ހަބަރު

ގަވާއިދު އިސްލާހު ކުރަން ހުރިހާ ޕާޓީއަކަށް އެންގިން: އީސީ

May 22, 2018
1

އަސާސީ ގަވާއިދު އިސްލާހު ކުރަން އެންގީ ހަމައެކަނި އެމްޑީޕީއަށް ނޫން ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް އަސާސީ ގަވާއިދު އިސްލާހު ކުރަން އަންގާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު މާއްދާއެއް ޕާޓީގެ އަސާސީ ގަވާއިދުގައި ވާ ނަމަ، އެ މާއްދާ ބާތިލްވާނެ ކަމަށް ބަޔާންކޮށް އެމްޑީޕީގެ އަސާސީ ގަވާއިދަށް މާއްދާއެއް އިތުރު ކުރުމަށް އަންގައި އީސީ އިން މިދިޔަ އާދީއްތަ ދުވަހު އެމްޑީޕީއަށް ފޮނުވި ސިޓީ މިއަދު ވަނީ އެ ޕާޓީ އިން އާންމުކޮށްފަ އެވެ.

އެކަމާ ގުޅިގެން، އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު "އަވަސް" އަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 2008 ގައި ގެނައި އިސްލާހަށް އަމަލު ކުރަން ފެށި ފަހުން ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން އަބަދުވެސް ޕާޓީތަކަށް އަންގަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން ތަކުރާރުކޮށް އަންގައިގެން ދެ ޕާޓީ ނޫން އެހެން ޕާޓީތަކުން އަސާސީ ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހު ކޮށްފައި ނުވާ ޕާޓީތަކާ އެކު ހުރިހާ ސިޔާސީ ޕާޓީއަކަށް މިފަހަރު ވެސް އަލުން އެކަން ކުރުމަށް ހަނދާން ކޮށްދީ އިލެކްޝަނުން ސިޓީ ފޮނުވި ކަމަށް އަކުރަމް ވިދާޅުވި އެވެ.

މިއީ އެމްޑީޕީއަށް އެކަނި ފޮނުވި ސިޓީއެއް ނޫން. އިސްލާހު ނުކޮށް އޮތް ދެ ޕާޓީއާ އެކު ހުރިހާ ޕާޓީއަކަށް އެކީގައި އަޅުގަނޑުމެން ވާނީ އަސާސީ ގަވާއިދު އިސްލާހު ކުރަން ހަނދާން ކޮށްދީފައި.
ކޮމިޝަންގެ މެންބަރު | އަހުމަދު އަކުރަމް

"މިއީ އެމްޑީޕީއަށް އެކަނި ފޮނުވި ސިޓީއެއް ނޫން. އިސްލާހު ނުކޮށް އޮތް ދެ ޕާޓީއާ އެކު ހުރިހާ ޕާޓީއަކަށް އެކީގައި އަޅުގަނޑުމެން ވާނީ އަސާސީ ގަވާއިދު އިސްލާހު ކުރަން ހަނދާން ކޮށްދީފައި. މިއީ ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން ކޮމިޝަނުން ކުރާ ކަމެއް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރެވޭނީ ކޮންގްރެސްއިން ކަމަށާއި އެކަން އިރުއިރުކޮޅާ ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އީސީއަށް ވެސް އެނގޭ ކަމަށެވެ. އެހެން ކަމުން އެކަމަށް ފަސޭހަކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ އަސާސީ ގަވާއިދުގެ މާއްދާއެއް ބާތިލްވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރު ކުރުމަކީ ކުރިއަށް އޮތްތަނުގައި އެ މައްސަލަ ހައްލުވާނެ ކަމެއް ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

އެގޮތަށް ސިޓީ ފޮނުވުމާ ގުޅިގެން އެމްޑީޕީ އިން ވަނީ ނުުރުހުން ފާޅުކޮށްފަ އެވެ.