ސައުދީ އަރަބިއްޔާއިން އިސްނަގައިގެން މިމަހު އިއުލާން ކުރި އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ ޖަމްއިއްޔާ ސައުތު ވެސްޓް އޭޝިއާ ފުޓްބޯލް ފެޑްރޭޝަންގައި ރާއްޖެއިން ބައިވެރިވުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މި މަހު ބޭއްވި ބައްދަލުވުމަށް، ރާއްޖެއަށް ލިބުނު ދައުވަތަށް އެފްއޭއެމުގެ އިސްބޭފުޅުންވެސް ވަޑައިގެންނެވި ކަމަށާއި ފެޑްރޭޝަންގައި ބައިވެރިވުމާމެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.
"އެ ބައްދަލުވުން ތަކުގައި އަޅުގަނޑުމެންނާ ހިއްސާ ކުރި ފެޑްރޭޝަންގެ މަގުސަދުތަކާ އެ ފެޑްރޭޝަންގެ މެންބަރު ގައުމުތަކަށް ލިބޭނެ ފުރުސަތުތަކާއި އަދި ފެޑްރޭޝަންގެ ހިމެނޭ ގައުމު ތަކުގައި ހިންގާނެ ޑިވްލަޕްމެންޓް ޕްރޮގްރާމްތަކާ ބެހޭގޮތުންވެސް." ޖަވާޒު ވިދާޅުވި އެވެ.
މެދު އިރުމަތީގެ ބައެއް އެނަލިސްޓުން ވިދާޅުވާ ގޮތުގައި، ސައުދީން އިސްނަގައިގެން އުފައްދާ އާ ފެޑްރޭޝަންގެ ބޭނުމަކީ އޭޝިއާގެ ފުޓްބޯޅައިގައި ގަތަރު ކުޅޭ ޕްލޭޔަރެއްގެ ރޯލަށް ވުރެ ވަރުގަދަ ނުފޫޒެއް ސައުދީ އަރަބިއްޔާއިން އުފެއްދުން ކަމަށެވެ.
ޖަވާ ވިދާޅުވީ، ޖިއްދާގެ ބައްދަލުވުންތަކުގައި ވަކި ގައުމެއްގެ ވާހަކަ ދައްކާފައި ނުވާ ކަމަށާއި ވަކި ގައުމަކާ އޮންނަ ގުޅުންތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.
އާ ފެޑްރޭޝަންގައި ބައިވެރިވުމާ މެދު އެފްއޭއެމްގެ ވިސްނުން ހުރީ ކިހިނެއްތޯ ސުވަލު ކުރުމުން އޭނާ ވިދާޅުވީ އެ ފެޑްރޭޝަންގެ ޕްރަޕޯސަލް ރާއްޖެއިން ދިރާސާ ކުރާނެ ކަމަށެވެ.
"އެ ހުށަހެޅުންތައް އަޅުގަނޑުމެން ދިރާސާ ކުރާނަން،" ޖަވާ ވިދަޅުވި އެވެ. "ދެން ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތެއް ދޫކޮށްލަންވީ ސަބަބެއްވެސް ނެތް."
ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ އެހެން ގައުމު ތަކާއެކު ގަތަރުން ވަނީ ފުޓްބޯޅަ ތަރައްގީ ކުރުމަށް އެމްއޯޔޫ (ފަހްމުނާމާ) އެއްގައި ސޮއިކޮށްފަ އެވެ. ޖަވާ ވިދާޅުވީ ވަކި ފެޑްރޭޝަނެްގައި ރާއްޖެ ހިމެނުމަކުން ވަކި ގައުމަކާ އެކު ހަދާފައިވާ އެއްބަސްވުމަކަށް އޭގެ އަސަރު ނުކުރާނެ ކަމަށެވެ.
މި ސަރަހައްދުން ބޫޓާން އާއި ނޭޕާލް ފިޔަވައި އަނެއް ފަސް ގައުމުންއާ ފެޑްރޭޝަންގައި ހިމެނޭ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ފެޑްރޭޝަންގެ ފުރަތަމަ ކޮންގްރެސް ކުރިއަށް އޮތް ވޯލްޑްކަޕަށް ފަހު ބާއްވާ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ނިންމާފަ އެވެ.