ހަބަރު

ޅައިމަގު ޒުވާނުން ނިކުމެ މުރަކަ އިންދައިފި

May 21, 2018

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ސަރަހައްދަށް އެރި ތޫފާން އޮކްޝީގެ ސަބަބުން ޅައިމަގު ފަރަށް ގެއްލުން ލިބިފައި ވާތީ، އެ ރަށުގެ ފަރު ރީތިކޮށް ދިރުން ގެނައުމުގެ ގޮތުން އެ ރަށުގެ ޒުވާނުން ނިކުމެ ފަރުގައި މުރަގަ އިންދައިފި އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅުނީ ޅައިމަގު ޖަމްއިއްޔާއެއްކަމަށްވާ، ޅައިމަގު އެކުވެރިންގެ ރޫހާއި އެ ރަށު ޒުވާނުން އެވެ. މިދިޔަ ހަފްތާ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ޅައިމަގު ވަށައިގެންވާ ފަރުގެ 50 ފޫޓް އާއި 30 ފޫޓްގެ ސަރަހައްދެއްގައި ބަނީ މުރަކަ އިންދައިފަ އެވެ. އެ ހަރަކާތުގައި އުޅުނު ޒުވާނުން ބުނީ، މި ޕްރޮޖެކްޓްގެ މަގުސަދަކީ އެ ރަށަށް ލޯކަލް ޓޫރިޒަމް ތައާރަފް ކުރުން ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ޓޫރިސްޓުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި އެ ރަށުގެ ފަރު ހެދޭނެ ކަމަށް ވެސް އެ ޒުވާނުން ދެކެ އެވެ.

"މިއީ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް. މީގެ ބޭނުމަކީ ލޯކަލް ޓޫރިޒަމް މި ރަށަށް އަންނަންވާއިރަށް ޅައިމަގުގެ ވަށައިގެންވާ ފަރަކީ ރީތި، ހިތްފަސޭހަތަނަކަށް ހެދުން. މީގެ ސެކަންޑް ފޭސްވެސް އަޅުގަނޑުމެން ހިންގާނަން،" ޅައިމަގު އެކުވެރިންގެ ރޫހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ޕްރެޖްޓަށް ފައިސާގެ ގޮތުން އެހީވަނީ ޅައިމަގުގެ ބައެއް ވިޔަފާރިވެރިންނާއި އާންމުފަރާތްތަކުން ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. މި ޕްރޮގްރާމްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ، ކޮންރެޑް އަންޑަވޯޓާ ރެސްޓޯރަންޓްގައި ވެސް މުރަކަ އިންދުމުގެ މަޝްރޫއުގައި ހަރަކާތްތެރިވި، ޑައިވަރެއް ކަމަށްވާ އިސްމާއީލް ޝަރީފް އެވެ.

ޅައިމަގު އެކުވެރިންގެ ރޫހުން ބުނީ، މިފަދަ މަޝްރޫއެއް ހިންގުނީ ވަރަށް ގިނަ ބައެއްގެ އެހީއާ އެކުގައި ކަމަށާއި މި މަޝްރޫއަށް އެހީވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.