ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ޓިކެޓް ވިއްކަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އޭނާގެ ޓީމެވެ. އެއީ ޝައްކު ހިނގާ ކަމެއް ނޫނެވެ. އެ ޓީމްގެ ތެރޭގައި ނައިބު ރައީސްގެ ދެބެންގެ ދެދަރި ކޮއްކޯފުޅު މުހައްމަދު މަލީހު ޖަމާލު ހިމެނި ވަޑައިގަންނަވަ އެވެ. އެ ކެމްޕޭނުގައި "މަލީހާއި އަމީން" ވެ ވަޑައިގެންނެވީ ރައީސް ޔާމީން "ހިނިތުން" ކުރުވައިދީ އިލްމީ ގޮތުން "ބޫޓު އޮފް ކޮށްދޭ" ދެ ކުދީންނަށެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ އޮފް ކަނޑުވައިލަން ދެއްކި ހުރިހާ ވަހަކައަކަށް އިލްމީ ގޮތުން ޖަވާބުދިނެވެ. ހަދިޔާއަކަށްވީ ރައީސް ޔާމީންގެ ކެބިނެޓްުން މަލީހަށް ޖާގަ ލިބުމެވެ. ކެބިނެޓުން ނޫން ނަމަވެސް ބާރުގަދަ ވަޒީރެއްގެ ގޮތު، ކުޑަކުޑަ އަމީން ވެސް ބޮޑު ބޭފުޅަކަށްވުމެވެ.
ކަމެއްގައި ރައީސް ޔާމީން ބޭނުންފުޅުވާ ފިޔަވަޅެއް އެޅުމަކީ ހައިރާންވާން ޖެހޭވަރު ކަމެއް ނޫނެވެ. އެމަނިކުފާނު އަޅުވާން ބޭނުންފުޅުވާ ފިޔަވަޅެއް ނަމަ އެ ފިޔަވަޅެއް އަޅުއްވާނެކަން މިހާތަނަށް އޮތީ ސާބިތުކޮށް ދެއްވާފަ އެވެ. އެހެން ނަމަވެސް ޔޫތު މިނިސްޓަރު މަލީހު ކެބިނެޓުން ބޭރުވެގެން ދިޔަ ގޮތް އެއީ ހައިރާންވާރު ކަމެކެވެ. މަލީހުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވެސް ކެބިނެޓުން ބޭރު ކުރެއްވި އެވެ. އެވީ ގޮތެއް ވެގެން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވެސް ގެއަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްސަލަ ފެންމަތިވެ މަގާމުން ދުރު ކުރި އެވެ. އެބޭފުޅުންގެ މައްސަލަ ސާފެވެ. ވީގޮތް އެނގެ އެވެ. އެއާހިލާފަށް މަލީހުގެ މައްސަލައިގައި ކޮސްވާ ގޮތް ވަނީ މަލީހަށް އެ ވީގޮތް އެނގޭ މީހަކު ވެސް ނެތީމެވެ.
މި މައްސަލައިގައި މަލީހު ވިދާޅު ބަސްފުޅަކީ ކޮބައިތޯ ބަލަން "އަވަސް" އިން މަސައްކަތް ކުރި އެވެ. ނަމަވެސް އެމަނިކުފާނު ފޯނެއް ނުނަންގަވަ އެވެ. ބައެއް ނޫސްވެރިންނާއި ބައެއް އެކުވެރިންނާއެކު ބައެއް ދިމަ ދިމާއިން މި ދެދުވަހު މަދު މަދުން ފެނި ވަޑައިގެންނެވި ނަމަވެސް މަލީހު ހުންނެވީ "ސައިލެންޓް މޯޑް" ގައެވެ. އެހެންވީމާ މިއީ ވަރަށް އާދަޔަ ހިލާފު ގޮތަކަށް ކެބިނެޓުން ބޭރުކޮށްލެވުނު ވަޒީރެކެވެ.
އެއް ކަމަކަށް ވަޒީރު ކަމުން ވަކި ކުރައްވާކަން ކުރިން އެނގިވަޑައިގެންފައި އޮތްނަމަ، އެފަދަ އިޝާރާތެއް ލިބިވަޑައިގެންފައި އޮންމަ، ބުދަ ދުވަހު ހެނދުނު ލޮނު ޒިޔާރަތްކޮޅު ސުނާމީ ބިނާ ސަރަހައްދުގައި ބްރިޖް މަޝްރޫއުގެ ބޯހޯލް ތޮރުފުމުގެ "އާދަޔާހިލާފު" ރަސްމިއްޔާތަށް މަލީހު ވަޑައިގަންނަވާނެ ހެއްޔެވެ؟ އެ ރަސްމިއްޔާތުގެ ފޮޓޯތަކަށް ބަލާއިރު މަލީހު ފެނި ވަޑައިގަތީ "ކަރެސްމެޓިކް" މޫނަކާއެކު އެވެ. އަތް އުއްކަވާ ވަރަށް ސަމާސާ ކުރައްވާފައި ހުރިކަން ވެސް އަދި ބާރަށް އަތްތިލަބަޑި ޖައްސަވާފައި ހުރިކަން ވެސް އެނގެ އެވެ. އެހެން ކަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ކޮންމެ ގޮތަކަށް ތަރުޖަމާ ކޮށްދެއްވި ނަމަވެސް އާ ވަޒީރުން ހުވާ ކުރައްވާ ކަން ވެސް އަދި މަލީހަށް މަލީހުގެ މަގާމު ގެއްލި ވަޑައިގެންފިކަން ވެސް އޭނައަށް އެނގި ވަޑައިގަންނަވާނީ ވަރަށް ކުޑަތަން ވެފައި ވަނިކޮށް ނޫނީ ރައީސް އޮފީހުގައި ރަސްމިއްޔާތު ހިނގަމުން ދަނިކޮށެވެ.
"މަލީހަށް އެއްވެސް ކަމެއް ދުރާލާ ވެސް އަދި ހެނދުނު ވެސް އެނގިވަޑައިގެންފައެއް ނެތް. އެ ހަބަރު އެނގި ވަޑައިގެންނެވީ މީޑީއާއިން ހަބަރު ބުރޭކް ކުރި ހިސާބުން. އަސްލު މަލީހަށް ވީ ގޮތް މަލީހަށް ވެސް ނޭނގޭ،" މަލީހުގެ ގާތް ބޭފުޅަކު މިދިއަ ބުދަ ދުވަހު ވިދާޅުވި އެވެ. އޭނާ އަވަސް އަށް ގުޅީ ވެސް މަލީހަށްވީ ގޮތެއް އަވަސް އަށް ސާފުވެފައި އޮތްތޯ ބަލާށެވެ. " މިނިސްޓްރީގައި ހުންނަވަނިކޮށް މަލީހަށް އެ ހަބަރު ލިބި ވަޑައިގެންނެވުމުން ލަސް ނުކުރައްވާ މިނިސްޓްރީ ނުކުމެ ވަޑައިގެންފި،"
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓަރު ކަމުގެ ހުވާ ކުރައްވަން ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވަޑައިގެންނެވީ ފައިނޭންސް ފޯރަމަށް ވަޑައިގެން ރަށުން ބޭރުގައި ހުންނެވުމަށްފަހު އެވެ. އެ ދުވަހު ހެލްތު މިނިސްޓަރު ކަމުން ޔޫތު މިނިސްޓަރު ކަމަށް ބަދަލުވެ ވަޑައިގަންނަވާ ހުވާ ކުރައްވާކަން ކުރިން އެނގިވަޑައިގެންފައި އޮތް ނަަމަހީ ރިސޯޓް ރަށެއްގައި އޮތް ފައިނޭންސް ކޮންފަރެންސް އަށް ޒުހޫރު ވަޑައި ގަންނަވާނެހެނެއް ހީއެއް ނުވެ އެވެ.
އަނެއްކޮޅު މަލީހަށް މަގާމު ގެއްލިދާނެ ކަމަށް ކުރިންސުރެ ދެކެވެމުން އައި ވާހަކަތައް އޮބިފައި އޮންނަތާ ކިތަންމެ މަސްތަކެއް ވެއްޖެ އެވެ. އަދި މަލީހާ އެންމެ ބޮޑަށް ހިޔާލު ތަފާތުވާ ކަމަށް ބުނަމުން އައި ސްޓޭޓް މިނިސްޓަރު ޣައްސާނު ވެސް މިހާރު ހުންނެވީއަކީ އެ މިނިސްޓްރީއަކު ނޫނެވެ. އެހެން ކަމުން މަލީހުގެ ކެބިނެޓުން ބޭރުވީ ވަރަށް ކުއްލި ގޮތަކަށް ހިނދުކޮޅެއްގެ ތެރޭގަ އެވެ. އެފަދަ އިޝާރާތެއް އެއް ވެސް ދިމާއަކުން މީޑިއާގައި ހިލަން ވެފައެއް ވެސް ނެތީ އަދި ކަން ހިނގައި ދިޔަ ގޮތް އެގޮތަށް އޮތީ އެހެންވީމާ ކަމަށް ބުނެވިދާނެ އެވެ.
"މިއީ ހަމަ ރައީސްގެ ކުއްލި ނިންމުމެއް ކަމަށް ބެލެވެނީ. އަދި މިއީ އާދައިގެ ނިންމުމެއް ކަމަށް ބަލާކަށް ވެސް ނުވާނެ. މިއީ ކޮންމެވެސް އާދަޔާހިލާފު ކަމެއްގެ ނިޝާނެއް،" ވަޒީފާ އަށް ބަދަލެއް ގެނައި ނޫސްވެރިޔަކު އޭނާގެ ހިޔާލު ފާޅު ކުރި އެވެ.
މަލީހު ވަކި ކުރުމާ ބެހޭ ގޮތުން އޮތީ އަޑުތަކެވެ. ބައެއް މީހުން ބުނާ ގޮތުގައި މަލީހު ވަކި ކުރެއްވީ މަސައްކަތްތައް ލަސްވެ، ފުނިޖެހި ނަތީޖާ ނުނެރިވި އެ ރޯލް ވެސް ޓޫރިޒަމް މިނިސްޓަރު އަދީބު ކުޅެން ޖެހުމުންނެވެ. އަނެއް ބައި މީހުން ބުނަނީ އޭއެފްސީ ޗެލެންޖް ކަޕާ ގުޅުން ހުރި ހިޔާނަތުގެ މައްސަލައެއްގައި ކަމަށެވެ. އޭގެ ތެރެއިން އަދި އެހެން ވާހަކައެއް ވެސް އުފުލެ އެވެ. އެއީ ޔޫތުގެ ސްޓޭޓް މިނިސްޓަރު ކަމުން ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ބަދަލު ކުރެއްވި ޣައްސާނު މައުމޫން، މަލީހާ ބެހޭ ގޮތުން ރައީސް އަރިހުގައި މާ ގިނައިން ކުޓުވީ އެވެ. -- ދެތިކި ޕީ
މި ހުރިހާ ވާހަކަތަކަކީ މިދިއަ ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ މަތީ ފަށަލައިގައި އޮތް ވާހަކަތަކެވެ. އޭގެ އަޑީގައި އަދި އެހެން ވަހަކަތަކެއް އެބަ އުޅެ އެވެ.
އެއީ ކުރީގެ ޑިފެން މިނިސްޓަރު ނާޒިމް ބޭރު ގައުމެއްގައި ހުންނަވައިގެން މަލީހާ ހިއްސާ ކުރެއްވި ޕްލޭނެއްގެ ވާހަކަ މަލީހަށް އެނގިވަޑައިގެން ހުންނަވާމެ ރައީސާ އެކަން ހިއްސާ ކުރައްވާފައި ނެތުން ކަމަށް ބުނާ ވާހަކަ އާއި ނައިބު ރައީސް މަގާމުން ބޭރު ކުރަން މަސައްކަތް ފެށީކަން ދައްކާލުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ބުނާ ވާހަކަ އެވެ.
"ބުނެވެނީ ނާޒިމްގެ ޕްލޭނެއް މަލީހާ ހިއްސާ ކުރެއްވިއޭ، އަދި އެ ވާހަކަ މަލީހު ހޯމް މިނިސްޓަރު އުމަރު ނަސީރު ގާތުގައި ރައީސަށް ހިއްސާ ކޮށްދޭށޭ ވިދާޅުވިއޭ، ނަމަވެސް އުމަރު، ތިމަން ދަންނަވައިފިނަމަ އެފަދަ ވާހަކައެއް ރައީސަށް ގަބޫލުފުޅު ކުރައްވަން ދަތިފުޅު ވެދާނެ ކަމަށައި މަލީހު އެކަން ހިއްސާ ކުރެއްވުމަށް ދެންނެވުމުން ވެސް މަލީހުން އަޅައިނުލައްވާ ހުއްޓާ އުމަރު އެވާހަކަތައް ރައީސަށް ދެއްނެވީ ކަމަށް،" ބޭފުޅަކު ވިދާޅުވި އެވެ. "މިއީވެސް ދެކެވޭ ވާހަކައެއް މިކަން ސާބިތުވާނެ ގޮތެއް ނެތް. މި ވާހަކަ ދައްކައިގެން ސާބިތު ނުހިފޭ ވާހަކަ ދައްކާ މީހުންނާ މެދު މިހާރު އަމަލު ކުރަން އުޅޭ ކަމށް ބުނާ އުސޫލުން ކަމެއް ހިނގައިދާނެތީ އަޅުގަނޑު ވެސް ބޭނުމެއް ނުވޭ ނަންޖަހާކަށް،"
ހަގީގަތަށް ބަލާއިރު މަލީހު ވަކި ކުރެއްވީ ނާޒިމާ ގުޅުހުން ހުރި ކަމެއްގައި ކަމަށް ވަންޏާ މަލީހަށް ރޯޅި އައުން ތަންކޮޅެއް ލަސްވެއްޖެ އެވެ. އެހެން ކަމުން އެއީ ހަގީގަތަށްވުމަށްވުރެ ތަންކޮޅެއް ދުރެވެ. ނޫނީ އެއީ ހިނގާފައި އޮތް ކަމެއް ނަމަ އެނޫން ގޮތަކަށް ވެސް އެކަން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނައިބު ރައީސް މަގާމުން ދުރު ކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވައޭ ބުނާ ބުނުމުގައި ހަގީގަތެއް އޮތް ކަމަށް ވަންޏާ މި ވާހަކައިގައި މިންވަރެއްގެ ހަގީތެއް ވެސް އޮވެދާނެ އެވެ.
މަލީހަކީ މަޑުމައިތިރި އިލްމީ ބޭފުޅެވެ. ފަހަރުގައި ރައީސް ޔާމީން ބޭނުންފުޅުވާހާ ބާރަށް ހިންގާވާ އަދި އަމަލީ ގޮތުން އެހާ ޝާޕް ބޭފުޅަކަށް ވެސް ނުވެދާނެ އެވެ. އަދި މިނިސްޓަރު ކަމުން މަލީ ވަކި ކުރުމަކީ ވެސް މައްސަލައެއް ވެސް ނޫނެވެ.
ނަމަވެސް ހިނދުކޮޅެއްގެ ތެރޭ ކުއްލި ގޮތަކަށް ޖެހި ރާޅެއް ފަދައިން މަލީހު "ބުރުވައި" ލުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށް ބަލަން ޖެހެނީ އެވެ. މަލީހު ބޭރުކޮށްލުމަކީ ނައިބު ރައީސް ޖަމީލު، މަގާމުން ދުއްވާލުމުގެ ރަސްމީ މަސައްކަތް ފެށުމުގެ އަލާމަތް ކަމަށް ދެކޭ މީހުން މި ދެތިން ދުވަހުގެ ތެރޭގައި މަދެއް ނޫނެވެ.
މިއީ އޭގެ ސަބަބު ކަމަށް ހަމަ ވެދާނެ ހެއްޔެވެ؟
"ރައީސް ޔާމީނަކީ ކަމެއް ކުރެއްވުމުގެ ކުރިން ރިއެކްޝަން ޓެސްޓް ކުރައްވާ ބޭފުޅެއް. މާޒީގައި ހިނގާފައި ހުރި ކަންކަން ހިނގާފައި ހުރި ގޮތަށް ނޫސްތައް ހާވާލައިގެން ބަލައިލުމުން އެނގޭނެ ބޭނުންފުޅުވެ ވަޑައިގަންނަވާ ފިޔަވަޅު އެޅުއްވުމުގެ ކުރިން ރިއެކްޝަން ބަލައިލަން ޓެސްޓް ކުރައްވާކަން. އެ ނަޒަަރުން ބަލާއިރު މި ކަހަލަ ގޮތަކަށް މަލީހު މިނިސްޓަރު ކަމުން ދުރު ކުރުމަކީ ނައިބު ރައީސް މަގާމުން ދުރުމުގެ މަސައްކަތް ފެށުނީ ކަމަށް ބެލެވިދާނެ. އަދި މަލީހު ބޭރުކޮށްލުމަކީ ޖަމީލުގެ ރިއެކްޝަން ބަލައިލެވިދާނެ ގޮތެއް ކަމަށް ވެސް ވިސްނުންފުޅުގައި ގެންގުޅުއްވާފާނެ،" ސިޔާސީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
މަލީހުގެ މައްސަލައަކީ ނައިބު ރައީސް ބޭރު ކުރުމުގެ އަލާމާތެއް ކަމުގެ ވިސްނުން ގެންގުޅޭ ބައެއް މީހުން ބުނާ ގޮތުގައި ނައިބު ރައީސް ވަކި ކުރުމުގެ ކަންކަން މަޖިލީހުގެ ތެރެއިން ގެންދާނެ ގޮތުގެ މަޝްވަރާތަކެއް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް ކުދި ގްރޫޕްތަކުގެ ތެރޭގައި ވަނީ ކޮށްފައެވެ. އަދި އެހިސާބަށް ދާން ޖެހުނު މައިގަނޑު އެއް ސަބަބަކީ މަލީހު އިސްކޮށް ހުންނަވައިގެން ނައިބު ރައީސަށް ޕްލެޓެފޯމެއް ކުރިއޭޓް ކޮށްދޭން ބައެއް ދިމަ ދިމާއިން މީޑިއާ ކޮންޓްރޯލް ކުރަމުން ދިއުން ކަމަށް ބުނެ ވެއެވެ.
މި ވާހަކަ އޮތަސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި މި މައްސަލައަށް ބަހުސް ހިނގާފައިވާ ކަން ނުވަތަ ނޫންކަން ޔަގީނާ ގާތަށް ބުނެދެވޭ މީހުނެއް ނޫޅެ އެވެ. އެހެން ނަމަވެސް މަލީހުގެ އިސްކޮށް ހުންނަވައިގެން މީޑިއާގެ ބައެއް ދިމަ ދިމާއިން ކޮންޓްރޯލެއް ނަގަން އުޅޭ ކަމަށް ބުނާ މީހުން ކުރާ ތުހުމަތަކަށް އަލިކަމެއް ލިބޭ ބައެއް ނިޝާންތައް ފެނެ އެވެ. ހިސާބަކަށް ދިރާސާ ކޮށްލައިފިނަމަ ގުޅުވައި ލެވިދާނެ ބައެއްކަންކަން ފަސޭހައި ހޯދައި ލެވިދާނެ އެވެ.
ސިޔާސީ ބައެއް އެހެން ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ފެންނަ ފެނުމަށް ބަލާއިރު ޖެހިގެން އުޅެނީ އަކީ މަލީހުގެ މައްސަލައެއް ނޫނެވެ. ސިޔާސީ ގޮތުން ކޮންމެވެސް އެހެން ބޮޑު ކަމެއް ކުރިމަތިވާން އުޅެނީ އެވެ. އެފަދަ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މަސައްކަތް ނުކުރެވިގެން މަލީހު ބޭރުކުރަން ޖެހި ވަޑައިގަންނަވައިގަނެގެން ޔޫތު މިނިސްޓްރީއަށް ޒުހޫރު ލައްވާކަށް ޖެހި ވަޑައެއް ނުގަންނަވަ އެވެ. ސަބަބަކީ އޭނާއަކީ މަލީހަށް ވުރެ ވަކީ މޮޅު ނަތީޖާއެއް މަސައްކަތުގައި ދެއްކެވިފައިވާ ބޭފުޅަކަށް އަދި ނުވާތީ އެވެ.
"ޒުހޫރުގެ މައްސަލައަކީ ވެސް ހެއްވާ ކަމެއް. އޭނައަށް ކަސްޓަމްސް ހިންގަން އެނގޭ. އޭނާއަށް ހެލްތު ރަނގަޅު ކުރަން ވެސް އެނގޭ. އޭނާއަށް ޔޫތު ހިންގަންވެސް އިނގޭ، އެއިން ކޮންމެ ތަނެއްގައި އޭނަ ހުންނަވަނީ ކުޑަ ދުވަސްކޮޅަކު... އެހެންވީމާ އެބަ އެނގޭ ދެއްތޯ ކޮންމެހެން ހިންގުންތެރި ކަމުގައި މާ ކާމިޔާބު ބޭފުޅަކަށް ވެގެން އަދި މަލީހަށް އެ ނަތީޖާ ނުނެރެވިގެން ، އޭނާ ވަކިކޮށް ޒުހޫރު ލެއްވީއަކީވެސް ނޫން ކަން. މީގައި ކޮންމެސް އެހެން ސްޓެރެޓަޖީއެއް ގެންގުޅެނީކަން. އަނެއްކޮޅުން ޒުހައިރަށް ވެސް ޔޫތު މިނިސްޓަރުކަން ދެއްވާކަން މި އެނެގެނީ ކޯޓްލައިގެން ރައީސް އޮފީހަށް އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވާ ފޯންކޯލް ދިޔައިމަ ކަމަށް ވަނީ،" ނޫސްވެރިންނާއެކު ވަރަށް ގިނައިން ސިޔާސީ މައުލޫތަކަށް ވާހަކަ ދައްކަވާ ބޭފުޅަކު ވިދާޅުވި އެވެ.
މަލީހުން ހުންނެވީ އަދިވެސް ހިމޭނުންނެވެ. އޭގެ ފަހުން ނައިބު ރައީސް ވެސް ހުންނެވީ ހިމޭނުންނެވެ. ރައީސް ޔާމީން ވެސް ހުންނެވީ ހިމޭނުންނެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން އަންނަ ބިޔަ ރާޅެއް ކަމަށް ވަންޏާ ރާޅު ނަގާ ގަޑީގައި ހިމޭންކޮށެއް ނޯންނާނެ އެވެ.