ބޮލީވުޑް

އިރްފާންގެ އިތުރު ފިލްމެއް އިއުލާންކޮށްފި

May 20, 2018

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އިރްފާން ޚާން އަންނަނީ މި އަހަރުގެ މާޗް މަހުން ފެށިގެން މަދުން ނޫނީ ނުޖެހޭ ވައްތަރެއްގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ފަރުވާއަށް ލަންޑަނަށް ފުރުމުގެ ކުރިން އިރްފާން ވަނީ ޓްވީޓެއްކޮށް އޭނާ ފަރުވާ ހޯދަމުން އަންނަނީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރަށް ކަމަށް ބުނެފަ އެވެ.

އޭރު އިރްފާން ކުޅެން ހަމަޖެހިފައި އޮތް ފިލްމުގެ ޝޫޓިން ވެސް ވަނީ އޭނާގެ ބަލީގެ ސަބަބުން މަޑުޖައްސާލާފަ އެވެ. ފަރުވާ ހޯދަން އިރްފާން ލަންޑަނަށް ދިޔަ ފަހުން އޭނާ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުން ވެސް ވަނީ މަޑުޖައްސާލާފަ އެވެ.

ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ފަހުން އޭނާ ކުރި ޓްވީޓެއްގައި ވަނީ ދެން އެންމެ އަވަހަށް ނިކުންނަ އޭނާގެ ފިލްމުގެ ޕޯސްޓަރު އާންމުކޮށްފަ އެވެ.

އިރްފާން ޚާން ކުރި ޓްވީޓް

"ކަރްވާން" ނަމަކަށް ކިޔާ އެ ފިލްމުގެ ޕޯސްޓަރު އާންމުކުރަމުން ކުރި ޓްވީޓެއްގައި އިރްފާން ވަނީ މި ފިލްމަކީ ސައުތް ސުޕަސްޓާ ޑުލްގުއާ ސަލްމާން ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ސަލްމާން އާއި އިރްފާންގެ އިތުރުން މިތިލާ ޕަލްކަރް ބަތަލާގެ ރޯލުން ފެނިގެންދާނެ އެވެ.

އާކާޝް ކުރާނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

އިރްފާންގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ މަހުގެ ހަވަނަ ދުވަހު ރިލީޒްވި "ބްލެކްމެއިލް" އެވެ.

އިރްފާން ދެން އިތުރު ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ވަނީ އޭނާގެ ބަލި މުޅިން ފަސޭހަވުމުންނެވެ. އޭނާގެ އަތުގައި ބަތަލާ ދިޕިކާ ޕަދުކޯން އާއެކު ކުޅެން ހަމަޖެހިފައި އޮތް ފިލްމެއް ވެސް އެބަ އޮތެވެ.