ކުޅިވަރު

ސިޓީން ހަޒާޑް ހޯދަަން ބޮޑު އަގެއް ހުށަހަޅަނީ!

ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑް ގެންދަން މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑްގެ ބޮޑު އަގެއް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމަށް އިނގިރޭސި މީޑިއާތައް ބުނެފި އެވެ.

ޑެއިލީ ސްޓާއިން ބުނީ، ހަޒާޑް ޓީމުގައި ބެހެއްޓުމަށް، ހަފުތާ އަކު 300000 ޕައުންޑްގެ މުސާރައާއެކު އާ އެއްބަސްވުމެއް ޗެލްސީން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އާ އެއްބަސްވުމުގައި ސޮއި ނުކޮށް އޭނާ މަޑުކޮށްގެން ހުރީ އަންނަ ސީޒަނަށް ޗެލްސީއަށް ރަނގަޅު ކުޅުންތެރިން ހޯދަން ދެން ކަމަށެވެ.

ޑެއިލީ އެކްސްޕްރެސްއިން ބުނެފައި ވަނީ، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކުރިމަގާ މެދު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ގޮތެއް ނިންމާނެ ކަމަށާއި އެންމެ ބޮޑަށް ބެލެވެނީ ކޮންޓޭ ކޯޗު ކަމުން ވަކި ކުރާނެ ކަމަށެވެ. އާ ކޯޗަކަށް އަންނާނެ ކަމަށް ބެލެވެނީ ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ އެވެ. ސިޓީގެ ޓާގެޓަކީ އޭގެ ކުރިން ހަޒާޑްގެ ޓްރާންސްފާއާ މެދު ވަކި ގޮތެއް ނިންމުމެވެ.

ރެއާލް މެޑްރިޑުން ކުރިން ޝައުގުވެރިކަން ފާޅު ކުރި، ހަޒާޑަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކުޅުންތެރިޔެކެވެ. އަންނަ ސީޒަނަށް ސިޓީ އޯވަހޯލް ކުރަން ފަށާފައިވާއިރު ގާޑިއޯލާގެ އެންމެ މުހިން ޓަގެޓަކީ ހަޒާޑްގެ ސޮއި ހޯދުމެވެ.