މޭޑޭއާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރު ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އީގަލްސްގެ ކުރީގެ ކީބަރު އިބްރާހިމް ލަބާން ޝަރީފް މިއަދު ޖަލުން މިނިވަން ކޮށްފި އެވެ. އޭނާ ވަނީ ތިން އަހަރު ޖަލުގައި ހޭދަކޮށްފަ އެވެ.
ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ، ލަބާން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 25 ޖުލައި 2016 ގަ އެވެ. އަދި އޭނާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެކަމުގައި 5 މޭ 2015ގަ އެވެ. ލަބާން މިނިވަން ކުރުމަށް އޭނާގެ އާއިލާއާ އިދިކޮޅު ސިޔާސީ ފަރާތްތައް ދިޔައީ ގޮވާލަމުން އެވެ.
ލަބާންގެ އާއިލާގެ މެންބަރަކު މިއަދު ބުނި ގޮތުގައި އޭނާ މިނިވަން ކުރީ ޕެރޯލްގެ ދަށުން އެވެ. އޭނާ ބުނިގޮތުން ލަބާން ދުކޮށްލުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ކުރިމިނަލް ކޯޓުން ލަބާން ގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވާ ގޮތުން މެއި އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރަމުންދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ވަނީ މަގު މައްޗަށް ވައްޓާލާފަ އެވެ. ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރީގައި ހިނގި އެ ހާދިސާގައި ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގުމައްޗަށް ވައްޓާލީ ލަބާން އޭނާގެ ފަޔަށް ޖެހި ޓެކުލްއެއްގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ލަބާން ހައްޔަރުކުރުމާ ގުޅިގެން ކްލަބް އީގަލްސްއިން ވަނީ އޭނާގެ ކޮންޓުރެކްޓް އުވާލާފަ އެވެ. ލަބާންއަކީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލައި، ކްލަބު ވެެލެންސިއާ އަށް ވެސް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.
ހުކުމްގެ ބައެއް ފުރިހަމަކުރުމަށްފަހު ލަބާން ޖަލުން މިނިވަންކޮށްފައިވާއިރު ހަމަ އެ މައްސަލާގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ، ލ. ގަން އެއްގަމުގެ ނާސިރާ އަލީ އާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ ނީލޯފަރުމާގެ އުމަރު ގާހިރުގެ މައްޗަށެވެ. މީގެ ތެރެއިން ލ. ގަމު، ނާސިރާއަށް ވެސް އޭޕްރީލް، 2017 ގައި ވަނީ މާފުދީފަ އެވެ.