ހަބަރު

އިންފްލްއެންޒާއަށް ޕޮޒިޓިވްވި މީހަކު މަރުވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގައި އޮތް، އިންފްލުއެންޒާއަށް ޕޮޒިޓިވްވި ބަލި މީހަކު މަރުވެއްޖެ އެވެ. އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެފައިވަނީ އުމުރުން ދުވަސްވީ މުސްކުޅި މީހެކެވެ. ދުވަސްވީ އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، ރޭ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކު މަރުވި ކަމަށެވެ. އެމީހާ އަކީ ވަރަށް ގިނަ ދުވަހު ބަލިކޮށް އުޅުނު މީހެއް ކަމަށެވެ. އަދި އޭނާ ވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހެދި ޓެސްޓުތަކުގެ ތެރެއިން އިންފްލްއެންޒާ ހުރިތޯ ބެލުމަށް ހަދާ ރެޕިޑް އިންފްލްއެންޒާ ޑައިގްނޮސްޓިކް ޓެސްޓުގައި އިންފްލްއެންޒާއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

އިންފްލްއެންޒާއަށް ޕޮޒިޓިވް ބަލިމީހަކު މަރުވެފައިވާއިރު، ހުމާއި ރޯގާއަށް ޑޮކްޓަރަށް ދައްކާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އޭޑީކޭގައި ހުޅުވާފައިވާ ފީވާ ކްލިނިކުން ބުނި ގޮތުގައި ހުމާއި ރޯގާ ޖެހިގެން، ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުން ދައްކަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ހުމާއި ރޯގާ ޖެހިގެން 200 އެއްހާ މީހުން ދެއްކި ކަމަށް ވެސް އެ ކްލިިނިކުން ބުންޏެވެ.

ރާއްޖޭގައި މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާގެ ތެރޭގައި އިންފްލްއެންޒާ ވެސް ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފަ އެވެ. ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި މި އިންފެކްޝަނަކީ އާދައިގެ ރޯގާއާ ހިލާފަށް މީހާގެ ހަށިގަނޑު ވަަރަށް ނިކަމެތިކޮށްލާ ރޯގާ އެކެވެ. އިންފްލްއެންޒާގެ ބާވަތްތަކުގެ ތެރެއިން އިންސާނުންނަށް އެންމެ ގިނައިން ޖެހެނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ އެވެ.