ދެ އަހަރުގެ ބްރޭކަކަށްފަހު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅޭ ފުރަތަމަ ހިންދީ ފިލްމު "ބާރަތު"ގެ ޝޫޓިން ފަށަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މި ފިލްމުގެ ހުރިހާ ރޯލެއް ކުޅޭ ތަރިން އަދިވެސް މުޅިން ހަމައެއް ނުޖެހެ އެވެ.
ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ މި ފިލްުމުގެ ކާސްޓު ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން ޒުވާން ބަތަލާ ދިޝާ ޕަޓާނީ އަށް ފަހު ކާމިޔާބު އަދި ކުޅަދާނަ ބަތަލާ ތައްބޫ ވެސް މި ވަނީ މި ފިލްމާ ގުޅިފަ އެވެ.
ތައްބޫ މި ފިލްމާ ގުޅުނުކަން ޔަގީންކޮށްދެމުން ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ އެންމެފަހުން ތައްބޫއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ނުހަނު އުފާވާ ކަމަށެވެ. ނަމަވެސް ތައްބޫ މި ފިލްމުގައި ފެނިގެންދާނީ ކޮންކަހަލަ ރޯލަކުން ކަމެއް އަލީ ހާމައެއްނުކުރެ އެވެ.
މުހިންމު ރޯލަކުން ސުނިލް ގްރޯވަރު ވެސް ފެނިގެންދާ މި ފިލްމަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއަން ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން އުމުރުން 19 އަހަރުން ފެށިގެން އުމުރުން 70 އަހަރާ ހަމަ ދައްކުވައިދޭނެ އެވެ. އެގޮތުން އޭނާގެ ތަފާތު ފަސް ސިފައެއް ފިލްމުގައި ފެނިގެންދާނެ އެވެ.
މި ފިލްމަކީ ސަލްމާން އާއި ތައްބޫ އެކުގައި ފެނިގެންދާ ހަތަރު ފިލްމެވެ. މި ދެތަރިން ވަނީ 2014 ވަނަ އަހަރު ނިކުތް "ޖެއި ހޯ" ގައި ވެސް ފެނިގެން ގޮސްފަ އެވެ. އެ ފިލްމުގައި ސަލްމާން އާއި ތައްބޫ ކުޅެފައިވަނީ ދެބެއިންގެ ރޯލެވެ. އަދި ވަނީ "ހަމް ސާތް ސާތް ހޭ" އާއި "ބީވީ ނަންބަރު 1" ވެސް އެކުގައި ކުޅެފަ އެވެ.
އަންނަ އަހަރުގެ ފިތުރު އިދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.