ހަބަރު

އިލްހާމް ޖަލުގައި 100 ދުވަސް، އާއިލާއަށް ފަޅުކަމާއި މާޔޫސްކަން

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހައްޔަރުކުރިތާ 100 ދުވަސްވީއިރު އޭނާގެ އާއިލާއަށް ފުން ހިތާމައެއް ކުރަން ޖެހިފައިވާ ކަމަށް އަނބިކަނބަލުން އައިމިނަތު މާޝާ ވިދާޅުވެއްޖެ އެވެ.

ޖަލުގައި އިލްހާމް ބަންދުކުރިތާ 100 ދުވަސްވުމާ ގުޅިގެން މާޝާ ވިދާޅުވީ، އިލްހާމް އަބަދުވެސް ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރާ ބޭފުޅެއް ކަމަށެވެ. އަދާކުރެއްވި ހުރިހާ ސިޔާސީ މަގާމުތަކެއްގައި ވެސް ޒިންމާ އަދާކުރައްވާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

"އިލްހާމަކީ ކުރާ ކޮންމެ ކަމެއްގައި ވެސް ސާބިތުވެ ހުންނަ މީހެއް، އިލްހާމްގެ ކުށަކީ އިސްލާހަށް މަސައްކަތް ކުރުން، ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހި ހުރުން،" މާޝާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވި ގޮތުގައި އިލްހާމްއަކީ ވަރަށް އާއިލީ ބޭފުޅެކެވެ. މައިންބަފައިންނާއި އަނބިދަރިންނަށް ހެޔޮކޮށް ހިތާ އަދި އެއްބަނޑު މީހުންނާ ގުޅޭ ގާތް ގުޅުމެއް ބާއްވާ، އެންމެން ދެކެ ލޯބިވާ އޯގާތެރި ފަރާތެއް ކަމަށެވެ. އިލްހާމް ޖަލުގައި ހޭދަކުރާ ކޮންމެ ވަގުތަކީ އޭނާގެ މައިންބަފައިންނަށް ހިތާމަ އާއި ހިތްދަތިކަން އިންތިހާއަށް ލިބުމުންދާ ކަމެއް ކަމަށާއި އިލްހާމްގެ މަންމަ ކޮންމެ ދުވަހަކު ވެސް ހުންނަނީ އޭނާގެ ފޫނު ފެނިލާނެ ކަމުގެ އުއްމީދުގަ ކަމަށް މާޝާ ވިދާޅުވި އެވެ.

ރޯދަ މަހަކީ އިލްހާމް ވަކިން ހާއްސަކޮށް އާއިލީ ގުޅުމަށް އިސްކަން ދެއްވާ މަހެއް ކަމަށާއި ކޮންމެ ދުވަހަކު ވެސް ރޯދަ ވިއްލަނީ ކޮއްކޮމެންނާއެކު މަޖާކުރަމުން ކަމަށެވެ. އަދި ރޯދަ ވިއްލާ ގަޑީގައި ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރައްވާ ކަމަށެވެ. އެހެންވެ މި ރޯދަ މަހު އިލްހާމް ނެތުމުން އެ އާއިލާއަށް ބޮޑު ފަޅުކަމެއް ކުރިމަތިވެފައިވާ ކަމަށް މާޝާ ވިދާޅުވި އެވެ. ރޯދަ ވީއްލާ ގަޑީގައި ބައްޕަ މަތިން ހަނދާންވެ ދަރިން ޝަކުވާކުރާކަން އޭނާ ފާހަގަކުރެއްވި އެވެ. ނަފްސާނީ ގޮތުން ދަރިންނަށް ގެއްލުންވެ، އެ ކުދިން ސްކޫލަށް ދިޔުމަށް ވެސް ދެކޮޅު ހަދާ ކަމަށް ވެސް މާޝާ ވިދާޅުވި އެވެ.

"ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަރަށް މާޔޫސްވި އިލްހާމް ނެތުމުން، ގޭތެރެ ވަނީ ވަރަށް ބޮޑަށް ފަޅުވެފަ، އާއިލާ ވަނީ ކަންބޮޑުވުމާއި ފުން ހިތާމައެއްގަ، އެކަމަކު ވެސް ކިތަންމެ ހިތާމައެއް އާއިލާއަށް ކުރަން ޖެހުނު ނަމަވެސް އާއިލާ އިލްހާމްއަށްޓަކައި ފަހުރުވެރިވޭ،" މާޝާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވީ އިލްހާމް ބަންދުކޮށްފައިވަނީ އެއްވެސް ކުށެއްކޮށްގެން ނޫން ކަމަށާއި އޭނާ މިިނިވަންވާނެ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށެވެ. އިލްހާމް އަބަދުވެސް ބޭނުން ވަނީ އޭނާގެ އާއިލާ އުފަލުގަ ތިބުން ކަމަށް ވެސް މާޝާ ވިދާޅުވި އެވެ. އަދި، ހައްގަށް ނަސްރު ދެއްވާނެ ކަމަކީ އޭނާ އަބަދުވެސް ގަބޫލު ކުރައްވާ ކަމެއް ކަމަށް މާޝާ ވިދާޅުވި އެވެ.

އިލްހާމް ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެއީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި މައްސަލާގައި ޝަރީއަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭނާ ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.