ހަބަރު

އީސީން ނަޝީދަށް ހުރަސް އަޅަނީ ގާނޫނާ ހިލާފަށް: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ބައިވެރި ނުވެވޭނެ ގޮތަށް އިލެކްޝަން ކޮމިޝަނުން ހުރަސް އަޅަމުންދަނީ ގާނޫނާ ހިލާފަށް ހަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ނަޝީދަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ބޭފުޅެއް ކަމުގައިވާތީ އެ މުއްދަތުގެ ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅެއް ބައިވެރިކޮށްގެން ބާއްވާ ޕްރައިމަރީއެއް ބަލައި ނުގަންނާނެ ކަމަށް އީސީ ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދު ދެއްވައި އީސީއަށް އެމްޑީޕީން ފޮނުވި ސިޓީގައި ވަނީ ރައީސް ކަމަށް ކުރިމަތިލާމީހާ ޝަރުތު ހަމަވޭތޯ ބެލުމުގެ ބާރު އީސީ އަށް ލިބިގެންނުވާ ކަމަށާއި އެބާރު ރާއްޖޭގެ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުން ލިބިިދީފައިވަނީ ސުޕްރީމް ކޯޓަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތައް ފުރިހަމަވާ ކަމާމެދު ހިޔާލުތަފާތު ވުމެއް އުފެދިއްޖެ ނަމަ އެކަމެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ހާޒިރުގައި ކަމަށެވެ. އަދި އަދި އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

ގާނޫނު އަސާސީގެ 69 ވަނަ މާއްދާއާ ހަވާލާދީ އެމްޑީޕީން ބުނީ، އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް މާނަކޮށސް ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ނަޝީދަށް ޕްރައިމަރީގައި ވާދަ ކުރުމުގެ އެއްވެސް ހުރަހެއްނެތް ކަމަށާއި އީސީން ހުރަސް އެޅޭގޮތަށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ހިލާފުވުން ކަމުގައި ސިޓީގައި ވެއެވެ.

ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމަކީ ހައްގު ނޫން ޖަލުހުކުމެއް ކަމަށާއި އެ ނިންމުން ބާތިލްކުރުމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ބުނެފައިވަތީ، އެމްޑީޕީން ބުނީ، ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން އަމަލު ކުރުން ލާޒިމް ކަންކަން ކަމަށެވެ.

އެމްޑީޕީން ބުނީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުންވެސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަން ވަރަށް ސާފުކޯށް އިނގިގެން ގޮސްފައިވާ ކަމަށާއި އެކަމަށް މިހާރު އެއްވެސް ހުރަހެއްނެތް ކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އެކެއް ފެބްރުއަރީގައި ނެރުނު ހުކުމްގެ އެއްބައި ވަނީ ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ.

ސިޓީގައި އިތުރަށް ވަނީ، ނަޝީދަށް ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި އީސީން ހިންގަވަމުން ގެންދާ އަމަލުތައް ހުއްޓާލުމަށާއި އެޕާޓީއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ކުރައްވަމުން ގެންދާ ކަންކަމަކީ ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދާ ކަންކަން ކަމަށް ސިޓީގައި ވެއެވެ.