ބޮލީވުޑް

"ލަވްރާތްރީ" ގެ ނަމުގެ މައްސަލަ ހޫނުވެއްޖެ

May 23, 2018

ސުޕަސްޓާ ސަލްމާން ޚާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނެރޭ ފިލްމު "ލަވްރާތްރީ" ގެ ނަމުގެ މައްސަލަ ހޫނުވެ ހިންދޫ ގްރޫޕަކުން ވަނީ ފިލްމު އެ ނަމުގައި ރިލީޒްވިޔަ ނުދޭނެ ކަމުގެ އިންޒާރުދީފަ އެވެ.

ވިޝްނޫ ހިންދޫ ޕަރިޝާދު ކިޔާ ޖަމާއަތަކުން ބުނެފައިވަނީ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ ނަވްރާތްރީ އާ ގުޅުވައިގެން ފިލްމުގެ ނަން ގެނެސްދީފައި ވުމަކީ އެމީހުން ގަބޫލު ކަމެއް ނޫން ކަމަށެވެ. އަދި މި ފިލްމަށް "ލަވްރާތްރީ" ކިޔުމަކީ އެމީހުންގެ ދީނަށް ކުރާ ފުރައްސާރައެއް ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެ އެވެ.

އެ ޖަމާއަތުގެ ރައީސް އަލޯކް ކުމާރު ވަނީ ފިލްމުގެ ނަން ބަދަލުކޮށްގެން ނޫން ގޮތަކަށް ރިލީޒްވިޔަ ނުދޭނެ ކަމަށާއި އެކަމާ ދެކޮޅަށް މަގުތަކަށް ނިކުމެ އެމީހުން މުޒާހަރާކުރާނެ ކަމަށް ވެސް ބުނެ އިންޒާރުދީފަ އެވެ. މިކަމާ ގުޅިގެން މި ފިލްމު އުފައްދާ ސަލްމާން ޚާންގެ ޕްރޮޑަކްޝަން ކުންފުނީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އާޔުޝް އާއެކު މުޅިން އަލަށް ބޮލީވުޑަށް ނިކުންނަ ވަރީނާ ހުސައިން ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމަކީ
ނަވްރާތީ ފެސްޓިވަލުގެ ތެރޭގައި ގުޖުރާތުން ދިމާވާ ދެ ޒުވާނެއްގެ ދެމެދުގައި ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިހާރު ޝޫޓިން ނިމިފައިވާ މި ފިލްމު ރިލީޒްކުރުމަށް ވެސް ހަމަޖެހިފައިވަނީ ނަވްރާތީ ފެސްޓިވަލް ފާހަގަކުރާ ހަފްތާއާ ދިމާކޮށް އޮކްޓޯބަރު 5 ގަ އެވެ.

މީގެކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކަށް ދީފައިވާ ނަންތަކާ ގުޅިގެން ހިންދޫ އެކި ޖަމާއަތްތަކުން ވަނީ އެ ފިލްމުތަކާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެގޮތުން އެންމެފަހުން އެންމެ ބޮޑު މުޒާހަރާއެއްކޮށް ހަމަނުޖެހުން ހިންގާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ނިކުތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތް" އާ ދެކޮޅަށެވެ. އެ ފިލްމުގެ ނަން "ޕަދްމާވަތީ" އިން "ޕަދްމާވަތް" އަށް ބަދަލުކުރީ ހިންދޫ ގްރޫޕް ކަރްނީ ސެނާއިން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.

އޭގެކުރިން ނިކުތް ބަންސާލީގެ "ރާމް ލީލާ" ދެކޮޅަށް ހިންގި ކަންތައްތަކާ ގުޅިގެން އެ ފިލްމުގެ ނަން ވެސް ވަނީ ބަދަލުކޮށްފަ އެވެ