މީރުކޮށް ހަދާފައި ހުންނަ ސަޓަނީގެ ވަހާއި ރަހައިން ކުޅު ދިޔާކޮށްލާނެ އެވެ. ނުކައެއް ނުހުރެވެ އެވެ. ކައިފިއްޔާ ބަނޑުވެސް ފިސާރި ބޮޑު ކޮށްލާނެ އެވެ. ފަތު ސަޓަންޏަށް ދިވެހިން އެހާ ވަރެއް ހުންނަނީ އެހެންވެ އެވެ. އެކަމަކު ދިވެހިން އާއްމު ގޮތެއްގައި ސަޓަނި ހަދައިގެން ކައި އުޅެނީ ދެތިން ވައްތަރެކެވެ. ނަމަވެސް މާލެ، ބާޒާރުގައި މިހާރު ވިއްކަން ހުރި ފަތްތަކުގެ ތެރެއިން މިއީ އަދި މުޅިން ތަފާތު ވައްތަރެވެ. އެއީ ރޯސްމޭރީ ފަތެވެ. މި ވެސް ކާފަތެއް ހެއްޔެވެ؟
އާއްމު ގޮތެއްގައި ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް ލޯޝަނާއި ތެޔޮ ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ރޯސްމެރީ ފަތް މާރުކޭޓުގައި ހުރީ ވެސް އެންމެ ތަނެއްގަ އެވެ. އެ ގޮޅި ހިންގާ މީހުން ބުނާ ގޮތުގައި މިއީވެސް މީހުން ފިސާރި ގަންނަ އެއްޗެވެ. މިއީ ދިވެހިން ކެއުމުގައި ބޭނުންކުރާ އެއްޗެއް ހެއްޔެވެ؟ މީގައި ހުންނަނީ ކޮން ރަހައެއް ހެއްޔެވެ؟ ކޮޕީ ފަތާއި ލެޓިއުސް ނޫނީ ކުއްޅަފިލާފަތުގައި ހުންނަ ފަދަ މީރު ރަހައެއް ރޯސްމެރީގައި ހުރޭ ހެއްޔެވެ؟
ރޯސްމެރީ ފަތް ވިއްކާ ގޮޅިއެއްގައި ހުރި މީހަކު ބުނި ގޮތުގައި މި ފަތަކީ ވެސް އަނގަޔަށް ވަރަށް މީރު އެއްޗެކެވެ. ސަޓަނި ހަދައިގެން ހަމަ ވަރަށް މީރުވާނެ އެވެ.
"ތިވެސް ގޯހެއް ނުވާނެ. މީރު ރަހައެއް ހުންނާނެ. އަޅެ ގެންދެބަލަ،" ގޮޅިއެއްގައި ހުރި މީހަކު ބުންޏެވެ.
ރޯސްމެރީ ފަތް ވިއްކަނީ ބޮނޑިއެއް 30ރ. އަށެވެ. އެހެންވެ ފަތުގެ އަގުތަކަށް ބަލާއިރު މިއީ ވަކިން ދޫކުރާ އެއްޗެއް ނޫނޭ މިހާރުވެސް ބުނެވިދާނެ އެވެ.
ދެން އޮތީ ރޯސްމެރީ ފަތުގެ ފައިދާ އާއި މިއީ ކިހާ މަގުބޫލު އެއްޗެއް ތޯ ބެލުމެވެ. މި ފަތަކީ އާއްމުކޮށް އަވަށްޓެރި ގައުމުތަކުގެ މީހުން ކާން ބޭނުންކުރާ އެއްޗަކަށްވެ އެވެ. ހާއްސަކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝަން ރައްޔިތުން މި ފަތުން ބައެއް ކާތަކެތި އުފައްދާ ކަމަށްވެ އެވެ.