ކުޅިވަރު

ވަންލީ ހުރީ އެކަހެރި ކޮށްފަތަ؟

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ތުރުކީގެ ކޭން ވަންލީގެ ދައުރެއް އެފްއޭއެމްގެ ޓެކްނިކަލް މަސައްކަތްތަކުގައި ނެތް ވާހަކަ އެކީ ރަށުތެރޭގައި ދެކެވުމުންދާ ވާހަކަ އެކެވެ. ވިބީ ސްޕޯޓްސް ކުލަބަށް ކާމިޔާބު ހޯދައިދިން ވަންލީ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ފަރިތަ ތަޖުރިބާކާރެކެވެ.

ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރަކަށް އޭނާ އައްޔަން ކުރުމުން، ގިނަ ބަޔަކު އެފްއޭއެމް އަށް ތައުރީފު އޮއްސި އެވެ. ވީބީގައި ވަންލީގެ އިރުޝާދުގެ ދަށުން ކުޅުނު ބައެއް ކުޅުންތެރިންވެސް އެކަން ފާހަގަ ކުރި އެވެ.

ޓެކްނިކަލް ޑައިރެކްޓާ ނުވަތަ ފުޓްބޯޅަ ޑައިރެކްޓާ އަކީ ފުޓްބޯޅައިގެ ޑިވްލަޕްމެންޓް މަސައްކަތްތަކުގެ އެންމެ އިސް ހެޑެވެ. ވަންލީ މަގާމަށް ހަމަޖއްސި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ފުޓްބޯޅަ އެސޯސިއޭޝަނެއް ކުރިއަށް ދާނީ ޓެކްނިކަލް ޑިޕާޓެމެންޓްގައި ތެކްނިކަލް ޑައިރެކްޓަރު އަދި އެޑްމިނިސްޓްރޭޓިވް ދާއިރާ ޖެނަރަލް ސެކެޓްރީގެ ދައުރު ހިމެނިގެން ކަމަށެވެ.

ވަންލީ މަގާމާ ހަވާލުވެ ދުވަސްތަކެއް ފަހުން މީޑިއާގެ ބައްދަލު ވުމަކަށް އޭނާ ދައުވަތު ދިނެވެ. އޭނާ އެކުލަވާލާފައިވާ ބައެއް ޕެލޭންތައް މިޑިއާ އާ ހިއްސާ ކުރި އެވެ. އަދި އޭނާގެ ވިސްނުން މިޑިއާއަށް ތިލަ ކޮށްދިނުމަށް އެ ބައްދަލުވުން ގެންދިޔައީ މީޑިއާއަށް ސެޝަނެއްގޮތަށެވެ. ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން ޖެހޭ ކަމަށާއި އެބަދަލު ގެނައުމަށް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ދާއިރާއަކަށް ފުޓްބޯޅައިގެ އޭޑިއުކޭޝަން ހިއްސާ ކުރަން ޖެހޭކަން ވަންލީ ބުންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ސްޓައިލް ބަދަލު ކުރުމަށް ޓީމުތަކުގެ ކޯޗުން ސްޓާފުންނަށް ރިފްރެޝް ކޯސްތަކުގެ މުހިންމު ކަން އޭނާ ހިއްސާ ކުރި އެވެ. އަދި ރާއްޖޭގެ ގްރާސް ރޫޓް ލެވަލްގައި ގްރާސް ރޫޓް ކޯޗުން ތަމްރީން ކުރުމަށް އެކުލަވާލާ ކަރިކިއުލަމްގެ ވާހަކަވެސް ވަންލީ ހިއްސާ ކުރި އެވެ.

ނަމަވެސް އޭގެ ފަހުން ވަންލީގެ ޕްލޭންތަކާ ބެހޭގޮތުން އަޑެއް ނީވެ އެވެ. ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބުނީ ބައެއް ފަރާތްތަކުން ވަންލީއަށް އިހްތިރާމު ނުކުރާ ކަމަށާއި އޭނާ އުޅެމުން ދަނީ ފާގިރު ކުއްޖެއް އުޅެމުންދާހެން ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްފަ ތިބި މީހުން، އެކަމަކު އެމީހުންނަށް އެ ލޯއްބާއި އެ އިހްތިރާމްު ދޭނީ ކޮން ދުވަހަކުން ބާއޭ ހިތައްއަރާ، މިސާލަކަށް [ލާޒްލޯ] ކިސް އަށް ބެލި ޔަސް އަދި ވަންލީ އަށް ބެލިޔަސް،" ސުޒޭން ބުނެފައި ވެއެވެ. "ވަންލީވެސް މިހާރު މާލެ ތެރޭގައި އުޅެނީ ފަގީރު ކުއްޖެއް އުޅޭހެން، ދެން އުޅެނީ ހަމަ، އެ ރެސްޕެކްޓް ނުދެވޭ ކަމަށް ވަންޏާ އެއީ މައްސަލައެއް."

ވަންލީ ހުރީ އެކަހެރި ކޮށްފަތަ؟ މި ސުވާލު ހިފައިގެން އެފްއޭއެމްގެ އެންމެ އިސްވެރިންނާ ހަމަޔަށް ދިޔައީމެވެ.

"އެއީ ހަމަ ފެތުރޭ އަޑުތަކެއް." ވަންލީގެ ދައުރު ކުޑަ ކަމަށް ވާހަކަ ދެކެވޭ ކަމަށް ސުވާލު ކުރުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި އެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މަސައްކަތުގައި ވަންލީގެ ފުރިހަމަ ބައިވެރިވުން އޮންނަ ކަމަށެވެ.

"ޓެކްނިކަލް ޑައިރެކްޓަރު މަސައްކަތް ކުރައްވަނީ ހަމަ ޓެކްނިކަލް ޑިޕާޓްމެންޓްގެ ހިމެނޭ ބޭފުޅުންނާއެކު،" ބައްސާމް ވިދާޅުވި އެވެ. "މަގުމަތީގައި އުޅޭއިރު އެކަހެރިކޮށް ފެނިދާނެ، އެހެންނަމަވެސް އޮފީސް ތެރޭގައި މަސައްކަތް ކުރާއިރު ހަމަ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ."

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އެފްއޭ ތެރޭގައި އޮތް ޓީމު ހަމަ ވަރަށް ވަރުގަދަކޮށް މަސައްކަތް ކުރައްވަމުން އެދަނީ."

"އަޅުގަނޑު މިހާރު އެންމެ ފަހުރުވެރިވާ މަސައްކަތްތަކެއް ކުރައްވަނީވެސް ވަންލީ ހެޑްކަން ކުރަމުން އަންނަ ޓެކްނިކަލް ޑިޕާޓެމްންޓް، އެ މަސައްކަތް ދަނީ އެ ޑިޕާޓެމްންޓްގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެން."