ހަބަރު

އައްޔުގެ "ލޯބިވާޔާނުލާ" ވަރަށް ކަމުދޭ!

May 23, 2018
1

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ނިމިގެން ދިޔަ އިރު ގިނަ ބަޔަކު އެންމެެ ޝައުގުވެރި ކަމެއް ދީގެން އަޑު އަހަމުން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ ފަންނާނުން ނުވަތަ އައިޑޮލް ޝޯ ތަކުގައި އިވިގެންދިޔަ ލަވަ ތަކެވެ. ނަމަވެސް އަލީ އިނާން ސައީދު ނުވަތަ އައްޔުގެ އަޑުން ކިޔާފައިވާ ލަވަ ވެސް މިވަނީ ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފަ އެވެ.

އައްޔުގެ އަޑު އެންމެ ފަހުން އިވުނީ އޭނާގެ ފުރަތަމަ ކަވާ ލަވައިން ނެވެ. އަލީ ރަމީޒް (އައްޔަ) ގެ ހިޓެއް ކަމުގައިވާ "އޭ މިރޭ" އެވެ. އެ ލަވައަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އެވެ. އެ ލަވަ ވަރަށް ގިނަ ފަރާތްތަކުން އަޑު އަހާފައި ވެއެވެ. އެކަމުގެ އުފަލުގައި އައްޔު މިވަނީ އަޑުއެހުން ތެރިންނަށް ނުވަތަ އޭނާގެ ފޭނުންނަށް އަނެއްކާވެސް އައްޔަގެ ހިޓް ލަވައެއް ދޫކޮށްލާފަ އެވެ.

އައްޔު މިފަހަރު ދޫކޮށްލާފައި މިވަނީ އައްޔަގެ "ލޯބިވާޔާނުލާ" މި ހިތްގައިމު ލަވަ އެވެ. އޭނާގެ ރީތި އަޑުން ކިޔާފައިވާ މި ލަވަ ސައުންޑްކްލައުޑް އަށް އަޕްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ. މި ލަވަ 18000 ފަހަރު މިހާރުވެސް އަޑުއަހައިފި އެވެ.

މި ލަވަ މިފަހަރު ކަވަ އަކަށް ކީ ސަބަބު ބަޔާންކޮށް ދެމުން އައްޔު ކިޔާދިން ގޮތުގައި މި ލަވަ އަކީ އަލީ ރަމީޒްގެ އެންމެ ކަމުދާ އެއް ލަވަ ކަމަށާއި މި ލަވަ ކިޔާލަން އަބަދުވެސް ބޭނުންނެފައި ހުންނަ ކަމަށެވެ. އަދި މި ލަވަ އަކީ އެންމެ ފުރަތަމަ ލަވަ ކިޔަން ފެށި ދުވަސްވަރު ވެސް ކަވާއަކަށް ކިޔާލަން ބޭނުންވި ލަވަ ކަމަށެވެ. އެލަވަ މިއަދު ބެލުން ތެރިންނާއި ހަމައަށް މިހާ ފުރިހަމަކޮށް ދޫކޮށް ލެވުމުން ވަރަށްވެސް ހިތް ހަމަ ޖެހޭ ކަމަށް އައްޔު ބުންޏެވެ.

މި ލަވަ އައްޔު އާއެކު އިތުރު ފަންނާނެއްގެ ވެސް އަޑު އިވިގެން ދެއެވެ. މި ޑުއެޓް ލަވައިގައި އިވިގެންދާ ރީތި އަންހެން ފަންނާނުގެ އަޑުގެ ވެރިޔަކީ މިޝްޔާ އާސިފް އެވެ. މިޝްޔާ އަކީ އައްޔުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. އޭނާ އަށް މި ފުރުސަތު ދިނީ އޭނާ އަކީވެސް ލަވަ ކިޔުމުގެ ދާއިރާއަށް ނިކުމެ ފިޔަޖަހަން ތައްޔާރަށް ހުރި ފަންނާނަކަށް ވެފައި ލަވަ ކިޔުމަށްވެސް ނުހަނު މޮޅު ފަންނާނަކަށްވީތީ ކަމަށް އައްޔު ބުންޏެވެ.

މި ލަވައިގެ މިޔުޒިކަށް ގެނެސްފައިވާ ބަދަލަށްވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައި ވެއެވެ. އެގޮތުން ގެނެސްހުރި ބަދަލު ތަކާއި އެ ބަދަލުތަކުގެ ފުރިހަމަ ކަމުގެ ވާހަކަ މި ލަވަ އަޑުއެހި ގިނަ ފަރާތްތަކުންނާއި ބައެއް ފަންނާނުން އައްޔުގެ ފޭސްބުކް ޕޭޖްގައި ފާހަގަކޮށް ކޮމެންޓް ކޮށްފައި ވެއެވެ.

މި ލަވައިގެ މިޔުޒިކް ހަދާފައިވަނީ މުހައްމަދު އިޔާޝް (ޓޯބީ) އެވެ. ޓޯބީއާއެކު ހަސަން ޒާހިރު (ތުއްތުނާ) ގެ އެހީތެރިކަންވެސް ލަވަ ފުރިހަމަ ކުރުމަށް ލިބިގެން ދިޔަ ކަމަށާއި މި ލަބައިގެ މަސައްކަތް ނިންމާ ލެވުނީ އެއްމަސް ދުވަހުން ކަމަށްވެސް އައްޔު ބުންޏެވެ.

މިހާރުވެސް ގުރަހަލި ބޮޑުބެރު ގުރޫޕްގެ އެއް ލީޑް ވޯކަލިސްޓަކަށް ހުންނަ އައްޔު ބުނީ ތަފާތު އެކި ކަވާ ތައް ވަރަށް އަވަހަށް އިވޭނެ ކަމަށެވެ. އަދި އުންމީދަކީ އަމިއްލަ ރާގުގެ ލަވައެއް ވީހާވެސް އަވަހަކަށް ފޭނުންނަށް ގެނެސްދިނުން ކަމަށެވެ.