ހަބަރު

ކުށް ކުރާ ކުދިން ދަނީ އިތުރުވަމުން: ޖެންޑާ

ވައްކަމާއި މާރާމާރީއާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި ވިއްކުން ފަދަ ކުށްތަކަށް ކުޑަކުދިން އަރައިގަންނަ މިންވަރު އިތުރު ވެފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީން ފާއިތުވި ތިން މަހު ނެރުނު ތަފާސްހިސާބަށް ބަލާއިރު ތަފާތު ކުށްތަކަށް ކުޑަކުދިން އަރައިގަތުމުގެ 37 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ވައްކަން ކުރުމުގެ 10 މައްސަލައާއި މާރާމާރީގެ 8 މައްސަލަ އަދި މަސްތުވާ ތަކެތިން ބޭނުންކުރުމާއި ވިއްކުމުގެ މައްސަލަތައް ހިމެނެ އެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ކުދިން ކުށް ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވާނަމަ އެއީ މުޖުތަމައުގެ ކުރިއެރުމަށް އޮތް ބޮޑު ނުރައްކަލެކެވެ. ބެލެނިވެރިންނާއި ސްކޫލްތަކަށް މިއީ ބިރުވެރި އިންޒާރެކެވެ. އެހެންކަމުން ކުދިން ކުށްތަކާއި ކުށްކުރުމުން ދުރުކުރުމަށް މަސައްކަތް ކުރުމަށް މިހާރަށްވުރެ ބޮޑަށް ޒިންމާދާރު ފަރާތްތަކުން މަސައްކަތް ކުރަންޖެހެ އެވެ.

ޖެންޑާގެ ތަފާސްހިސާބަށް ބަލާއިރު އިތުރުވެފައިވަނީ ކުދިން ކުށްކުރާ މިންވަރު އެކަންޏެއް ނޫނެވެ. ކުދިންގެ އަހުލާގީ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. މަދެއް ނުވެ އެވެ.
މިދިޔަ މަހު ކުދިންގެ އަހުލާގީ މައްސަލަތަކުގެ ގޮތުގައި 17 މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. މީގެ ތެރޭގައި މާ ބޮޑަށް ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ހަ މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަ މައްސަލަ، އަދި ގެއިން ނުކުމެގެން ދިޔުމުގެ ފަސް މައްސަލަ ހިމެނެއެވެ.

ކުދިން ކުށްތަކަށް އަރައިގަންނަ ނިސްބަތް އިރުރުވާއިރު، ކުދިންނަށް އަނިޔާކުރާ މައްސަލަތައް ވެސް އަހަރެއް އަހަރަކަށް އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް އަނިޔާކުރުމުގެ 800 އަށްވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓޤރީއަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މަންތްލީ ކޮށް ކުޑަކުދިންނަށް އަނިޔާކުރުމުގެ ކޭސްތައް ރިޕޯޓްކުރާ މިންވަރަށް ބަލާނަމަ އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 117 އެއްހާ މައްސަލައެވެ. ނުވަތަ މިއަށްވުރެ ގިނަ އެވެ. ކުދިންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަ ތަކެވެ. ދެން އެންމެ ގިނައީ ޖިންސީ ގޯނާ ނުވަތަ އަނިޔާ ކުރުމުގެ މައްސަލަތަކެވެ.