ބޮލީވުޑް

ތަންނޫ ވެޑްސް މަންނޫ އެނބުރި އައިސް ހިތްތައް އަތުލައިފި

May 24, 2015
1

ފިލްމުތަކުގެ ސީކުއެލްތަކަށް ފުރަތަމަ ބަޔަށް ލިބޭހާ ބޮޑު ތަރުހީބެއް އާންމުގޮތެއްގައި ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް ހުކުރު ދުވަހު ރިލީޒްކުރި "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް އަންނަނީ ފާޑުކިޔާފަރާތްތަކާއި ބެލުންތެރިންގެ ތައުރީފް އޮހެމުންނެވެ.

ފިލްމުުގެ ފުރަތަމަ ސިލްސިލާ، "ތަންނޫ ވެޑްސް މަންނޫ" ރިލީޒްކުރިތާ ހަތަރު އަހަރު ފަހުން މި ނެރުނު ދެވަނަ ފިލްމް ވާހަކައިގެ ގޮތުންނާއި ޑައިރެކްޝަން އަދި އެކްޓިންގެ ގޮތުން ވެސް ރަނގަޅުކަމަށް ފާޑުކިޔާފަރާތަކުން ވަނީ ބުނެފަ އެވެ. ހާއްސަކޮށް ފިލްމުގައި ޑަބަލް ރޯލުން ފެނިގެންދާ ބަތަލާ ކަންގަނާ ރަނާވަތުގެ އެކްޓިން އާދަޔާ ހިލާފަށް މޮޅުކަމަށް އެންމެން ވެސް ފާހަގަ ކުރެ އެވެ.

ބޮލީވުޑްއިން ފެންނަ ސީކުއެލްތައް ގިނަ ފަހަރަށް ސީކުއެލްއަކަށް ނުވެ އެވެ. ސިލްސިލާގެ ފުރަތަމަ ފިލްމްގައި އުޅުނު ތަރިން ވެސް ހިމަނައިގެން އަދި ފުރަތަމަ ފިލްމްގެ ނަމުގެ ފަހަތަށް "2” ނުވަތަ "ރިޓާން" ލިޔުނު ކަމުގައި ވިޔަސް ސީކުއެލް އެއްގައި ހުންނަނަ ޖެހޭ އެއްވެސް އޮށްޓަރެއް ނުހުރެ އެވެ. ނަމަވެސް "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ވަނީ މީގެ ކުރިން ނެރުނު ހުރިހާ ސީކުއެލްތަކެއްގެ މައްޗަށް މި ހުރިހާ ގޮތަކުން ވެސް ކުރި ހޯދާފަ އެވެ.

އިންޑިއާގެ ސްމޯލް ޓައުންއަށް ނިސްބަތްވާ ދެމަފިރިއެއްގެ ހިނގާ  ދެމެދުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް އަތުރާފައިވާ މި ފިލްމްގައި އެ މީހުންގެ ވައްޓަފާޅި ފިލްމަށް ގެނައުމުގައި ޑައިރެކްޓަރު އަނަންދު އާއި ސްކްރީންރައިޓާ ހިމާންޝޫ ޝަރްމާގެ ފުރިހަމަ މަސައްކަތް ފާހަގަ ކޮށްލެވެ އެވެ. އެ މަސައްކަތަށް ތައުރީފް ކުރަމުން އެނަލިސްޓް، ތަރަން އަދާޝް ބުނެފައިވަނީ މިފިލްމާ އެކު ހިޓް ފިލްމުގެ ހެޓްރިކް އަނަނަންދު ހަދާނެކަމަށެވެ. މީގެކުރިން އަނަންދު ޑައިރެކްޓްކުރި މިފިލްމުގެ ފުރަތަމަ ބައި "ތަންނޫ ވެޑްސް މަންނޫ" އާއި "ރާންޖާނާ" ވީ ހިޓަކަށެވެ.

އިންޑިއާގެ 1600 އަށް ވުރެން ގިނަ ސިނަމާތަކުގައި މިފިލްމު ހުކުރު ދުވަހު ދައްކަން ފަށާފައިވާއިރު، ހެނދުނުގެ ޝޯތަކުގައި އެވްރެޖްކޮށް އުތުރު އިންޑިއާގައި އެޅުވި ސޯތަކުގައި 60 ޕަސެންޓް ފުލްކަމަށްވެ އެވެ. އަދި އެހެން ސަރަހައްދުތަކުގައި 40-50 ޕަސެންޓް ފުލްވި އިރު، މިއީ މާ ބޮޑަށް ވެސް ރަނގަޅު ފެށުމެކެވެ. ފާޑުކިޔާފަރާތްތަކުގެ ތައުރީފާ އެކު މި ފިލްމް އަދި މާބާރަށް ހިނގާނެ ކަމަށް މި ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ފިލްމުގައި އާދަޔާ ހިލާފަށް މޮޅު އެކްޓިން އެއް ދެއްކި، ބަތަލާ ކަންގަނާގެ މަގުބޫލުކަން ވެސް މި ވަނީ ފިސާރި ބޮޑަށް އިތުރުވެފަ އެވެ. ކަންގަނާ ކުޅެފައިވަނީ ޑަބަލް ރޯލެއް ނަމަވެސް، އެ ދެ ކެރެކްޓާ އޭނާ ހުށަހަޅައިދީފައި ވަނީ ވަރަށް މޮޅަށެވެ. 

ގިނަ ބަޔަކު ބުނަނީ ކަންގަނާ ގޮތަށް، މުޅިން ތަފާތު ރޯލްތަކެއް އެހާ މޮޅަށް ކުޅެލެވޭނެ އެހެން އެކްޓްރެސްްއެއް ނެތް ކަމަށެވެ. އަދި ފިލްމް، "ކުއީން" އިން ނޭޝަނަލް އެވޯޑް ހާސިލް ކުރި މި ބަތަލާގެ އެކްޓިން، މި ފިލްމްގައި އަދި ހާސްބައި މޮޅު ކަމަށް ބެލުންތެރިބުނެ އެވެ. 

ވޭތުވެދިޔަ ހަފްތާގައި ރިލީޒްކުރި، "ބޮމްބޭ ވެލްވެޓް"އަށް ފްލޮޕް ވުމުގެ ނޭދެވޭ އަސަރު މިފިލްމަށް ކުރުމުގެ ބިރެއް މިހާރަކު ނެތެވެ. އެއަށް ވުރެ ބޮޑަށް މި ފިލްމް އިންޑިއާގެ ސިނަމާތަކުން ބަލައިގެންފި އެވެ.