ހަބަރު

ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށައިފި

ސްމާޓްކޮށް ކިޔަވައިދޭން ފެށުމުގެ ގޮތުން، ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ފަށައިފި އެވެ.

މުދައްރިސުންނަށް ޓެބްލެޓް ދޫކުރަން މިއަދު ފަށާފައިވަނީ ދެވަނަ ޓާމާއެކު ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން މިނިސްޓްރީން ނިންމާފައިވާތީ ކުދިންނަށް ކިޔަވައިދިނުމަށް މިހާރު ތައްޔާރުކޮށްފައި ހުރި ޓެބްލެޓްތަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ ގޮތުންނެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ހުރިހާ ޓީޗަރުންނަށް، އަދި އަންނަ ހަފްތާއިން ފެށިގެން އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގެ މުދައްރިސުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ އެވެ.

މުދައްރިސުންނަށް ޓެބްލެޓް ދޫކުރުން ފަށައަިގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އިސްކަންދަރު ސްކޫލްގައި ރަސްމިއްޔާތެއް ބާއްވާފަ އެވެ. ޓެބްލެޓް ދޫކުރުން ފައްޓަވައިދެއްވީ މިނިސްޓަރު ޑރ އާއިޝަތު ޝިހާމް އެވެ. އެގޮތުން އެންމެ ފުރަތަމަ ޓެބްލެޓް ދިނީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންނަށެވެ.

ވަކި ސްކޫލެއް އިސްތިސްނާވުމެއް ނެތި މުޅި ރާއްޖެއަށް ޓެބްލެޓް ތައާރަފްކޮށް ކުދިންނަށް ޒަމާނީ ތައުލީމް ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު މިއަދު ފާހަގަކުރެއްވި އެވެ. އެގޮތުން ފަށައިގަންނަން ތައްޔާރުވެފައިވާ ޓެބްލެޓް މަޝްރޫއު ރާއްޖޭގެ ތައުލީމީ ނިޒާމްގެ ވައްޓަފާޅި ބަދަލުކޮށްލާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ޕްރޮޖެކްޓާއެކު ކުރިއަށް އޮތްތަނުގައި ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުން ކުދިންގެ ސިކުނޑިތައް ބޮޑަށް ހުޅުވި ގިނަ ހުނަރުތައް ދަސްވެގެންދާނެ ކަމަށެވެ.

ޓެބްލެޓް ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އުނދަގޫ ގިނަ މަސައްކަތްތަކެއް ވަރަށް ބުރަކޮށް ކޮށްފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޓެބްލެޓްގެ ސަބަބުން ކުދިންނަށް ނުބައި އަސަރެއް ނުކުރާނެ ވަރަށް ޕްރޮޖެކްޓުގެ ވަކި ވަކި ބައިތަކުގެ ސެކިއުރިޓީ ފީޗާތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.

"ޓެބްލެޓަށް ސްކޫލްތަކުން ދޫކުރާ ވައިފައި އަށް ވެސް ނުވަދެވޭނެ އެ ޓެބްލެޓްތައް ނޫން އެހެން ޑިވައިސްތަކަކުން. ޓެބްލެޓަށް ބެއްޔަސް ސެކިއުރިޓީ ވަރަށް ރަނގަޅުކޮށްފަ ހުންނާނީ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ޓެބްލެޓަކީ ކުދިންނަށް ގޯސްގޮތުގައި އިންޓަނެޓްގެ ބޭނުން ކުރެވޭނެ ފުރުސަތާއެކު ދޫކޮށްލާ އެއްޗެއް ނޫނެވެ. ކުދިންނަށް ޓެބްލެޓް ދޫކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ސައިޓްތައް ނޫން ތަންނަށް ނުވަދެވޭގޮތަށް ފަޔަވޯލް ބިލްޑްކުރުމާއި ގޭގެ ވައިފައި ބޭނުންކުރާއިރުވެސް ޑިވައިސްއިން ވަކި ކަންތައްތަކެއް އެކަނި ކުރެވޭ ގޮތަށް ސެކިއުރިޓީ ފީޗާތަކެއް ހިމަނާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ފީޑްބެކް އަންނަ ގޮތާއި ކިޔެވުން ދާގޮތް ބެލުމަށްފަހު މުޅި ރާއްޖެއަށް އަޅުގަނޑުމެން ދޫކޮށްލާނީ. އެންމެ ފުރަތަމަ ފަށައިގަންނާނީ މާލޭގެ ސްކޫލްތަކުން. އެއަށްފަހު އެހެން ރަށްރަށަށް. ބޭނުން ވަނީ އަވަސް އަރުވާލައިގެން ކަންކަން ކުރުމެއް ނޫން. ރަނގަޅު ގޮތުގައި މިކަން ކުރިއަށް ގެންދިއުން،" ޝަފީއު ވިދާޅުވި އެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެއެވެ.