ލައިފްސްޓައިލް

އެއްޗެއް ނުގަތަސް ބަލާލަން ދާން ވާނެ!

ފިހާރައަށް ދާން ކޮންމެހެން ފައިސާތަކެއް ބޭނުންވޭ ހެއްޔެވެ؟ ފިހާރައަކަށް ދާ ކޮންމެ ފަހަރަކު އެތަނަކުން ވިޔަފާރި ކުރަން ޖެހޭނެ ހެއްޔެވެ؟ އެގޮތަށް ވިސްނާނަމަ މީހާގެ ވިސްނުމާއި ދިރިއުޅުން މިހާރު ވަރަށް މުސްކުޅި ވެއްޖެ އެވެ. ހަމަ ގައިމު ވެސް ފިހާރައަށް ނޫނީ ބާޒާރަށް ކޮންމެ ފަހަރަކު ދާނީ އެއްޗެއް ގަންނާނަކަށް ނޫނެވެ. އެއްޗެއް ނުގަތަސް ބަަލައިލަން ވެސް ދެވިދާނެ އެވެ. އެންމެ ކުޑަމިނުން އެވަރުކޮށްލެވޭނެ ނޫން ހެއްޔެޔެވެ؟

ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރި ކުންފުނި، ސޮނީގެ، "ދަ ސީން ބައި ސޮނީ ހާޑްވެއާ" ގެ ބޭރުގައި ލިޔެ ތަތްކޮށްލާފައި ވަނީ މިހެންނެވެ: "އެއްޗެއް ނުގަތަނަސް ބަލައިލަން ދާންވާނެ" އެވެ. މިއީ ވަރަށް ބޮޑު ތެދެކެވެ. މިއީ މި ޒަމާނުގެ ބަހުންނަމަ މިީހެއްގެ ހަޔާތުގައި "ވިންޑޯ ޝޮޕިން" ވަރަށް މުހިންމޭ ރީތި ގޮތަކަށް ބުނެ ދިނުމެވެ. މީހާގެ ވިސްނުމާއި ނަފުސު ކަންކަމުގައި ތަރައްގީ ކޮށްދޭން ބާރެއް ލައިދިނުމެވެ.

އެއްޗެއް ނުގަނެ، ފިހާރަތަކަށް ވެދެ، އެ ފިހާރަތައް ބެލުމުން ފައިދާއެއްވޭ ހެއްޔެވެ؟ ތަޖުރިބާކާރުން ވަނީ އޭގެ ފައިދާތައް ވަރަށް ތަފުސީލުކޮށް އެކި ގޮތްތައް ކިޔައިވެސް ދީފަ އެވެ. އެހެންވީމާ އެއެއްޗެއް ނުގަތަސް ބަލައިލަން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއްޗެއް ގަތުމަށް ކުރާ އުންމީދު ހާސިލު ކުރުމަށް ހުރަސްކޮށްލެވޭ ވަރަށް ބޮޑު މަގެކެވެ.

ހުނަރުތައް ދަސްވުން

ބައެއް ފަހަރު ވިޔަފާރި ކުރަން ގޮސްފައި ގަންނާނެ އެއްޗެއް ހިޔާރު ކުރަން ނޭނގި ހުއްޓިފައި ތިބޭ މީހުން ފެނެ އެވެ. ފިހާރަ ފުރެންދެން ކުލަކުލައި މުދާ ހުއްޓަސް އެމީހުންގެ ލޮލަކަށް އެއްޗެއް ނުފެންނާނެ އެވެ. އެހެންވަނީ "ވިންޑޯ ޝޮޕިން" އަށް ނުދާތީ އެވެ. ފިހާރަ ނޫނީ ބާޒާރަށް ގޮތް ގޮސް ހުރި އެއްޗިހި ރަނގަޅަށް ބެލުމަކީ އެންމެ ބޮޑަށް ދުނިޔެއަށް ލޯ ހުޅުވޭނެ އެއް ކަމެވެ. އޭގެ ސަބަބުން ލިބޭނެ އެއް ފައިދާއަކީ އެއްޗެއް ގަންނާނެ ހުނަރު ދަސްވުމެވެ. އަމިއްލައަށް ބޭނުންވަނީ ކޮންއެއްޗެއްކަން ނަގައި ގަންނަން ފަސޭހަވުމެވެ. އަދި އެއްޗެއް ގަތުމައް ކުރާ އުންމީދު ދެބައިކުޅަ އެއްބަޔަށް ފުރިހަމަ ކުރުމެވެ.

ސްޓްރެސް ފިލުން

ގޭގައި އަބަދު ފިލްމު ބަލަން ނޫނީ ޓީވީ ބަލަން އިންނަ ނަމަ އިސާހިތަކު މީހާގެ ބޯވެސް ގޮވައިފާނެ އެވެ. ދުނިޔެއަށް މީހާ މޮޔަވެސް ވެދާނެ އެވެ. މީގެ ބަދަލުގައި ފިހާރަ ތަކަށް ވަދެ، ބާޒާރުގައި ހުރި މުދަލުގެ ބާވަތާއި ވަތްތަރުތައް ބަލައިލުމަކީ ސިކުނޑި އަށް ވަރަށް ހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. ހިތް ހަމަޖެހޭނެ ކަމެކެވެ. ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ސްޓްރެސް ފިލުވައިލުމެވެ. ފުރަތަމަ އެއްޗެއް ގަންނާނެ ކަމެއް ނެތެވެ. ބަލައިލަން ދާނީ އެވެ.

ފަހުގެ ސްޓައިލާއި ފެޝަނަށް ލޯ ހުޅޭ

ގަޑިއިރެއްގެ ތެރޭގައި އެތަށް ސަތޭކަ ފެޝަނެއް ދުނިޔެ އަށް ނުކުމެ އެވެ. ކޮންމެ މަހަކު އެއްފަހަރު އެއް ފެޝަން ބާޒާރަށް އާދެ އެވެ. އެކަމަކު އެއްޗެއް ނުގަތަނަސް ބަލައިލަން ނުދާނަމަ ނޫނީ ވިންޑޯ ޝޮޕިންއަށް ނުދާނަމަ ވާނުވާއެއް ނޭނގޭނެ އެވެ. އޭރަކުން އަމިއްލައަށް ލައިގެން ހުރެވުނީ ފަހުގެ ފެޝަނެއް ކަމެއް ނޫނީ މިހާރުގެ ފެޝަނަކީ ކޮބައި ކަމެއް ވެސް ނޭނގޭނެ އެވެ. އެހެންވެ މިއީ އޭރަކު އަންނަ ޓްރެންޑްތަކަށް ލޯ ހުޅުވައިދޭން އެންމެ މުހިންމު އެއް ކަންތަކެވެ. ހަދަންވީ ގޮތަކީ އެއްޗެއް ނުގަތަސް ބަލައިލާން ދާނީ އެވެ.