ހަބަރު

އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށް، ޕްރައިމަރީގެ މައުލޫމާތު އީސީއަށް ފޮނުވަން އަންގައިފި

May 22, 2018
7

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެންވެސް ގާނޫނަކާ ފުށުއަރާ މާއްދާއެއް އޮތް ނަމަ، އެކަން އިސްލާހު ކުރުމަށާއި އެ ޕާޓީއިން ބާއްވާ ރިޔާސީ ޕްރައިމަރީގެ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް އެ ކޮމިޝަނުން އެ ޕާޓީއަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ސޮއި ކުރައްވާ މިދިޔަ އާދީއްތަ ދުވަހު އެމްޑީޕީއަށް ފޮނުވާފައިވާ ފުރަތަމަ ސިޓީގައި ބުނެފައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެން ވެސް ބައެއް ގާނޫނުތަކާ ހިލާފަށް ހުރިކަން ފާހަގަވާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 14 ވަނަ މާއްދާ ބުނާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދު އޮންނަން ވާނީ އެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުނުވާ ގޮތަކަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު މާއްދާއެއް އޮތް ނަމަ އެ މާއްދާ ބާތިލުވާނެ ކަމަށް ބަޔާންކޮށް އަސާސީ ގަވާއިދަށް މާއްދާއެއް އިތުރުކޮށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވެސް އެ ސިޓީގައި އީސީ އިން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.

ދެން އީސީއިން އެމްޑީޕީއަށް ފޮނުވި އަނެއް ސިޓީގައި އަންގާފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވާ ނަމަ، 21 މޭ އާއި 1 ޖުލައިއާ ދެމެދުގެ ތާރީހެއްގައި އެ ޕްރައިމަރީ ބޭއްވުމަށެވެ. އެ ސިޓީގައި އެމްޑީޕީއަށް އަންގާފައި ވަނީ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނާ ޕްރައިމަރީ އޮންނާނެ ތާރީހު އިލެކްޝަންސް ކޮމިޝަނަށް އަންގައި ދިނުމަށެވެ. އެ ޕްރައިމަރީގެ ނަތީޖާ ޖުލައި، 8 ގެ ކުރިން އީސީއަށް ފޮނުވުމަށް ވެސް އެމްޑީޕީއަށް ވަނީ އަންގައިފަ އެވެ.

އީސީއިން އެމްޑީޕީއަށް ދެ އެންގުމެއް އެންގިއިރު، އެ ކޮމިޝަނުން މިފަހުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިކޮށްގެން ބާއްވާ ޕާޓީތަކުގެ ޕްރައިމަރީތައް ބާތިލުކުރާނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެން ނަމަވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ އެ މަނިކުފާނު ހުންނެވީ، 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ވަނީ އިއުލާންކޮށް ތައްޔާރީތައް ވަމުން އެވެ.