ކާނާ

މާކުންބެއަށް ދެއަހަރު، މިސްރާބު ހުޅުމާލެއަށް!

ޒަމާން ކުރިއަރާ ތަރައްގީއާއި ތަހުޒީބްގެ ތެރެއިން މިވަނީ އިންސާނުންގެ ހުރިހާ ބޭނުންތައް ނުހަނު ފަސޭހައިން ފުދޭނެ އިންތިޒާމްތައް ހަމަޖައްސައިދީފަ އެވެ. ވަކިން ހާއްސަކޮށް މިއަދު ފޯނުން ނުކުރެވޭ އެއްވެސް ކަމެއް ނެތެވެ. ފޯން ބިޒީވެގެން ކާން ބޭނުންވާ ފްރައިޑްރައިސް އޯޑަރު ނުކުރެވި ހުންނަން ޖެހުން ދުވަސް މާޒީވެއްޖެ އެވެ. ޕާޓީއަށް ބޭނުންވާ ޕިއްޒާއާއި ބާގާ ގަންނަން ހޭލަމޭލައަށް ހިނގި ދުވަސް އެއީ މާޒީ އެވެ. ހާލަތު ބަދަލުވެ ލުއި ފަސޭހަ ވެއްޖެ އެވެ. މިއަދު ފުޑް އޯޑާ ކުރުމުގެ ވާހަކަ އިވޭ ހަމަ ކޮންމެ ފަހަރަކު ވެސް އެންމެ ފުރަތަމަ ހަނދާނަށް އަންނަނީ މާކުންބެ އެވެ.

މާލޭގައި ކާމިޔާބު ދެ އަހަރު ހިދުމަތްދިނުމަށްފަހު "މާކުންބެ" މިހާރު ވަނީ، ތަރައްގީ އާއި އުންމީދުން ފުރިގެންވާ "ޔޫތު ސިޓީ" ގައި ވެސް ފައި ހަމަކޮށް ހިދުމަތް ފުޅާ ކޮށްފަ އެވެ. މިހާރުވެސް މާލޭގެ 25 އަށްވުރެ ގިނަ ރެސްޓޯރެންޓުތަކުގައި ތައްޔާރުކުރާ ކާނާ ގޭގެއަށް ޑެލިވަރީކޮށްދެ އެވެ.

"ހުޅުމާލޭއަށް މި ހިދުމަތް ފުޅާކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން. އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުން އެމީހުން އެންމެ ކާން ބޭނުންވާ އެއްޗެއް އެމީހަކަށް އެންމެ ކަމުދާ ރެސްޓޯރެންޓުން ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ހަދައިދިނުމަށް." މާކުންބޭގެ ފައުންޑާ އަދި ސީއީއޯ މުހައްމަދު އަމާން ވިދާޅުވި އެވެ.

"އުއްމީދަކީ މި ހިދުމަތައް ގިނަ ބައެއް ތަރުހީބު ލިބި ކަސްޓަމަރުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދިއުން."

އަމާން ވިދާޅުވީ، ހުޅުމާލޭގައި ހިންގަމުން އަންނަ ރެސްޓޯރެންޓުތަކަށްވެސް މާކުންބެއާއި ގުޅިގެން އެ ރެސްޓޯރެންޓުތަކުގައި ތައްޔާރުކުރާ ކާއެއްޗެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާކުންބެ އުފެއްދީވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކާނާ ލިބޭނެ ގޮތް ހަދާދިނުމުގެ މަގުސަދުގައި ކަމަށް ބުނަމުން އަމާން ވިދާޅުވީ، "އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ކާ އެއްޗެހީގެ އަގަށްވުރެ ރަނގަޅު ހިދުމަތަކާއި ރަނގަޅު ފެންވަރުގެ ކާނާ ކަސްޓަމަރުނާއި ހަމައަށް ފޯރިކޮށްދެވޭތޯ."

މި ރަމަޟާން މަހުވެސް މާކުންބޭގެ ހިދުމަތް ލިބޭނެ އެވެ. ރޯދަ ވިއްލަން ކާއެއްޗެހި ޑެލިވާކޮށްދެން ބޭނުންވާ ފަރާތްތަކުން ދުވަސް ފެށުމާއެކު ކުރީ ބައިގައި އަވަހަށް އޯޑާ ކުރުމަށް އަމާން އެދެ އެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވުމާއެކު މިހާރުވެސް ޑެލިވަރީތައް ލަސްވަމުންދާ ކަމަށެވެ. ކުރީ ބައިގައި އޯޑާ ކުރާނަމަ ޑެލިވަރީކުރަން އޭރަށް ފަސޭހަވާނެ ކަމަށެވެ. ރޯދަ މަހު ޑެލިވަރީތައް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

"ހުޅުމާލެއަށް ހިދުމަތް ތައާރަފުކުރުމާއެކު އަޅުގަނޑުމެން މިހާރު މި އަންނަނީ ޑެލިވަރީގެ ހިދުމަތައް ތިމާވެއްޓާއި ރައްޓެހިކުރުމުގެ ގޮތުން ޑެލިވަރީކުރަން މިހާރު ބޭނުންކުރާ މޮޓޯ ސައިކަލްގެ ބަދަލުގައި އިލެކްޓްރިކް ބައިކްސް ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުން."

"އަޅުގަނޑުމެންނާއި ގުޅިގެން ތިމާވެއްޓާއި ރައްޓެހިގޮތަކަށް މި ހިދުމަތްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު އޮންނާނެ."

އަމާން ބުނީ ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ރަށްތަކުގައި އާއި ރާއްޖޭން ބޭރުގައިވެސް މާކުންބޭގެ ހިދުމަތް ދިނުމަށް އުއްމީދުކުރާ ކަމަށެވެ. މިދިޔަ ދެ އަހަރު އެކި ގޮތްގޮތުން މާކުންބޭގެ ހިދުމަތްތަކަށް އެހީތެރިވި ފަރާތްތަކަށާއި ރެސްޓޯރެންޓުތަކުން ދިން އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރި އެވެ. މިއަދާ ހަމަޔަށް މާކުންބޭގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ 30 ހާހަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.