ބޮލީވުޑް

"މެންޓަލް ހޭ ކިޔާ" ގެ ޝޫޓިން ފަށައިފި

May 19, 2018

ކުޅަދާނަ ދެ ތަރިން ކަމަށްވާ ރާޖް ކުމާރު ރާއޯ އާއި ކަންގަނާ ރަނާވަތު އެކުގައި ކުޅޭ ދެވަނަ ފިލްމު "މެންޓަލް ހޭ ކިޔާ" ގެ ޝޫޓިން ފަށައިފި އެވެ. މި ދެ ތަރިން މީގެކުރިން ވަނީ 2013 ވަނަ އަހަރު ނިކުތް "ކްއީން" ގެ ވެސް ލީޑް ރޯލުން ފެނިގެން ގޮސްފަ އެވެ.

ބުދަ ދުވަހު ކުރި ޓްވީޓެއްގައި ރާޖް ކުމާރާއި ފިލްމު ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރު ވަނީ ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފަ އެވެ.

ސްކްރީން ރައިޓަރު ކަނިކާ ދިލޮންގެ ވާހަކައެއްގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑައިރެކްޓްކުރަނީ ނެޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ޕްރަކާޝް ކޮވެލްމުޑީ އެވެ. އޭނާ ޗަނީ ކާމިޔާބު ސައުތް ފިލްމު "އަނަގަނަގަ އޯ ދީރުދު" އާއި "ސައިޒް ޒީރޯ" ވެސް ޑައިރެކްޓްކޮށްފަ އެވެ.

ސައިކޮލެޖިކަލް ތްރިލާ މި ފިލްމަކީ ވަރަށް ތަފާތު ވާނެ ފިލްމެއް ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް އާންމުކުރި ހިސާބުން ފެށިގެން ބުނަން ފަށާފަ އެވެ. އެއީ ކަންގަނާ އާއި ރާޖް ކުމާރަކީ ވެސް ނެޝަނަލް އެވޯޑް ލިބިފައިވާ ކުޅަދާނަ ދެ ތަރިންނަށް ވުމުން މި ފިލްމުގައި އެ ދެތަރިންގެ އެކްޓިން އާ މެދު ސުވާލު އުފެދޭނެ ތަނެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް އަދި ރިލީޒްކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.