މިއުޒިކް

އެމެރިކަން އައިޑޮލް 16އިގެ ޓައިޓަލް މެޑީ ޕޯޕްއަށް

އެމެރިކަން އައިޑޮލް 16 ގެ ޓައިޓަލް ލިބޭ ބައިވެރިޔާ އިއުލާނުކުރުން.

އެމެރިކަން އައިޑޮލް ސީޒަން 16 ގެ ޓައިޓަލް މެޑީ ޕޯޕް ގެންގޮސްފި އެވެ.

މެޑީ، 20، އަށް ޓައިޓަލް ލިބުނީ ރޭ އޮތް ގްރޭންޑް ފިނާލޭ ޝޯގައި ކޭލެބް ލީ ހަޗިންސަން އަދި ގެބީ ބެރެޓްއާއި ވާދަ ކޮށްގެންނެވެ. މި ސީޒަންގެ ރަނަރަޕްއަކަށް ހޮވުނީ ކޭލެބް އެވެ.

ގްރޭންޑް ފިނާލާގެ ކޮންމެ ބައިވެރިޔަކު ތިން ލަވަ ހުށަހެޅި އެވެ. ފުރަތަމަ ލަވަ ކޮންމެ ބައިވެރިކު ވެސް ހާއްސަކުރީ އެ ބައިވެރިއެއްގެ އަމިއްލަ ރަށަށެވެ. ދެ ވަނަ ލަވައަކަށް ކީ މުޅި ސީޒަން ތެރޭގައި އެ ބައިވެރިއަކަށް އެންމެ ކަމުދާ ގޮތަށް ހުށަހެޅުނު ލަވަ އެވެ. ފަހު ލަވައެއްގެ ގޮތުގައި ހުށަހެޅީ އެމީހުންގެ އަމިއްލަ ލަވައެކެވެ.

ރޭ އޮތް ފޯރިގަދަ ގްރޭންޑް ފިނާލޭ ޝޯގައި މެޑީ ހުށަހަޅާ ދިނީ ފްލީޓްވުޑް މެކްގެ ލަވަ "ލޭންޑް ސްލައިޑް" އެވެ. އެ ލަވައަށް ޖަޖުންގެ ތައުރީފު އޮހުނެވެ. އޮޑިޝަންގައި މެޑީ ހުށަހަޅާދިން ލަވަ "ދަ ރެއިންބޯ ކަނެކްޝަން" އަށް ފަހު އާންމުންނާއި ޖަޖުންގެ ލޯބި އޭނާއަށް ލިބުނެވެ. އެހެން ރައުންޑުތަކުގައި ވެސް އޭނާ ވަނީ ވަރުގަދަ ހުށަހެޅުންތަކެއް ދައްކާލާފަ އެވެ.

ފިނާލޭ ތެރޭގައި އެންމެ ހާއްސަ ކަމަކަށްވީ މެޑީ އާއި ކޭލެބް ރައްޓެހިވާން އުޅޭކަން އިއުލާނު ކުރުމެވެ. އެކަން އެ ދެބައިވެރިން ހާމަކުރީ ޝޯގެ ފަހު 15 މިނެޓު ތެރޭގަ އެވެ. މިކަން އިއުލާނު ކުރިތާ ގިނައިރެއް ނުވެ އެ ދެމީހުނަށް ވަނީ ޗުއްޓީ ހޭދަކުރުމަށް ހަވާއީއަށް ދިއުމަށް ޓިކެޓް ދީފަ އެވެ.

ކޭލެބް ބުނި ގޮތުގައި އެމެރިކަން އައިޑޮލްއަށް ދިއުމުގެ ކުރިންވެސް އެ ދެމީހުންނަށް އެކަކު އަނެކަކު އިނގޭ ކަމަށެވެ. އެ ދެ މީހުން ކުރިން ދިމާވީ ހޮލީވުޑް ވީކްގެ ތެރެއިންނެވެ. އޭގެފަހުން އެ ދެމީހުންގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށްވެ އެވެ.

އެމެރިކަން އައިޑޮލް ހޮސްޓުކުރީ ރަޔަން ސީކްރެސްޓް އެވެ. މި ސީޒަންގައި ޖަޖުންގެ ޕެނަލުގައި ތިބީ ކެޓީ ޕެރީ، ލޫކް ބްރަޔަން އަދި ލަޔޯނެލް ރިޗީ އެވެ. އެމެރިކަން އައިޑޮލްގެ 17 ވަނަ ސީޒަނެއް ވެސް ގެނެސްދޭނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.