ހަބަރު

6 ރަށެއްގައި 500 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަނީ

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން އަތޮޅުތަކު ތެރޭގެ ހަ ރަށެއްގައި 500 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަަނީ ބ. އޭދަފުށި، ދ. ކުޑަހުވަދޫ އާއި މީދޫ އަދި ލ. ގަމާއި ރ. މަޑުއްވަރި އަދި ށ. ކޮމަންޑޫގައި ގާއިމް ކުރާނެ ހައުސިން ޔުނިޓުތަކެއް ޑިޒައިން ބިލްޑިން އަދި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ފަރާތެއް ބޭނުންވާ ކަމަަށާއި އެކަމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށސް ވެސް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން އޭދަފުށީގައި 100 ހައުސިން ޔުނިޓު އަޅާއިރު، ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އަޅަން ވަނީ އިއުލާންކޮށްފަ އެވެ. އަދި މީދޫގައި 50 ހައުސިން ޔުނިޓާއި ގަމުގައި 200 ހައުސިން ޔުނިޓާއި މަޑުއްވަރީގައި 50 ހައުސިން ޔުނިޓު އަދި ކޮމަންޑޫގައި ވެސް 50 ހައުސިން ޔުނިޓު އަޅަން ވަނީ އިއުލާންކޮށްފަ އެވެ.

ފިނޭންސް އިން ބުނީ ބީލަމުގައި ބައިވެރިވުމަށް ނޮން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ ހަފްތާ ބުރާސްފަތި ދުވަހުގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.