ހަބަރު

ދެ ފަނޑިޔާރުންގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

May 23, 2018
1

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަތައް ރަޖިސްޓްރީކޮށްފި އެވެ.

ހައިކޯޓުން ރަޖިސްޓްރީކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ އާއި ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިވާފައިވަނީ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އުފުލާފައިިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އަށެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.