ހަބަރު

މަޖީދަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

May 21, 2018

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހާލުކޮޅު ސީރިއަސްވެފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ (ފޮޓޯ) އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދި ވަޑައިގެން ހަމްދަރުދީ ފާޅު ކުރައްވައިފި އެވެ.

ރައީސްގެ މި މެސްޖެ އާންމު ކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒްގެ ޓްވީޓެއް މެދުވެރިކޮށެވެ.

ރައީސްގެ މެސެޖްގައި ވިދާޅުވެފައި ވަނީ "ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހާލުކޮޅު ދެރަވެ އައިސީޔޫގައި އެޑްމިޓް ކުރެވުނު ހަބަރު އަޅުގަނޑު އެހީ ފުން ހިތާމައާއެކު އެވެ. އެ މަނިކުފާނަށް އަވަސް ޝިފާއަކަށް އެދޭ ހާލު މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތް ﷲ އަށް ދުވާ ދަންނަވަން" ކަމަށެވެ.

ސްޓްރޯކެއް ޖެހުމުގެ ސަބަބުން މަޖީދަށް ފަރުވާ ދެމުން ގެންދަނީ ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްގަ އެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެފައިވާއިރު މިވަގުތު ފަރުވާ ދެމުން ދަނީ މެޝިނުގެ އެހީގަ އެވެ.

މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގާ ނަމެކެވެ.