ޕްރައިމަރީއެއް ނެތި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އަށް ރަސްމީކޮށް ދިނުމަށް ޕީޕީއެމްގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރޭ ޕީޕީއެމްގެ ކައުންސިލްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޕީޕީއެމްގެ މިއަހަރުގެ ރިޔާސީ ޓިކެޓް މިހާރުވެސް ވެރިކަމުގައި ހުންނެވި، ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ކަމަށެވެ. އަދި އެގޮތަށް ނިންމީ އަސާސީ ގަވާއިދުގެ 91 ވަނަ މާއްދާގައި ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީ އިން އެ ފުރުސަތު ދޭން ޖެހޭކަމަށް ބުނެފައި ވާތީ އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އަންނަނީ ގައުމަށް ތަރައްގީ ގެންނަވަމުން ކަމަށާއި އަދި އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ފުރުސަތު ދޭން ޕާޓީގެ ކައުންސިލުން ނިންމީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.