ހަބަރު

އިންފްލްއެންޒާ ފެތުރެނީ، ހޮސްޕިޓަލްތައް ފުރިފައި

މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ރޯގާގެ ތެރޭގައި އިންފްލުއެންޒާ ވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ. އެޗްޕީއޭއިން ވަނީ އިންފްލުއެންޒާ ރޯގާއަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ގޮވާލާފަ އެވެ.

އިންފްލުއެންޒާ އަކީ މޫސުމަށް އަަންނަ ބަދަލުތަކާއެކު ފެތުރޭ އާދައިގެ ރޯގާއާ ހިލާފަށް، އޭގެ ނުރައްކަލާއި ވޭން ބޮޑު ރޯގާ އެކެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ހާލަތު ސީރިއަސް ދަރަޖައަށް ވެސް ދެ އެވެ.

އިންފްލުއެންޒާ އަކީ ކޮބާ؟

އިންފްލުއެންޒާ ނުވަތަ "ފްލޫ" އަކީ ނުރައްކާތެރި ވައިރަހެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަން ޖެހުމުން ހުން އައުމާއެކު ބޮލާއި ގައިގެ އެކި ގުނަންތަކުގައި ރިއްސުމުގެ އިތުރަށް ގޭހުގެ އުނދަގުލާވެސް ކުރިމަތިވެ އެވެ. މި ނޫނަސް އަލާމާތްތައް ތަފާތުވެދާނެ އެވެ. އިންފްލުއެންޒާގެ ހަތަރު ވައްތަރެއް ހިމެނޭއިރު އިންސާނުންނަށް އެންމެ ގިނައިން ޖެހެނީ އިންފްލުއެންޒާ އޭ، އެން1 އެޗް1 ނުވަތަ އޫރު ރޯގާ އެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ބަލިމަޑުކަމެއް ފެތުރޭނަމަ އެންމެ ރައްކާތެރިގޮތަކީ ބަލި ފެތުރޭ ކަންކަމާއި ތަންތަނުން ރައްކާތެރިކަން ހޯދުމެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް، ޑރ އަފްޒަލް މިއަދު ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު މި ދުވަސްވަރު ބަލިވެ ޑޮކްޓަރަށް ދައްކަމުންދާ ކަމަށެވެ. ސީރިއަސް ކޭސްތައް ވެސް ރިޕޯޓުކުރަމުންދާ ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ރޯގާ ފެތުރެނީ ސަމާލުވާންޖެހޭ މިންވަރަކަށް ކަމަށް ވާތީ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން މި ދުވަސްވަރު ބޭރުތެރޭގައި މާގިނައިން ނޫޅުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް މަތީގައި އަތް އެޅުމަށް ސަމާލުކަން ދިނުމަށް ވެސް ވިދާޅުވި އެވެ.

އޭޑީކޭގައި ހުޅުވާފައިވާ ފީވާ ކްލިނިކުން ބުނި ގޮތުގައި ހުމާއި ރޯގާ ޖެހިގެން، ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުން ދައްކަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ހުމާއި ރޯގާ ޖެހިގެން 200 އެއްހާ މީހުން ދެއްކި ކަމަށް ވެސް އެ ކްލިިނިކުން ބުންޏެވެ. އައިޖީއެމްއެޗުން ވެސް ބުނީ ހުމާއި ރޯގާ ޖެހިގެން ގިނަ ބަޔަކު ދައްކަމުން އަންނަ ކަމަށާއި އެކަމުގެ އިތުރު މައުލޫމާތު ދޭނީ ހެލްތް މިނިސްޓްރީ އިން ކަމަށެވެ. މި ދުވަސްވަރު ޑެންގީ ހުންވެސް ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ މީގެ ކުރިން އިރުޝާދު ދީފަ އެވެ.