ބާޒާރުގައި ކަރާގެ އަގު ދަށްވަމުން ގޮސް،އެންމެ ފަހުން ކަރާ ކިލޯއެއް 16ރ. އަށް ވެއްޓިއްޖެ އެވެ.
ރޯދަ މަސް ފެށުނުއިރު ކަރާގެ އަގު ހުރީ ކިލޯއެއް 30ރ. އަށެވެ. ނަމަވެސް މިހާރު ބާޒާރުގައި ކަރާ ކިލޯއެއް 20ރ. އަށް އަދި 16ރ. އަށް ވެސް ލިބެން އެބަހުއްޓެވެ.
ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މީހުން ބުނާ ގޮތުގައި ކަރާގެ އަގު ހެޔޮވީ ބޭރުން ވެސް ގިނަ އަދަދެއްގެ ކަރާ އެތެރެކުރުމުންނެވެ. އަދި ރަށްރަށުން ވެސް ގިނަ އަދަދެއްގެ ކަރާ ގެނެސްފައިވާކަމަށް އެ މީހުން ބުނެ އެވެ.
ދިވެހި އުފެއްދުންތައް ވިއްކާ މާރުކޭޓު ގޮޅިތަކަށް ބަލާއިރު ގިނަ އަދަދަކަށް ކަރާ ހުރިކަން ފާހަގަ ކުރެ އެވެ. މިހާރު ކަރާ ކިލޯއެއްގެ އަގު 16ރ. އަށް ވެއްޓުނަސް މިދިޔަ އަހަރުގެ މި މުއްދަތުގައި ކަރާގެ އަގު އުޅެނީ 30ރ. ވަރަށެވެ. އަދި ބައެއް ދުވަސް ދުވަހު ކަރާގެ އަގުތައް ކިލޯއެއް 35ރ. ވަރަށް އުފުލިގެން ގޮސްފައިވެ އެވެ.