ރޯދަ މަހާއެކު ދުޅަހެޔޮ ކަމަށް އަންނާނެ ބަދަލާމެދު ބައެއް މީހުން ކަންބޮޑު ވެއެވެ. އެންމެ ބޮޑު ކަންބޮޑު ވުމަކީ އަހަރެމެންގެ އާދަކާދަ ހުންނަ ގޮތުން މި މަހުގައި ހަކުރު ބޭނުން ކުރެވޭ މިންވަރު އެތައް ގުނައަކަށް އިތުރުވުމެވެ. ރޯދަ ވީއްލުމާއެކު ދެތަށި ތިންތަށި ފަނި ބޯލެވޭތީ އެވެ. އޭގެ ފަހަށް ވެސް ފޮނިއެތައް އެއްޗެކެވެ. މިހުރިހާ ފޮނި އެއްޗަކާއެކު ކަސްރަތުކުރުން ވެސް ވެއްޓެނީ އެންމެ ދަށް މިންވަރަށެވެ.
ކުރެވޭ އެއް ކުށް ހީއަކީ ހަށިގަނޑަށް ދިޔާ އެއްޗެއް އެތެރެ ނުވެ ހޭދަވާ ވަގުތު ގިނަ ކަމުން ރޯދަ މަހުގައި ކަސްރަތެއް ކޮށްގެން ނުބައި ނަތީޖާއަކާ ކުރިމަތިވާނެ ކަމަށް ކުރެވޭ ހީއެވެ. އެކަމަކު ފަހުގެ ގިނަ ދިރާސާތަކަކުން ދައްކާ ގޮތުގައި ރޯދައަކީ އޭގައި ސިއްހީ ގިނަ ގުނަ ފައިދާތައް އެކުލެވިގެންވާ އަޅުކަމެކެވެ. މިއާ އެކުގައި ވެސް ނުބައި ނަތީޖާތައް ނުކުމެދާނެ ގޮތް މެދުވެރިވުން އޮންނަނީ ދާދި ގާތުގަ އެވެ. އެއީ ވިސްނާ ނުލާ ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ރޯދަ ވީއްލީއްސުރެ ހާރުކެއުމާ ދެމެދު މެދު ނުކެނޑި ކަމުން ދިއުން ފަދަ ނުބައި އާދަތަކުންނެވެ.
އިންޑިއާގެ މަޝްހޫރު ޖިމެއް ކަމަށްވާ ފިޓްޕާސްގައި ޑައިޓީޝަނެއް އަދި ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މެހަރު ރާޖްޕޫޓް ވިދާޅުވާ ގޮތުގައި ރޯދަ މަހުވެސް އެހެން މަސްތަކެކޭ އެއްގޮތަށް ފިޓްކޮށް ތިބެވިދާނެެ އެވެ. އެކަމަކު ބައެއް ކަންކަމަށް ސަމާލުވެގެންނެވެ. އެގޮތުން ސަމާލުވާން ކަންތައްތަކެއް އޭނާ ވަނީ "ޓައިމްސް ނައު" އަށް ކިޔުއްވައި ދެއްވާފަ އެވެ.
ކުރަންވީ ކަންތައްތައް
- ހާރުދަމުގައި މަދުވެގެން ދެތަށި ފެން ބޯށެވެ.
- ހަށިގަނޑުގައި ފެން ހިފަހައްޓާ ބާވަތްތަކުގެ މޭވާ ކާށެވެ. އެގޮތުން ކަރާ ނުވަތަ މޭބިސްކަދުރު ކެވިދާނެެ އެވެ.
- ރޯދައަށް ހުންނަ ވަގުތު މާބޮޑަށް ބަނޑުހައިކަން އިހުސާސް ނުވާނީ ޕްރޮޓީންނާއި ފައިބަރާއި ކާބޯހައިޑްރޭޓްސް އެކުލެވޭ ބައިތައް ހާރުގެ ވަގުތުވައި ކެއުމުންނެވެ.
- މިގޮތަށް ހާރު ކައިގެން ދުވާލުގެ ވަގުތުގައި ހަމަ ކުރިއެކޭ އެއްގޮތަށް ކަސްރަތު ކުރެެވިދާނެ އެވެ.
- މާބޮޑަށް ވަރުބަލިވެ، ގެއްލުމެއް ވެދާނެކަމުގެ ކަންބޮޑުވުމެއް އޮވެއްޖެ ނަމަ ކަސްރަތުގެ ކުޑަކޮށް ލުއި ކޮށްލެވިދާނެ އެވެ.
- ރޯދަ ވީއްލާއިރު ކަދުރު ކޮޅެއް ކާލާށެވެ. ދީނީ ގޮތުން ވެެސް އެއީ އެކަން އޮތް ގޮޮތް ކަމަށް ވުމުގެ އިތުރުން ކަދުރު ކާންވީ އަނެއް ސަބަބަކީ އޭގައި ފައިބަރާއި ޕޮޓޭސިއަމް އެކުލެވޭ ކަމެވެ. އެހެންވެ އެއީ ހަށިގަނޑުގައި ފެން ހިފަހައްޓައިދޭ ބާވަތެއް ކަމުގައި ވެއެވެ.
ނުކުރަންވީ ކަންތައްތައް
- ރޯދަވީއްލާ ވަގުތު ގިނައިން ހަވާދުލީ ބާވަތްތަކުގެ ކާނާ ނުކާށެވެ. އެފަދަ ބާވަތްތައް ކައިފި ނަމަ މޭ އަންދާނެތީ އެވެ.
- ރޯދަ ވީއްލާ އިރު ވެފައިވާ ބަނޑުހައިކަމުގެ އިހުސާސް މުޅިން ފިލުވައިލުމުގެ ބޭނުމުގައި ނުކާށެވެ. އޭރުން ކެވޭ ވަރެއް ވަޒަން ނުކުރެވި އެކަށީގެން ނުވާހާ ގިނައިން ކެވޭގޮތް މެދުވެރިވާނެ އެވެ.
- ގޮތެއް ގޮތެއް ނުބަލައި އިރު އިރުކޮޅުން ނުކާށެވެ. ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކޮށް ބެހެއްްޓޭނީ އޭރުންނެވެ.
- ޖަންކް ފުޑް (ގިނަ ކެލަރީ އެކުލެވޭ ތައްޔާރީ ކާނާތައް) ނުކާށެވެ.
- ކަސްރަތުގެ އާ ހަރަކާތްތަކެއް ރޯދަމަހު ނުފަށާށެވެ.
މިކަންތައްތަކަށް ސަމާލުވާ ނަމަ ކުރިންވެސް ކުރަމުން އައި ގިނަ ކަސްރަތުތައް ރޯދަމަހު ވެސް ކޮށްލެވޭނެ އެވެ. ދުވެލަން ނުވަތަ ފަތާލަން ދާން ކޮންމެހެން ޖެހިލުންވާކަށް ނުޖެހޭނެއެވެ. ރޯދަ މަހާއެކު ފިޓްނަސް ގެއްލި ލޫޅާފަތިވުމަށް ކުރަމުން އައި މަސައްކަތް އީދު ދުވަހު އަލުން ބަލުން ފަށާކަށް ނުޖެހޭނެއެވެ.