ހަބަރު

ރައީސް ޔާމީން ކެމްޕޭނު އޮފީހުގެ ޓީމުތައް 5 އަތޮޅަކަށް

އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕީޕީއެމް އިން ފަސް އަތޮޅަކަށް ދަތުރު ކުރަން ނިންމައިފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަދްލީ އިސްމާއިލް ވިދާޅުވީ އަތޮޅުތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ހިންގައި، ރައްޔިތުންގެ ހާލު ގާތުން ބެލުމަށް މި ރޯދަ މަހުގެ ތެރޭގައި ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ ބުދަ ދުވަހުން ފެށިގެން ފަސް އަތޮޅަކަށް ދަތުރު ކުރާނެ ކަމަށެވެ.

އެގޮތުން ށ. ބ. ރ. ވ. އަދި އދ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ޓީމުތަކުން ދާނެ ކަމަށާއި އެ ދަތުރުގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ޕީޕީއެމްގެ އިސް ފަރާތްތައް ބައިވެރިވާނެ ކަމަށް އަދްލީ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ މިދިޔަ އޮގަސްޓު މަހުން ފެށިގެން ޕީޕީއެމްއިން ކެމްޕެއިން ކުރަމުން އަންނަ އިރު މިއަދާ ހަމަޔަށް އައިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 2018 އަށް ރައީސް ޔާމީން އިންތިހާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް ދާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ފޯކަލް ގްރޫޕުތަކެއް އޮންނަ ކަމަށާއި ރައީސް ޔާމީންއަށް ކެމްޕެއިންކޮށްދިނުމަށް ވޮލެންޓިއަރުން ގޮތުގައި ވެސް 80،000 އެއްހާ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ވޯޓުގެ ކުރިން ވީހާވެސް ގިނަ ވޮލެންޓިއަރުން އަޅުގަނޑުމެންނަށް އެއްކުރެވޭތޯ ތާއީދުކޮށްގެން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރޭތޯ، މަސައްކަތުގައި ސީދާ ހަރާކާތްތެރިވާ މިހާ ގިނަ އަދަދަކަށް މީހުން އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ އަޅުގަނޑުމެންގެ ޓީމުން މީހުންނާ ވީހާވެސް ގާތުން ހަރަކާތްތައް ކުރިޔަށް ގެންދެވުނީމަ،" މޫސަ ވިދާޅުވި އެވެ.

ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމް އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދާ ކެމްޕެއިންގެ މަސައްކަތް ފަށަން ނިންމާފައިވާ އިރު ޕީޕީއެމް އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވަނީ ރައީސް ޔާމީންގެ ކެމްޕެއިންތައް ރޯދައަށް މެދުކަނޑާލާނެ ކަމަށް ވިދާޅުވެފަ އެވެ.