯ ފުއާދު ސުވާލު ކުރެއްވި އެވެ. އަދި ހެކި ނައްތާލަން މަސައްކަތް ކުރަން އުޅޭ ކަމަށް ބުނެ ޕާސްޕޯޓު ހިފެހެއްޓީ ކޮން މައުލޫމާތެއްގެ މައްޗައް ބިނާކޮށްގެން ކަމަށް ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"ކޮރޮޕްޝަނަށް ތުހުމަތު ކުރި މައްސަލާގައި އެކަނިވެސް ހަތް ފަހަރު ތިޔަ ކޮމިޝަނަށް ގޮސް ހަތަރު ބަޔާންދީ އޭސީސީއިން ބޭނުންވީ އެއްބާރުލުން ދިނިން، އަޅުގަނޑު ޕާސްޕޯޓް ހިފެހެއްޓި މައްސަލާގައި ސުވާލު ކުރުމުން ވިދާޅުވީ އެއީ ސިޔާސީ މަގާމްތަކުން ދުރު ކުރެވުނު ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ތެރެއިން ކުރެވޭ ކަމެއް ކަމާއި އިތުރު މައުލޫމާތު ކޮމިޝަންގެ ރައީސް ކައިރިން ސުވާލު ކުރުމަށް، ތިޔަ ކޮމިޝަންއަކީ ސިޔާސީ މަގާމްތަކުން ދުރުކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓު ސާބިތު ނުހިފޭ ތުހުމަތެއްކޮށްގެން ހިފަހައްޓާ މުއައްސަސާއަކީތޯ،"

އޭސީސީގެ ތަހުގީގު މަަރުހަލާގައި ފެންވަރު ނުހިފެހެއްޓޭ މައްސަލަ މީގެ ކުރިން ވެސް އެ ކޮމިޝަންގެ ރައީސް އަށް ދަންނަވާފައިވާ ކަމަށާއި ފުއާދުގެ މައްޗައް ކޮރޮޕްޝަންގެ ތުހުމަތުކޮށްގެން ހިންްގި މުއާމަލާތުގައި ވެސް ފެންވަރު ހިފެހެއްޓިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތަހުގީގަށް ދިން ބަޔާންތަކުގައި ސޮއި ކުރުމަށް އައުމަށް ދެންނެވުމަށް ފަހު ކޮމިޝަނަށް ހާޒިރުވުމުން އިތުރު ބަޔާނެއް ނަގާފައިވަ ކަމަށާއި ކޮމިޝަނުން ތައްޔާރު ކުރި ބަޔާންތަކުގެ ފެންވަރު ދަށްކަމުން އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ނަމަވެސް އެކަންކަން އިސްލާހު ކުރަން އެކަށީގެންވާ ވަގުތު ނުދީ ބަޔާންތައް ނިންމާ ސޮއި ކުރަން މަޖުބޫރު ކުރުވާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.