ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ

ޑރ. މަޖީދު އަވަހާރަ ވެއްޖެ

May 22, 2018
13

ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު އަވަހާރަ ވެއްޖެ އެވެ. މަޖީދުގެ އާއިލާއާއެކު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްގައި ތިބި ގާތް ރަހުމަތްތެރިން އެކަން ވަނީ އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ. އަވަހާރަވީ މިއަދު މެންދުރުފަހު އެވެ.

މަޖީދަށް ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހާލުކޮޅު ސީރިއަސްވެ އެދުވަހުން ފެށިގެން އެ މަނިކުފާނަށް ފަރުވާ ދެމުން ދިޔައީ މެޝިނުގެ އެހީގަ އެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގި ނަމެކެވެ.