އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ކުރުމުން އެ މައްސަލައާ ގުޅޭ ޝަރީއަތްތައް މާދަމާ ފެށުމަަށް ހައި ކޯޓުގައި ތައާވަލުކޮށްފި އެވެ.
އެ ދެ ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސާބިތުވެގެނެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލަ 10:15 އަށް ތައާވަލު ކޮށްފައިވާއިރު އަލީ ހަމީދުގެ މައްސަލަ ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިވާފައިވާ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ވެސް ވަނީ ހައި ކޯޓުން ބަލައިގެންފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުން ނެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން އިތުރަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް ކޮށްފައިި ވެއެވެ. އަދި އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.